ކުޅިވަރު

ފާޑު ކިޔުންތަކަށް ވަލްވެރުޑޭ ދިނީ ފިނި ޖަވާބެއް

ލެވަންޓޭ އަތުން ބަލިވެ، ލީގްގައި މި ސީޒަންގައި ލީގްގައި ތިން ވަނަ މެޗުން ބަލިވުމުން ފާޑު ކިޔުން އަމާޒުވެފައިވާ ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ފާޑުކިޔުންތަކަށް ފިނި ޖަވާބެއް ދީފި އެވެ.

ޗެމްޕިއަންސް ލީގްގައި މިރޭ ޗެކްރިޕަބްލިކްގެ ސްލާވިއާ ޕްރާގް އާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ވަލްވެރުޑޭ ވަނީ ލެވަންޓޭގެ މެޗުގައި ބާސާއަށް ކުރިމަތިވި ބައްޔާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެ މެޗަށް ފަހު އިތުރަށް ފާޑު ކިޔުން އަމާޒުވުމުން އެ އަށް ޖަވާބު ދެމުން ވަލްވެރުޑޭ ބުނީ މެޗުން ބަލިވާއިރަށް ހުރިހާ ކަމެއް އަންނަނީ ކޯޗްގެ ބޮލަށް ކަމަށާއި އެއީ ފުޓްބޯޅައިގައި އަބަދު ވެސް އޮންނަ ގޮތް ކަމަށެވެ.

އޭނާ ބުނީ، ލެވަންޓޭ ލަނޑު ޖެހުމާ ހަމައަށް ބާސާއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި ލެވަންޓޭ ލަނޑު ޖެހީ އެ ޓީމުން ފޮނުވާލި ފުރަތަމަ ޝޮޓުން ކަމަށެވެ. އޭނާ ބުނީ ބާސާގެ އެޓޭކު ރަނގަޅު ނޫން ކަމަށާއި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މެޗުން ބަލިވީމަ އަބަދުވެސް ޕްރެޝަރު އޮންނާނެ، އަހަރެމެންނަށް އެނގޭ މެޗުން ބަލިވާއިރަށް ދެން އުފެދޭނީ ޕްރެޝަރުގެ ރޯޅިކަން، މެޗުތަކުން މޮޅުވިޔަސް އަދިވެސް ޕްރެޝަރު އޮންނާނެ." ވަލްވެރުޑޭ ބުންޏެވެ.