އެމެރިކާގެ ޖައްވީ އިދާރާ ކަމަށްވާ ނާސާއިން އާންމުކޮށް ބަލަމުންދަނީ ހަނދަށާއި މާސްއަށެވެ. ސަބަބަކީ އެ ދެ ތަނަކީ މިހާރު ގިނަ ގައުމުތަކެއްގެ ޖައްވީ މިޝަނާއި ގުޅިފައިވާ ތަނަކަށްވުމުން އެންމެ ކުރިން އިންސާނުން މާސްއަށް ފޮނުވުމަކީ އެމެރިކާގެ ހުވަފެނެކެވެ. ނަމަވެސް މީގެ ތިން ދުވަސް ކުރިން ނާސާއިން މިވަނީ އެހެން ވާހަކައެއް ދައްކާފަ އެވެ. މިހާތަނަށް ހޯދިފައިވާ އެންމެ ކުޑަ ޕްލެނެޓް ކަމަށްވާ ޕުލޫޓޯއަށް ދާން ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް މިއީ އަދި މުޅިން ޔަގީން ކަމެއް ނޫނެވެ.
ޕުލޫޓޯއަކީ ސޯލާ ސިސްޓަމުގައި ހިމެނޭ ކުޑަ ޕްލެނެޓު ކަމަށްވިޔަސް ޕްލެނެޓާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ނާސާއަށް ލިބިފައެއް ނުވެ އެވެ. ޕުލޫޓޯއާ ބެހޭ ގޮތުން ނާސާއަށް އެގެނީ ވަރަށް މަދު މައުލޫމާތެވެ. މީގެ ކުރިން ކޮށްފައިވާ ދިރާސާތަކަށް ބެލުމަށްފަހު ނާސާއިން ވަނީ ޕުލޫޓޯ ޕްލެނެޓުގެ ކެޓަގަރީން އުނިކޮށް ސޯލާ ސިސްޓަމްގައި ހިމެނޭ ތަރިއެއްގެ ލަގަބު ދީފަ އެވެ. ނަމަވެސް މިއަހަރު ފެށުނުތަނާހެން ނާސާގެ ވެރިޔާ ޖިމް ބްރިޑްސްޓެއިން ވަނީ ޕުލޫޓޯއަށް ޕްލެނެޓެއްގެ ލަގަބު އަލުން ދޭންޖެހޭ ކަމަށް ބުނެފަ އެވެ. ޕުލޫޓޯއަކީ ޕްލެނެޓެއް ނޫންކަމަށް ނާސާއިން ކަނޑައެޅުމުން އެހެން ޖައްވީ އިދާރާތަކުން ވަނީ އެކަން ގަބޫލު ނުކުރަން ނިންމާ ނާސާގެ މައުލޫމާތުތަށް ގޮންޖަހާފަ އެވެ.
ޕުލޫޓޯއަށް ޖައްވީ އުޅަނދެއް ފޮނުވުމުގެ މަސައްކަތް ކުރުމުގެ ގޮތުން ނާސާއިން ވަނީ ސައުތް ވެސްޓް ރިސާޗް އިންސިޓިއުޓަށް ފަންޑުކޮށްފަ އެވެ. މިކަން ހާމަކޮށްފައިވަނީ މިހަފްތާގެ ތެރޭގަ އެވެ. ސައުތު ވެސްޓު ރިސާޗް އިންސިޓިއުޓުން ކުރާ ދިރާސާގައި ޕުލޫޓޯ އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ޕުލޫޓޯގެ ވެއްޓާއި އެކަށީގެންވާ ޖައްވީ އުޅަނދެއް ބަނުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ވެސް އެއްކުރާނެ އެވެ.
ސައުތު ވެސްޓް ރިސާޗް އިންސިޓިއުޓުން ވަނީ މީގެ ކުރިން ވެސް ޕުލޫޓޯ ދިރާސާ ކުރުމުގެ ގޮތުން ޖައްވީ އުޅަނދެއް ފޮނުވާފަ އެވެ. އަދި ޕުލޫޓޯ ދިރާސާކުރުމުގެ ގޮތުން ފޮނުވި އުޅަނދުން ވަނީ ޕުލޫޓޯގެ އެންމެ ފުރަތަމަ ފޮޓޯ ނަގާފަ އެވެ. މި ފޮޓޯއިން ފެންނަ ގޮތުގައި ޕުލޫޓޯގައި ގިނަ އަދަދަކަށް ގަނޑުފެން އެކުލެބިގެންވެ އެވެ. އަދި ޕުލޫޓޯގެ ބިމުގެ ސަތަހައަކީ ހަރު ކަމެއް ލިބިގެންވާ ސަތަހެއްކަން ފޮޓޯ ދިރާސާ ކުރުމުން އެގިގެން ދިޔަ އެވެ.
ދެވަނަ ފަހަރަށް ޕުލޫޓޯގެ މިޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ސައުތް ވެސްޓް ރިސާޗް އިންސިޓިއުޓުން އުޅަނދު ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. މި އުޅަނދު މިހާރު ވަނީ ޕުލޫޓޯ ހިމެނޭ ބެލްޓުގެ ތެރެއަށް ވަދެފަ އެވެ. މި އުޅަނދުގެ އެހީގައި ޕުލޫޓޯއާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް އެގިގެންދާނެ ކަމަށް ބެލެވެ އެވެ. މި އުޅަނދު ޕުލޫޓޯ ދިރާސާ ކުރުމުގެ މަސައްކަތުގައި ދިގު މުއްދަތެއް ހޭދަކުރާނެ އެވެ. އެހެންކަމުން މީގެ ކުރިން ނޭގި ހުރި ގިނަ މައުލޫމާތުތަކެއް ޕުލޫޓޯއާ ބެހޭގޮތުން އެގިގެންދާނެ ކަމަށް ބެލެވެ އެވެ.