ދުނިޔެ

ތުރުކީ ސިފައިން ބަޣުދާދީގެ ދައްތަ ހައްޔަރުކޮށްފި

މަރާލާފައިވާ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ ދައްތަ ރަސްމިއްޔާ އަވާދް ތުރުކީ ސިފައިން ހައްޔަރު ކޮށްފި އެވެ.

ތުރުކީގެ އަސްކަރިއްޔާއިން ބުނީ، ރަސްމިއްޔާ ހައްޔަރު ކޮށްފައި ވަނީ ސީރިއާގެ އުތުރު ބޯޑަރު ކައިރިން ކަމަށެވެ. މި ސަރަހައްދުގައި ތުރުކީން ދަނީ ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.

ތުރުކީގެ އަސްކަރިއްޔާއިން މައުލޫމާތު ދޭ ގޮތުގައި ރަސްމިއްޔާ ހައްޔަރުކުރި އިރު، އޭނާގެ ފިރިމީހާ އާއި ފަސް ކުދިން ވެސް ތިއްބެވެ. އެ މީހުން ދިރިއުޅެމުން ދިޔައީ މުދާ އުފުލަން ބޭނުންކުރާ ކޮންޓެއިނާ އެއްގެ ތެރޭގަ އެވެ. ރަސްމިއްޔާގެ އުމުރަކީ 65 އަހަރު ކަމަށްވެސް ތުރުކީ ސިފައިން ވަނީ ބުނެފަ އެވެ.

ރަސްމިއްޔާ ހައްޔަރު ކޮށްފައި ވަނީ ތުރުކީ ސިފައިން ކުރިއަށް ގެންދިޔަ ސިއްރު އޮޕަރޭޝަނެއްގަ އެވެ. ރަސްމިއްޔާއަކީ އައިއެސްގެ އިސް ސަފުގެ މީހުންގެ މައުލޫމާތާއި އެ ޖަމާއަތުގެ ސިއްރުތައް ރަނގަޅަށް ދަންނަ މީހެކެވެ. ތުރުކީ ސިފައިން މިހާރު ދަނީ ރަސްމިއްޔާއާ ސުވާލުތައް ކުރަމުންނެވެ.

ރަސްމިއްޔާ ހުރީ ތުރުކީގެ ސިފައިންނަށް އެއްބާރުލުން ދޭން ގޮތަށެވެ. ރަސްމިއްޔާ ހައްޔަރު ކުރި ނަމަވެސް އޭނާގެ ފިރިމީހާ އާއި ފަސް ދަރިން ހައްުޔަރު ކުރި ކަމެއް އަދި ސާފެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަސްމިއްޔާގެ އާއިލާ ވަނީ ސީރިއާގެ ކޭމްޕަކަށް ފޮނުވާފަ އެވެ.