އައްޑޫ ސިޓީ، ކޮންވެސްޝަން ސެންޓަރުގައި ތަރައްގީ ކުރަމުންދާ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް މިއަދު ފެށުމަށް މަސައްކަތް ކުރިނަމަވެސް ހިދުމަތްދޭން މިއަދު ނުފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އިކުއަޓޯރިއަލް ހޮސްޕިޓަލުން ނޮވެންބަރު މަހުގެ ތެރޭގައިވެސް ހިދުމަތްދޭން ހެލްތް މިނިސްޓްރީން މަސައްކަތް ކުރިއެވެ.
ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އޭރު ވަނީ ހޮސްޕިޓަލުން ހިދުމަތްދޭން ނުފެށިފައެވެ. ހެލްތު މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ ހޮސްޕިޓަލުން ހިދުމަތްދޭން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އާދިއްތަ ދުވަހު ބައެއް ހިދުމަތްތައް ދޭން ފަށާނެ ކަމަށެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް މިއަދު ނުފެށުނު ކަމަށާ ނަމަވެސް ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ހިދުމަތްދޭން ފެށޭނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެޅި ކޮންވެންޝަން ސެންޓަރަށް ބޮޑު ބަދަލެއް ގެނެސް، އެންމެ ޒަމާނީ 100 އެނދުގެ ހޮސްޕިޓަލަށް ބަދަލު ކުރަން މަޝްރޫއެއް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެލިޔާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު ނިމި ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރުމުން ހިދުމަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ.