އަހުމަދު ތޯރިގް

މިއީ އިންޑިއާގެ ރުހުން ހޯދަން ނަޝީދު ކުޅޭ ޑްރާމާއެއް: ޓޮމް

ދައުލަތުގެ ދަރަނީގެ ހިސާބުތައް ސާފު ނުވާ ކަމަށް ވިދާޅުވެ މުޅި މަޖިލިސް އެއްކޮށްގެން މާލީ އިދާރާތަކުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިން ހާޒިރުކޮށް ކޮމިޓީއެއް ގެންދަނީ އިންޑިއާގެ ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑްރާމާއެއް ކުޅުއްވަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ޓޮމް މިފަދަ ތުހުމަތެއް ކުރެއްވީ، މިއަދުގެ އެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި ދައުލަތުގެ މާލީ އިދާރާތަކުގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިންނަށް ސުވާލު ކުރައްވަން ޓޮމްއަށް ދެއްވި ފުރުސަތުގަ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަށް މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުވެ އިންނެވި އެވެ. ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ވެސް އިންނެވި އެވެ. އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް އޮންލައިންކޮށް ބައިވެރިވެލެއްވި އެވެ.

ޓޮމް އަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިންޑިއާގެ ރުހުން އޮތް ލީޑަރަކީ ކޮބައިތޯ ބެލުމުގެ ރޭސް ކަމަށެވެ. އެ ރޭސް ކުރިއަށް ދަނީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެމެދު ކަމަށެވެ. މަޖިލީހުގެ ކޮމިޓީއަކީ އެ ރޭހުގެ ޑްރާމާއެއް ކަމަށް ސިފަ ކުރެއްވި އެވެ.

"މިއީ އިންޑިއާގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދުގެ ރޭސްގެ ތެރެއިން ކުޅުއްވާ ޑްރާމާއެއް، މި ޑްރާމާގައި އަދަބު ލިބިގެން މި ދަނީ، ޗައިނާ އާއި ރާއްޖެއާ ދެމދު އޮތް ގުޅުން،" ޓޮމް ވިދާޅުވި އެވެ.

ޓޮމް ސުވާލަށް ވަޑައިނުގެން ވާހަކަ ދައްކަވާތީ ޓޮމްގެ ވާހަކަ ހުއްޓުވައި ރައީސް ނަޝީދު ވިދާޅުވީ ސީދާ ސުވާލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ދެން ޓޮމް ވިދާޅުވީ އޭނާގެ ސުވާލު ބިނާވެފައި އޮތީ އެ ވާހަކައިގެ މައްޗަށް ކަަމަށެވެ. ނަމަވެސް ވާހަކަ އަޑުއެހުމުގެ ގާބިލްކަން ނަޝީދުގެ ނެތް ކަމަށް ވިދާޅުވެ ވާހަކަ ހުއްޓާލި އެވެ.

މަޖިލީހުގެ އެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ ވެސް ޗައިނާގެ ލޯނުތަކަށެވެ. ރައީސް ނަޝީދާ އާއިލީ މެންބަރުންގެ ތެރޭގައި ވެސް ހިމެނޭ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސުވާލު ކުރެއްވީ ވެސް ޗައިނާއަށް ރާއްޖެ މި ވަރަށް ދަރުވާލީ ކީއްވެގެންތޯއާއި ދަރަނިތައް ނުދެކިއްޖެނަމަ ވެދާނެ ގޮތަކާ މެދުގަ އެވެ.

ޕީޕީއެމްގެ ސަރުކާރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާ އެވެ. އަދި އޭރު އިންޑިއާއާ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ޗައިނާގެ ލޯނުތަކާ ގުޅޭ ގޮތުން އެކި ތުހުމަތުކޮށް ވާހަކަ ދެއްކެވި އެވެ. ރައީސް ނަޝީދު މިހާރު ވެސް އެ ވާހަކަތައް ދައްކަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަލުން އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރެއްވި އެވެ. މި ސަރުކާރާއި އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުވައި ތަފާތު އެކި ވާހަކަތައް ފެތުރެމުންދެ އެވެ. ރާއްޖޭގަައި އިންޑިއާގެ އަސްކަރިއްޔާއެއް އަޅަން އުޅޭ ފަދަ ވާހަކަތަކެވެ. ނަމަވެސް ސަރުކާރުން މި ކަން ދޮގު ކުރެ އެވެ.