ބައެއް މީހުންނަކީ ޝައްކާއި ވަހުމްގެ ވަރަށް ބޮޑު ބައެކެވެ. ހުރާފަތުގެ ސަބަބުން ދުނިޔޭގައި އުޅެން ދަތިވެފައިވާ މީހުން ވެސް މަދެއް ނޫނެވެ. މަގުމަތިން ދަނިކޮށް ކަޅު ބުޅަލެއް ކުރިކަނޑައިފިނަމަ އެ މަގުން ކުރިޔަށް ނުގޮސް އަނބުރާލާފައި އައިކޮޅަށް ދިއުން ފަދަ ކަންތައްތައް ވެސް ބައެއް މީހުން ކުރާ ކަމަށް ކުރީ ޒަމާނުގެ ބައެއް މީހުން ބުނެ އުޅެ އެވެ.
އިންޑީއާގެ މީހެއް ކަމަށްވާ ޗިންތާހަރަން ޗައުހާން އަކީ މި ކަހަލަ ކަންކަން ގަބޫލުކުރާ މީހުންގެ ތެރެއިން ވެސް އަރާހުރި މީހެކެވެ. އުއްތަރު ޕްރަދޭޝްގެ ޖޯންޕޫރަށް ނިސްބަތްވާ މި މީހާ ކޮންމެ ދުވަހަކު ވެސް އާ ކައިވެނީގެ ދުވަހު އަންހެނުން އަޅާ ގޮތަށް ހެދުން އަޅަ އެވެ. މިގޮތަށް މި މީހާ ކޮންމެ ދުވަހަކު ހެދުން އަޅާތާ 30 އަހަރު ވެއްޖެ އެވެ. އެއީ އޭނާގެ ހިތުގައި އޮންނަ ޚުރާފާތުގެ ސަބަބުންނެވެ. އަދި މަރުވެދާނެތީ ގަންނަ ބިރަކުންނެވެ.
އުމުރުން މިހާރު 66 އަހަރު ވެފައިވާ މި ފިރިހެންމީހާ ކޮންމެ ދުވަހަކު ވެސް އިންޑިޔާގެ އަންހެނުން ކައިވެނިކުރާއިރު އަޅާ ރަތް ކުލައިގެ ސާޅީ އަޅަ އެވެ. އަދި ނޭފަތުގައި ބޮޑު ބޮޅެއް އެލުވައި ކަންފަތުމުދި ލައި، އަތުގައި އުޅާ އަޅަ އެވެ. އޭނާ އާ މަރު ދުރު ކުރުމުގެ ބޭނުމުގަ އެވެ.
އޭނާ ބުނި ގޮތުގައި ފާއިތުވީ ދުވަސްތަކުގައި އޭނާގެ އާއިލާގެ 14 މީހަކު ވަނީ މި ދުނިޔެ ދޫކޮށް އޭނާއާ ވަކިވެފަ އެވެ. އަދި އާއިލާއިން މަރުވުމުގެ ސިލްސިލާއަށް ހުއްޓުމެއް އައީ އޭނާ އަންހެނުން ކައިވެނި ކުރާއިރު އަޅާގޮތަށް ހެދުން އަޅަން ފެށުމުންނެވެ.
ގަލްފް ނިއުސްގައިވާ މި ޚަބަރުގައިވާ ގޮތުން މި ފިރިހެންމީހާ ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން 14 އަހަރުގަ އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ އަންހެނުން މަރުވީ އެވެ. ދެ ވަނަ ކައިވެނި ކުރީ 21 އަހަރުގަ އެވެ.
ނަމަވެސް އޭނާ ދެވަނަ އަށް ކައިވެނި ކުރި މީހާ އާ އާއިލާގެ މީހުން ނުރުހޭތީ އޭނާއާ ވަކިވާން ޖެހުނީ އެވެ. ފަހުން އެ އަންހެންމީހާ ވަނީ އެ ހިތާމައިގައި އަމިއްލައަށް މަރުވެފަ އެވެ. އާއިލާއިން ބާރު އަޅައިގެން ތިން ވަނަ ފަހަރަށް ކުރި ކައިވެނިވެސް ވީ ވަރަށް ހިތާމަވެރި ކައިވެންޏަކަށެވެ.
ޗައުހާން ބުނި ގޮތުގައި ތިން ވަނަ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ބަލިވި އެވެ. އަދި އޭގެ ފަހުން އާއިލާގެ މީހުންތައް ފަހަރަކު މީހަކު މަރުވާން ފެށީ އެވެ. އެގޮތުން އޭނާގެ ބައްޕަ އާއި ބޭބެ، ބޭބެގެ އަންހެނުން، އެ ދެމަފިރިންގެ ދެ ފިރިހެން ދަރިންނާއި އަދި ކޮއްކޮ ވެސް ފަހަރަކު މީހަކު ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ބޭބެގެ ތިން އަންހެންދަރިންނާއި ހަތަރު ފިރިހެން ދަރިން ވެސް މަރުވި އެވެ.
އޭނާ ބުނާ ގޮތުގައި ކައިވެނިކުރާ ދުވަހު އަންހެނުން އަޅާ ޒާތުގެ ހެދުން އަޅަން ފެށީ އެއްރެއަކު ހުވަފެނުގައި އޭނާ ދެވަނަ އަށް ކައިވެނިކުރި އަންހެންމީހާ ފެނުނު ފަހުންނެވެ. ޗައިހާން އަށް ހުވަފެނުގައި ފެންނަނީ އަންހެންމީހާ ރޮއިރޮއިފައި އެމީހާއަށް ބޭވަފާތެރިވީ ކަމަށް ބުނެ ޗައުހާން އާ ދިމާލަށް ހަޅޭއްލަވާ ތަނެވެ. އެގޮތަށް ހުވަފެން ފެނުނު ރެއަކު ޗައުހާން އާދޭސްކޮށްފައި އޭނާގެ ދެ ވަނަ އަނބިމީހާ ކައިރީގައި އާއިލާގެ މީހުން ސަލާމަތް ކޮށްދޭން އެދުނު ކަމަށާއި ޗައުހާން ކޮންމެ ދުވަހަކު އަލަތު ކައިވެނި ކުރާއިރު އަންހެނުން އަޅާ ގޮތަށް ހެދުން އަޅާނަމަ އެކަން ހުއްޓޭނެކަމަށް ހުވަފެނުގައި އަންހެންމީހާ ބުނި ކަމަށް ވެއެވެ.
ޗައުހާން ބުނަނީ އޭނާ އެގޮތަށް ކަންތައް ކުރަން ފެށުމުން އޭނާގެ ބަލި ވެސް މުޅިން ފަސޭހަވެ އާއިލާގެ މީހުން މަރުވުން ވެސް ހުއްޓިފައިވާ ކަމަށެވެ.
ޗައުހާން ބުނީ ކުރީކޮޅު މިހުން އޭނާއަށް މަލާމާތް ކުރި ނަމަވެސް މިއީ އާއިލާގެ ރައްކާތެރިކަމަށްޓަކައި އޭނާ ކުރާ ކަމެއްކަން ޔަގީންވުމުން މިހާރު އެންމެންވެސް އޭނާއަށް ހަމްދަރުދީ ވާ ކަމަށެވެ.