ރައްޔިތުންގެ މަޖިލިސް

ޓޮމްއަށް އިތުރު އަދަބެއް: ފާރަށް މޫނު ލައިގެން ހުރޭ!

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު ވެސް ކަށިގަނޑު ފުމެމުންދާތީވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް އިތުރު އަދަބެއް ދިނުމަށް ނިންމަވައިފި އެވެ.

މިހާރު މަޖިލީހުގައި ބަހުސް ކުރަމުން ދަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށެވެ. އެ މައްސަލައަކީ އެއްވެ އުޅުން ހަނިވާ ގޮތަށް ގާނޫނުއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުން ލަސްވާތީ ހުށަހެޅި މައްސަލައެކެވެ. ނަމަވެސް ބަހުސްގައި ދެއްކެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ވާހަކަ އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ގާޒީ ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖްގައި ހިމެނޭ ކުރެހުމުގައި ވަނީ ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނުގަނޑު ދަމައިގެން ގެންދާ ތަނެވެ. އެ މައްސަލާގައި ހައިލަމް ވަނީ މިއަދު ސަސްޕެންޑް ކޮށްފަ އެވެ.

އެ ކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު މެންބަރުން ވަނީ ކަށިގަނޑު ފުންމައި އިހްތިޖާޖް ކުރައްވައިފަ އެވެ. މަޖިލީހުގައި ކަށިގަނޑު ފުމެމުންދާތީއާއި އަޑުގަދަ ކުރައްވަމުން ގެންދެވުމުން ރައީސް ނަޝީދު ވަނީ ޓޮމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އަންގަވައިފަ އެވެ.

އެކަމަކު މަޖިލީހުގެ ރައީސްގެ އެންގުމަށް ބެއްލެވުމެއް ނެތި ޓޮމްއާއި ޝިޔާމް މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައެއް ނުގެންނެވި އެވެ. އަދި ޓޮމް ގެންދެވީ މަޖިލީހުގެ މެންބަރުންގެ ވާހަކަތަކަށް ހުރަސް އެޅޭ ގޮތަށް ކަށިގަނޑު ފުމެމުންނެވެ.

ޓޮމްގެ އަމަލާ ގުޅިގެން ރައީސް ނަޝީދު ވަނީ އިއްޔެގެ ޖަލްސާގައި ޓޮމް އެ ގޮތަށް ކަށިގަނޑު ފުމުމުން ދިން އަދަބު އަދިވެސް ފުރިހަމަ ނުކުރާތީ ހަނދުމަ ކޮށްދެެއްވައިފަ އެވެ. އިއްޔެގެ ޖަލްސާގައި ޓޮމް ކަށިގަނޑު ފުމުމުން ރައީސް ނަޝީދު ވަނީ ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރަށް ލިޔުމަށް ފަހު ހުށަހަޅުމަށް އަންގަވައިފަ އެވެ.

އޭގެ ފަހުން ވެސް ޓޮމް ކަށިގަނޑު ފުމެމުން ދިޔުމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޓޮމް ބޭރަށް ވަޑައިގަތުމަށް އަންގަން ސާޖެންޓް އޮފް އާމްސް އަށް އަންގަވައިފަ އެވެ. އަދި ވިދާޅުވީ މިއަދުގެ ޖަލްސާގައި ވެސް ކަށިގަނޑު ފުމުނީތީވެ މަޖިލީހުގެ ތަޅުމުގެ ބޭރުގައި ފާރަށް މޫނު ބަހައްޓައިގެން ކޮޅަށް ހުންނެވުމަށް ރައީސް ނަޝީދު އެންގެވި އެވެ.

ނަވަރާވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން އައި ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވި އެއް ވާހަކައަކީ މަޖިލިސް މެންބަރުންގެ އަހްލާގީ މިންވަރު ހިފެހެއްޓުމުގެ ގޮތުން މަޖިލިސް ކުރިއަށް ގެންދާނީ މަދަރުސާއެއް ހިންގާނެ ރިވެތި އުސޫލުންނެވެ.