ހަބަރު

އައްޑޫ ހޮސްޕިޓަލް ހުޅުވޭނެ ތާރީހެއް ވިދާޅެއްނުވި

Nov 5, 2019
1

އައްޑޫ ސިޓީގައި ކޮންވެސްޝަން ސެންޓަރުގައި ގާއިމުކުރި އާ ހޮސްޕިޓަލް ހުޅުވޭނެ ސީދާ ތާރީހެއް މިއަދު ވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅެއްނުވި އެވެ.

އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެޅި ކޮންވެންޝަން ސެންޓަރަށް ބޮޑު ބަދަލެއް ގެނެސް، އެންމެ ޒަމާނީ 100 އެނދުގެ ހޮސްޕިޓަލަށް ބަދަލު ކުރަން މަޝްރޫއެއް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެލިޔާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު ނިމި ވަނީ ހޮސްޕިޓަލް ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ.

އެލިޔާއަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. މި މަޝްރޫއު ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ހުޅުވަން ކުރިން މަސައްކަތްކުރި އެވެ. އޭގެ ފަހުން އެކި ތާރީހުތައް ސަރުކާރުން ދެމުން ދިޔަ ނަމަވެސް، އަދިވެސް އެ ހޮސްޕިޓަލު ހުޅުވާފައެއް ނުވެ އެވެ.

މިއަހަރުގެ ބަޖެޓުގައި ނ. ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރަން ހިމަނާފައިވީ ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން، މިއަދުގެ ރައްޔިތުންގެ މަޖިލީހަށް އަމީން ހާޒިރުކޮށްފައިވާއިރު، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަނެއްކާވެސް ވިދާޅުވީ މިހާރު އައްޑޫ ހޮސްޕިޓަލުގައި ކުރިއަށްދަނީ އެތަން ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް. އަދި އެތަން ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތަކަށް މިނިސްޓްރީގެ ޓީމެއް މިހަފްތާ ތެރޭގައި އައްޑޫއަށްދާނެ،" އަމީން ވިދާޅުވި އެވެ. ނަމަވެސް، އެ ހޮސްޕިޓަލް ހުޅުވާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.