ވިޔަފާރި

ސޯނޫގެ ނަޒަރު އޮމާންގައި ހަތް ތަރީގެ ރިސޯޓެއް ހަދަން ހުއްޓިއްޖެ

Aug 17, 2015

"ސޯނޫ ޝިދްވަސާނީ" އަކީ ޓޫރިޒަމް ދާއިރާގައި މަޝްހޫރު ނަމެކެވެ. މަގުބޫލު ނަމެކެވެ. އޭނާއަކީ ދުނިޔޭގެ ޓޫރިޒަމްގައި ބްރޭންޑެކެވެ. ސޯނޫ މަޝްހޫރު ވެގެންދިޔައީ އޭނާ ރާއްޖޭގައި ހެދި މަޝްހޫރު "ސޮނޭވާ ރިސޯޓުން" ނެވެ. މި ކާމިޔާބީ އަށްފަހު ސޯނޫގެ ނަޒަރު ހުއްޓުނީ ތައިލެންޑަށެވެ. އެ އަށްފަހު އޭނާގެ ލޯ މިހާރު އަމާޒުވެފައިވަނީ އޮމާންގައި ހަތް ތަރީގެ ރިސޯޓެއް ހެދުމަށެވެ.

"ރިސޯޓު ހަދަނީ ސޮނޭވާ ބްރޭންޑުގައި، ރިސޯޓުގައި 40 ވިލާ ހުންނާނެ،" ޓައިމްސް އޮފް އޮމާން ނިއުސް އަށް ދިން އިންޓަވިއެއްގައި ސޯނޫ ބުންޏެވެ.

ސޯނޫ އޮމާންގައި މަޝްހޫރު ވެގެންދިޔައީ، އެ ގައުމުގެ "މުސަންޑަމްގައި" ތަރައްގީކުރި ރިސޯޓުންނެވެ. މިހާރު އެ ރިސޯޓް ހިންގަމުން ގެންދަނީ ސިކްސް ސެންސަސް ކުންފުނިންނެވެ.

މީގެ އިތުރުން ސޯނޫ ރާއްޖޭގައި ހިންގަމުން ގެންދާ "ސޮނޭވާ ފުށި" ރިސޯޓަކީ މަހުޖަނުންނަށް ދިގު މުއްދަތެއްގައި ބޮޑެތި ވިލާތައް ވިއްކާ ރަށެކެވެ. މީގެ އިތުރު އިތުރު ރިސޯޓެއް ވެސް ރާއްޖޭގައި ހެދުމުގެ މަސަކަތް ސޯނޫ ވަނީ ފަށާފަ އެވެ. އަންނަ އަހަރު ހުޅުވަން ތައްޔާރުވާ "ސޮނޭވާ ޖާނި" ރިސޯޓަކީ 54 ވިލާ އާއި 24 ވޯޓާ ވިލާގެ ރިސޯޓެކެވެ. 

އިންޑިއާގެ ބޮޑު ފައިސާވެރިއެއް ކަމަށްވާ އިންދޫ ސިވަދަސިނީގެ އެންމެ ހަގު ފިރިހެން ދަރިފުޅު، ސޯނޫގެ ލޮލުގައި ރާއްޖެ އަޅައިގަތީ ލޯބިވެރިޔާ އަދި ވިޔަފާރީގެ ބައިވެރިޔާ އީވާ މެލްމްސްޓޯމްއާ އެކު އޭނާ 1987 ގައި ރާއްޖެއަށް ކުރި ދަތުރާ ހިސާބުންނެވެ. އޭގެ ކުރިން ވެސް އީވާ އޮތީ ރާއްޖޭގެ ހިތްގައިމު ކަމުގެ ވާހަކަ ސޯނޫއަށް ނިކަން ރަނގަޅަށް ކިޔައި ދީފަ އެވެ. 

ސޯނޫ އަށް ރާއްޖެ އާދެވުމުން، ރާއްޖޭގެ ހިތްގައިމުކަމާ ބެހޭ ގޮތުން އީވާ ދައްކާފައިވާ ވާހަކަތަކުގެ ތެދުކަން ގަބޫލުކުރެވުނެވެ.

ރާއްޖޭގެ ހިތްގައިމުކަން ފެނިފައި ޒުވާން އަދި މުއްސަނދި ސޯނޫ ބޭނުންވީ ރާއްޖޭގެ ހިތްގައިމު ވެށީގައި ގެއެއް ބިނާކުރުމަށެވެ. އޭނާ އެކަން ކުރަން ބޭނުންވީ ރާއްޖޭގެ ރަށެއް ގަނެގެންނެވެ.

އެއީ ފަސޭހަ ކަމަކަށެއް ނުވި އެވެ. އެއީ ރާއްޖޭގައި ރަށްތައް ހަމައެކަނި ލިބެނީ ރިސޯޓް ހިންގާ ފަރާތްތަކަށް ކުއްޔަށް ކަމަށް ވާތީ އެވެ. ދެން ސޯނޫ އާއި އީވާ ނިންމީ ރިސޯޓެއް ހަދާފައި އަދި އަމިއްލަ ގެއެއް ވެސް ހަދާނެ ރަށެއް ބިޑު ކޮށްގެން ހޯދާށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އޮއްވާ، އެމީހުން ރަށެއް ހޯދީ އޭރުގެ ފިނޭންސް މިނިސްޓަރުގެ އަތުން ކުއްޔަށެވެ. އެއީ އޭރު ވަރަށް އާދައިގެ ރިސޯޓެއް ހަދާފައި އޮތް ރަށަކަށް ވާއިރު، އެއާޕޯޓާ އެރަށް ދުރުކަމުން ވިޔަފާރި އޮތީ ކާމިޔާބު ނުވެފަ އެވެ.

ސޯނޫ އާއި އީވާގެ ފިކުރަކީ އަމިއްލަ އަށް ރިސޯޓެއް ހިންގުމެއް ނޫނެވެ. އަދި އެމީހުންނަށް އެ ވިޔަފާރި ކުރާނެ ގޮތުގެ އެއްވެސް މައުލޫމާތެއް އޭރު ލިބިފައެއް ވެސް ނުވެ އެވެ. އަދި ރަށް ތަރައްގީ ކުރުމަށް ބޭންކުން ފައިސާ ލިބެން ވެސް އޭރު އޮތީ ތަޖުރިބާ ހުރި ކުންފުންޏަކާ ރަށް ހިންގަން ހަވާލުކޮށްގެންނެވެ.

ފައިސާ ހަމަޖެހުމަށް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. ސޯނޫގެ އޮތީ ލުއި ގޮތެއްގައި ހާސިލު ކުރުމަށް ވުރެ ބޮޑު އަޒުމެކެވެ. އެއީ މުއްސަނދިކަން ދައްކުވައިދޭ ރިސޯޓެއް ރަށުގެ ގުދުރަތީ ވެއްޓާއި މާހައުލަށް ބަދަލެއް ނާންނަ ގޮތަށް ބިނާ ކުރުމެވެ. އޭނާ ބޭނުންވީ ތިމާވެއްޓަށް ގެއްލުން ނުލިބޭ ފަދަ މާއްދާތަކަކުން ރިސޯޓް ހަދާށެވެ. އެއާޕޯޓާ ދުރުގައި އޮތް ރިސޯޓަށް ހެލިކޮޕްޓަރުގައި ޓޫރިސްޓުން އުފުލުމަކީ ވެސް ކުރިމަތީގައި އޮތް ގޮންޖެހުމަކަށްވި އެވެ.

ސޯނޫ އާއި އީވާ ކުރިމަތިލި މަސައްކަތް ކާމިޔާބު ވެދާނެ ކަމަށް އާއިލާގެ މީހުން ވެސް ގަބޫލެއް ނުކުރެ އެވެ. ސޯނޫގެ މަންމަ ވެސް ހުރީ ދަރިފުޅު ކުރިމަތިލި ފުރަތަމަ ވިޔަފާރިއާ މެދު ކަންބޮޑުވެފަ އެވެ. އާއިލާގެ ބައެއް ގާތް މީހުން އިންޑިޔާގެ ތާޖު ގްރޫޕާ ގުޅިގެން ސޯނޫ އަށް ރިސޯޓް ހެދުމުގެ ފުރުސަތު ހޯދައިދޭން ވެސް މަސައްކަތް ކުރި އެވެ.

އެކި ފަރާތްތަކާ ބައިވެރިވެގެން ރިސޯޓް ތަރައްގީ ކުރުމަށް ކުރެވުނު ހުރިހާ މަޝްވަރާތަކެއް ކޮޅެއްގައި ނުޖެހި ދިއުމުން، ސޯނޫ ނިންމީ އޭނާގެ އިންވެސްޓުމަންޓެއް އޮތް ބެންކޮކްގެ ހޮޓެލް މެނޭޖުމަންޓް ކުންފުންޏެއް ކަމަށްވާ ޕެވެލިއަން މެނޭޖުމަންޓު މުޅިން އަމިއްލަ ކުރުމަށެވެ. އެއަށް ފަހު ތައި ބޭންކުން ފައިސާ ހަމަޖެހި، ހުވަފެނީ ރަށް ސޮނެވާ ފުށި ހުޅުވީ 1995 ގަ އެވެ. އެ ދުވަސްވަރު އިއްތިފާގުން ދިމާވީ ބައެއް އެހެން ކުންފުނިތަކުން ވެސް އަގުބޮޑު ރިސޯޓްތައް އެހެނިހެން މަންޒިލުތަކުގައި ހުޅުވި ދުވަސްވަރަކާ އެވެ.

ސޯނޫ އަށް ރިސޯޓް ހުޅުވުނީ ރަނގަޅު ދަނޑިވަޅުގަ އެވެ. އީވާ އާއި ދެ މީހުންގެ މަސައްކަތުން އިނގިރޭސިވިލާތަށް ރިސޯޓް ތައާރަފުކުރި އެވެ. މަދު މަސްތަކެއްގެ ތެރޭގައި ރާއްޖޭގައި އޭރު ހުރި ރިސޯޓްތަކަށް ވުރެ ދެ ގުނަ ބޮޑު އަގުގައި ސޮނެވާ ފުށީގެ ކޮޓަރިތައް ވިކެން ފެށި އެވެ. އަދި ހަމަ އެއާ އެކު ރާއްޖޭގެ އެހެން ކުންފުނިތަކުން ވެސް މަތީ ފަންތިއަށް އަމާޒުކޮށް ރިސޯޓްތައް ތަރައްގީކުރަން ފެށި އެވެ.

އޭނާ، ގޮންޖެހުމަކަށް ކުރިމަތިލައި ތަޖުރިބާ ނެތި އީވާގެ ވިސްނުމާ އެއްގޮތަށް ރިސޯޓް ތަރައްގީ ކުރުމަށް، އެހާ ފައިސާ ހަރަދުކޮށް އަދި މުޅިން އާ ކަމަކަށް ކުރިމަތިލިއިރު އޮތީ ކިހާވަރެއްގެ ޔަގީން ކަމެއްތޯ އަހަރެން ސޯނޫ ކައިރީ އެހީމެވެ. އޭނާ އަށް އެ ސުވާލުން ލިބުނީ ހައިރާންކަމެވެ. އޭނާ ބުންޏެވެ. ކަމެއް ކުރަންވާނީ ޖޯޝާ އެކުގަ އެވެ.

ސޯނޫ ވަނީ ރާއްޖޭގެ ރިސޯޓްތަކަށް ސްޕާ ތައާރަފު ކޮށްފަ އެވެ. އަދި ރިސޯޓްތަކުން ދޭ ކެއުމުގެ ވައްޓަފާޅިއަށް ވެސް އޭނާ ބަދަލު ގެނެސް، އިންޑަސްޓްރީން ބަލައިގަނެފައިވާ އެތައް އާ ކަމެއް ކުރި އެވެ. ރާއްޖޭގައި ހުޅުވި ރިސޯޓުން ސޯނޫ ވެގެން ދިޔައީ ޓޫރިޒަމްގެ ބާރުގަދަ ނަމަކަށެވެ. އޭނާ އަކީ މިއަދު ދުނިޔޭގެ މަތީ ފަންތީގެ ޓޫރިޒަމްގައި އެއްވަނަ ނަމެކެވެ.