ހަބަރު

އޭދަފުށްޓާއި އައްޑޫގައި ކުޑަކުދިންގެ ހިޔާ އަޅަން 3.6 މިލިއަން ރުފިޔާ

ބ. އޭދަފުށްޓާއި އައްޑޫ ސިޓީގައި ކުޑަކުދިންގެ ހިޔާ ގާއިމް ކުރުމަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވަނީ ރައްޔިތުންނަށް ފައިދާވާނޭ ގޮތް ގޮތަށް ކަމަށެވެ. އަމީރު ވިދާޅުވީ އަންނަ އަހަރު އަތޮޅުތެރޭގައި ހިންގާ މަޝްރޫއުތަކަށް 359 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅޫވީ އިޖުތިމާއީ ރައްކާތެރިކަން ހަމަ ހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަމާޒު ހިފައިގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. އެގޮތުގެ މަތިން ކުޑަކުދިންނާއި ގުޅޭ ހިދުމަތްތަށް ދިނުމަށް ބޭނުންވާ ފެސިލިޓީސްތައް ގާއިމް ކުރުމަށް 37 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

ބަޖެޓުގައި ކުޑަކުދިންނާއި ގުޅޭ ހިދުމަތްތަށް ދިނުމަށ ްބޭނުންވާ ފެސިލިޓީސް ގާއިމް ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން އޭދަފުށްޓާއި އައްޑޫސިޓީގައި ކުޑަކުދިންގެ ހިޔާއެއް އެޅުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 3.61 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި އައްޑޫ ސިޓީގައި ކުޑަކުދިންގެ ހިޔާގެ މަޝްރޫއަށް 2021 ވަނަ އަހަރާއި 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 12.73 މިލިއަން ރުފިޔާއެވެ. އޭދަފުށީގެ ކުޑަކުދިންގެ ހިޔާގެ މަޝްރޫއަށް 2021 އަދި 2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ ހަތަރުލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ އެވެ.

ސަރުކާޜުން އޭދަފުށްޓާއި އައްޑޫ ސިޓީގައި ކުޑަ ކުދިންގެ ހިޔާ ގާއިމްކުރުމަށް ނިންމައި ބަޖެޓްކޮށްފައިވާއިރު މިހާޜު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައްޔާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައްޔާއި ލ. އަތޮޅުގައި ދުވަސްވީ މީހުންގެ މަރުކަޒެއް ގާއިމްކުރުމަށް ދައުލަތުން ވަނީ 14 މިލިއަން ރުފިޔާ ބަޖެޓު ކޮށްފަ އެވެ. އަދި އަންހެނުންނަށް ފަރުވާދޭ ރެސިޑެންޝަލް ފެސިލިޓީއެއް ގާއިމުކުރުމަށް ހަތް މިލިއަން ރުފިޔާވަނީ ބަޖެޓްކޮށްފަ އެވެ.

އިޖުތިމާއީ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަށް 3.9 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރަށް ބަޖެޓުކޮށްފަ އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.