ލައިފްސްޓައިލް

އަސްލު "ސްޕައިޑާ ވުމަން" އެއް ދުށިންތަ؟

އޭރީސް ސުސާންތީ ރަހާޔޫ އަކީ އިންޑޮނީޝިއާގެ ކްލައިމްބާ އެކެވެ. އޭނާ ފާރު ފާރަށް އަރާހާ ހަލުވި މިނުގައި އެއްވެސް މީހަކަށް ފާރު ފާރަކަށް ނޭރެ އެވެ. ފާރަށް އަރާ އެންމެ ހަލުވި މީހާގެ ރެކޯޑް އޭރިސް މިހާރު ވަނީ މުގުރާލާފަ އެވެ. 15 މީޓަރު ހުންނަ ފާރަކަށް އޭނާ އެންމެ ހަތް ސިކުންތުގެ ތެރޭގައި އަރަ އެވެ.

މި މީހާ ހަލުވިކަމާއެކު ފާރަށް އަރައި ރެކޯޑް ހެދި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނި ދައުރުވަމުންނެވެ. މި ވީޑިއޯގައި އޭރީސް ހުންނަނީ ރަތް ޖާޒީއެއް ލައިގެން އަދި ބުރުގާ އަޅައިގެންނެވެ. ޗައިނާގެ ޒިއާމަންގައި އޮތް އައިއެފްއެސްސީ ކްލައިމްބިން ވޯލްޑް ކަޕްގެ ވިމެންސް ސްޕީޑް ކެޓަގަރީގައި ވާދަކުރަމުން އޭރީސް ފާރަށް އެރިލެއް ހަލުވިކަން ފެނިފައި ގިނަ ބަޔަކު އޭނާއަކީ "ސްޕައިޑާ ވުމަން" ގެ ގޮތުގައި ސިފަ ކޮށްފައި ވެއެވެ.

ހުރިހާ ރެކޯޑެއް މުގުރާލުމަށްފަހު އޭރީޒް ވަނީ ހަތް ސިކުންތު ތެރޭގައި މި ފާރަށް އެރި ފުރަތަމަ އަންހެނާގެ ރެކޯޑް ގާއިމްކޮށްފަ އެވެ. މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އޭރީޒް ރެކޯޑް ހެދި ދުވަހު އޭނާގެ އިނގިލިތައް ހުރީ ޒަޚަމް ވެފަ އެވެ. ނަމަވެސް މިއީ އޭނާ ރެކޯޑް ގާއިމް ކުރުމަށް އޮތް ހުރަހަކަށް ނުވި އެވެ.

މި ވީޑިއޯ އެތައް މިލިއަން މީހުންނެއް ބަލާފައި ވެއެވެ. އަދި އެތައް ލައްކަ މީހުންނެއް މި ވީޑިއޯއަށް ލައިކް ދީފައި ވެއެވެ. މި ފުރިހަމަ ކާމިޔާބަށްފަހު ޖަކާތާ ޕޯސްޓަށް ދީފައިވާ އިންޓަވިއު އެއްގައި އޭރީޒް ވަނީ އޭނާއަށް ތާއީދުކުރާ އަދި އެހީތެރިވާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.