(3 ނޮވެމްބަރ 2019 އާ ގުޅޭ)
ލިއަމްގެ ފޯނަށް ތަފާތު އެކިކަހަލަ އެޕްތައް އަޅާފައި ހުއްޓެވެ. މީގެ ކުރީން ހޭޒަލް އަޑު ވެސް ނާހާ އެޕްތައް ހުއްޓެވެ. އޭނާ ދެން ބެލީ ލިއަމްގެ މެސެޖުތަކެވެ. އެ ބައިގަ ވެސް ގިނައީ ލިއަމްގެ އޮފީހާ ގުޅުން ހުރި ވާހަކަތައް ދައްކާފައިވާ މެސެޖުތަކެވެ. އޭގެތެރޭގައި ލިއަމްގެ ދަށުން އޮފީހުގައި ހިންގޭ ކަންކަމުގެ ވާހަކަތައް ޚިއްޞާކޮށްފައި ހުއްޓެވެ. ފޯނުގެ މެސެޖުބައިން އާދަޔާ ޚިލާފުކަމެއް ނުފެނުނެއްކަމަކު ވައިބާއާއި ދެން ހުރި މެސެޖިން އެޕްތަކަށް ވަނުމުން އެގޮތެއް ނުވިއެވެ. ވައިބާގަ ގިނަ އަދަދަކަށް "ސީކްރެޓް ޗެޓް" ކޮށްފައި ހުރިކަން ހޭޒަލްއަށް އެނގުނެވެ.
އެ ނަންބަރުތައް ލިއަމްގެ ފޯނުގައި ސޭވްކުރެވިފައެއްނެތެވެ. ބައެއްމީހުންގެ ނަންބަރުތައް ފެންނަން ހުރިއިރު އަނެއްބައި ނަންބަރުތަކުގައި ބޭބީޑޯލް ފަދަ ވަނަންތަކާއި އިމޯޖީތައް ޖަހާފައި ހުއްޓެވެ. އެގޮތަށް ފެންނަން އެ ހުރީ އެ ނަންބަރުތައް ގެންގުޅޭ މީހުން ސޭވްކޮށްފައި ހުރި ގޮތްކަން ހޭޒަލްއަށް އެނގެއެވެ. އެއިން އެއްވެސް މީހަކާ ދައްކާފައި ހުރި ވާހަކައެއް ފެންނާކަށް ނެތެވެ. އެހެން މެސެޖިންގ އެޕްތަކަށްވުރެ ބޮޑަށް އެފަދަ "ޗެޓް"ތައް ކޮށްފައި ހުރީ ވައިބާރ މެދުވެރިކޮށެވެ. ފައިސާ ފޮނުވާ ދިނުމަށް ވެސް ބައެއް މީހުން މެސެޖުކޮށްފައި ހުއްޓެވެ. އެ މެސެޖުތަކުގައި މާގިނަ ވާހަކައެއް ދައްކާފައެއް ނުހުރެއެވެ. އެހެންވެ އެއީ ކޮންކަމަކާ ގުޅިގެން ފައިސާއަށް އެދިފައި ހުރި މެސެޖުތަކެއްކަމެއް ނޭނގެއެވެ.
ލިއަމް ހަރަކާތެއްކޮށްލުމާއެކު ހޭޒަލް ދިޔައީ ސިއްސައިގެންނެވެ. ވެއްޓެން އުޅުނު ފޯނުގައި ދެއަތުން ހިފަހައްޓާލުމާއެކު ގެނެސް މޭގައި ޖައްސާލިއެވެ. އަދި ބޯ ހިއްލާލައިގެން ސިއްރުން ބަލަން އިނެވެ. ލިއަމް ހޭލަން އުޅެނިތޯ ޔަގީންކުރާށެވެ. ވަގުން ވައްކަން ކުރާހެން މިހާ ސިއްރުން އުޅޭން ޖެހިދާނޭ ހޭޒަލް ހިޔެއްނުކުރެއެވެ. އޭނާއަކީ ކަންކަން ސިއްރުކޮށް ދޮގުހަދާ މީހެއް ވެސް ނޫނެވެ. އެހެންވެ އެފަދަ ކަންކަން ކުރަންވުމުން އޭނާ ހުރީ ދުވަހަކުވެސް މީހަކު ޖެހިލުންނުވާނޭ ވަރަށް ޖެހިލުންވެ ބިރުގެންފައެވެ. އެހެންވިޔަސް ފަހަތަށް ޖެހުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ލިއަމް ގާތު އަހައިގެން އޮޅުންފިލާނޭ ކަމެއް ނެތްކަން މިހާރު ޔަގީންވަނީއެވެ. ލިއަމްގެ ހަޔާތުން ހޭޒަލްއަށް އެނގެނީ ވަކި މިންވަރެއްކަން ހޭޒަލްއަށް ޤަބޫލުކުރެވެއެވެ.
ފޯނަށް އަޅާފައި ހުރި އެކި އެޕްތައް ބަލަމުން ގޮސް ގެލެރީއަށް ވަނެވެ. އޭގައި ލިއަމްއާއި ހޭޒަލްގެ އެތައް ފޮޓޯއެއް ހުއްޓެވެ. އޭގެ އިތުރުން ލިއަމްގެ ރަޙުމަތްތެރީންނާއެކު ކޮފީތަކުގައި ނަގާފައި ހުރި ފޮޓޯތައް ވެސް ހުއްޓެވެ. ނަމަވެސް އަދަދުގެ ގޮތުން ގެލެރީގައި ގިނައީ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތަކެވެ. ރާއްޖޭން ބޭރު މީހުންގެ ވީޑިއޯތަކާއި ފޮޓޯތަކެވެ. ރާއްޖޭގެ އަންހެން ކުދީންގެ ބަރަހަނާ ފޮޓޯތަކެވެ. އެފަދަ އެއްޗެހި ވެސް ލިއަމްގެ ފޯނުގައި ގެންގުޅޭކަން ހޭޒަލްއަށް އެނގުނީ އަދިކިރިޔާއެވެ. އޭގެ އިތުރުން އަންހެން ކުދީންގެ ވައިބާރ އެކައުންޓްތަކުގެ ސްކްރީން ޝޮޓްތަކެއް ވެސް ލިއަމްގެ ފޯނުގައި ހުރީ މަދެއްކޮށެއްނޫނެވެ. އެ ސްކްރީން ޝޮޓްތަކުން އެމީހުންގެ ފޮޓޯއާއި ނަންބަރު ފެންނަން ހުއްޓެވެ. އައިޝްއަކާއި ފާތުންއަކާއި، ޝިފްއަކާއި، މަލޫއާ މިހެން ގޮސް އެތައް އަންހެނުންނެކެވެ. ހޭޒަލްގެ މެޔާއި ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ފުރަތަމަ ވެސް އޭނާގެ ހިތަށް އެރީ އެފަދަ ތަކެތި ލިއަމްގެ ފޯނުގައި ހުންނަންވީ ސަބަބަކީ ކޮބާބާއެވެ. ލިއަމްގެ އެދުން ފުދުމަށް އެފަދަ މަންޒަރުތައް ބޭނުންވަނީބާއެވެ. އެއާއެކު ހޭޒަލްއާއި ލިއަމްއާ ދެމެދު މިހާ ދުވަހު އޮތް ގުޅުމާމެދު އޭނާއަށް ވިސްނާލެވުނެވެ. ހޭޒަލްގެ ގާތުން ލިއަމް ހިތްހަމަޖެހޭވަރު ނުވަނީބާއެވެ. އަމިއްލަ ނަފްސާ މިކަހަލަ އެތައް ސުވާލެއް ކުރެވުނެވެ. ވަގުތުކޮޅަކަށް ހޭޒަލް ހުއްޓުން އަރާފައި އިނީ ފެނުނު ތަކެއްޗާމެދު ސުވާލު އުފެދި އެ ޚިޔާލުގައެވެ. އެފަދަ ތަކެތި ބެލުމަށް އާދެވެއްޖެ މީހަކީ އާބައްޖަވެރިއެކޭ ހޭޒަލްގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް ލިއަމް އެފަދަ އެއްޗެހި ބެލުމަކަށް ހޭޒަލްގެ ހިތެއް ނޭދެއެވެ.
އުނގުގައި ބާއްވާލައިގެން އިން ދެއަތްތިލައިގެ ތެރޭގައި އޮތް ލިއަމްގެ ފޯނަށް ހޭޒަލް އަނެއްކާ ވެސް ބަލާލިއެވެ. އިހުނަށްވުރެ މޭތެޅުން އަވަސްވެއްޖެއެވެ. އިތުރަށް ބަލަނިކޮށް ހޭޒަލް ބޭނުންނުވާ އެތައް މަންޒަރެއް ފެނިދާނޭކަމުގައި އޭނާގެ ޟަމީނު ހަނާ އަޅަމުންދިޔައެވެ. މަޑުޖެހިފައި ވެސް ފޯނުގައި އިސްކުރީނުގައި ހޭޒަލްގެ ޝަހާދަތް އިނގިލި ހިންގާލިއެވެ. ފޯލްޑަރުތަކަށް ބަހާލައިފަ ބައެއް އެޕްތައް ހުއްޓެވެ. ގާތްގަނޑަށް ހުރިހާ ފޯލްޑަރެއް ބެލުމަށްފަހު "އެންޓަރޓެއިންމެންޓް"ކިޔާ ފޯލްޑަރު ހޭޒަލް ހުޅުވާލިއެވެ. އޭގައި ހުރީ "ޓަމްބްލަރ"އާއި ފޭސްބުކްއާއި އެފަދަ އެހެން އެޕްތަކެކެވެ. ޓަމްބްލާއާއި ފޭސްބުކްގެ އަޑު ހޭޒަލް އަހައެވެ. ދެން ހުރި އެޕްތަކެއް ނޭނގެއެވެ. ފޭސްބުކް ނޫން އެހެން އެޕްތަކުގައި ލޮގިން ހަދާފައި ހުރީ އަމިއްލަ ނަމަކުނޫނެވެ. ފޭސްބުކްގެ ޗެޓުލޮގްތައް ބަލާލިއިރު އޭގައި މާގިނަ މީހުންނާ ވާހަކަދައްކާފައެއް ނެތެވެ. އަންހެނަކާ ވާހަކަދައްކާފައި ހުރިނަމަ ހުރީ ހޭޒަލްއަށް ވެސް އެއީކާކުކަން އެނގޭ މީހަކާ އެކަންޏެވެ. މާގިނަ ވާހަކަތަކެއް ވެސް ދައްކާފައެއްނުވެއެވެ. ނަމަވެސް އެކަކުގެ ވާހަކަތައް ހޭޒަލްއަށް ފާހަގަކުރެވުނެވެ. ފިރިހެނެއްގެ އައިޑީއަކުން ވާހަކަދައްކާފައި ހުރި ގޮތުން އޭނާއަކީ ލިއަމް ވަރަށް ރަނގަޅަށް ދަންނަ މީހެއްކަން އެނގެއެވެ. އެމީހަކު ލިއަމް ގާތުގައި އަހާފައި ހުރި ރަނގަޅު ކުއްޖަކު ނެތްތޯއެވެ. އެ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތައް ކިޔާލުމުން ހޭޒަލްއަށް އެމީހުން ދައްކާފައި ހުރި ވާހަކަ ނަގައިގަނެވުނެވެ. އެމީހަކު ލިއަމް ގާތުގައި އަހާފައި އޮތީ އަންހެން ކުއްޖަކު ބޭނުންވެގެންނެވެ. ލިއަމް ވެސް ހަމަ އެ ބީދައިން އަހާފައި އޮތުމުން އެ މީހަކު ލިއަމް ގާތުގައި ގުޅާނަން ކަމަށް ބުނެފައި އޮތެވެ. އެހެންވީމަ ދެން އެވާހަކައެއް ދެކެވިފައި އެވަނީ ފޯނުން ކަމަށް ހޭޒަލް ލަފާކުރިއެވެ. ހޭޒަލްގެ ހިތުގައި ސުވާލުގެ މައްޗަށް ސުވާލުތައް ފުނިޖެހެމުންދިޔައެވެ. އޭނާ ދެން ހުރި އެޕަށް ވަނެވެ. ފޭސްބުކް ފަދައިން ބޭނުންކުރެވޭ އެޕެއްކަން އެނގުނީ އެއަށް ވަނީމައެވެ. އެއީ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކުގެ ޖަގަހައެވެ. ގަނެވިއްކުމުގެ ބާޒާރެކެވެ. މި ކުޑަކުޑަ ޤައުމުގެ އާބާދީގެ ދެބައިކޮށްފަ އެއްބައި އެތަނުގައި ވަދެ އުޅޭ ކަހަލައެވެ. އެއީ ދިވެހީންގެ ބާޒާރެކެވެ. ލިއަމްގެ ޗެޓުލޮގްތައް ފެނި ހޭޒަލްއަށް އަނގައިގަ އަތްއަޅާލެވުނީ ނިކަން ބާރަށެވެ. މެޔަށްވީ ތަދުން ފޯނު އެއްފަރާތްކޮށްލެވުނެވެ. މީހާ ހަމައަކަށް އެޅޭން އޭނާއަށް ވަގުތު ނެގިއެވެ. ލޯމަރާލައިގެން އިނދެ ތަކުރާރުކޮށް ފަސް ހަފަހަރަށް ފުންކޮށް އޭނާ ނޭވާލިއެވެ. ފެނުނު ހުރިހާކަމެއް "ހަޖަމް"ކުރާނޭ ހިތްވަރު ކަށިތައް ފެލައިގެން ވިޔަސް އޭނާ ނެރެން މަސައްކަތްކުރިއެވެ. ވަގުތުކޮޅަކަށް ފަހު ހޭޒަލް ލޯ ހުޅުވާލައި ލިއަމްއަށް ބަލާލިއެވެ. އިށީނދެ އިނުން ފަސޭހަނުވެގެން ހޭޒަލް ކާޕެޓުމަތިން ތެދުވިއެވެ. މަޑުމަޑުން އައިސް ރީތިވާ މޭޒުކައިރީ ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ލިއަމް ފެންނާނޭހެން ގޮނޑި އަނބުރާލައިގެން އިނދެ އަނެއްކާ ވެސް ހޭޒަލް ފޯނު ބަލަން ފެށިއެވެ. ޖިންސީ އެދުންވެރިކަމަކާ ގުޅޭ ހުރިހާ ކަމެއް އެ އެޕްލިކޭޝަންގެ ތެރޭ ކުރެއެވެ. ގުރޫޕުތައް ހަދައިގެން އެ ގުރޫޕްތަކުގައި އަންހެނުންގެ މަޢުލޫމާތުތަކާއި އެމީހުންގެ ބަހުރުވައިން "ބުފޭ"ތައް ހިންގައެވެ. ޚިދުމަތް ލިބިގަންނަނީ ފައިސާ ޚަރަދުކޮށްގެންނެވެ. ލިއަމްގެ "ކޮންޓެކްޓް ލިސްޓް"ގައި ވެސް ސަތޭކައާ ގާތްކުރާ ވަރަށް މީހުން ތިއްބެވެ. އޭނާގެ އެކައުންޓް ހުޅުވި ތާރީޚަށް ބަލާލިއިރު އަދިވީ ދޮޅު އަހަރެވެ. ގިނަ އަދަދެއްގެ މީހުންނާ ވާހަކަދައްކާފައި ހުއްޓެވެ. އެ ޗެޓުތައް ކިޔާލުމުން ހޭޒަލްގެ ދެ ލޯ ފުރިބަންޑުންވާން ފެށިއެވެ. ލިއަމް ދައްކާފައި ހުރި ހުތުރު ވާހަކަތައް ފެނި ހޭޒަލްގެ ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާއަށް ދެތުންފަތް ބައްދާ ބާރުކޮށްލެވުނެވެ.
ލިއަމް އެހެން މީހުންނަށް އަންހެން ކުދީންގެ ނަންބަރުތައް ޚީއްޞާކޮށްފައި ހުރިއިރު އެމީހަކާއެކު ވަރަށް ގާތްކޮށް އުޅެގެންނޫނީ ނޭނގޭނޭ ފަދަ ސިއްރުތައް ހާމަކޮށްފައި ހުއްޓެވެ. "މީނަ ވަރަށް ފައްކާ" އޭ ފަދަ ބަސްތަކުން ސިފަކޮށްދީފައި ހުއްޓެވެ. އޭގެ އިތުރުން ދުވާ ވަހަށް ދަން އެހާ ތަފްސީލީ ވާހަކަ ވެސް ލިއަމް ދައްކާފައި ހުއްޓެވެ. އަދި ރޭޓަކީ ކޮބައިކަމާއި ވަކި އަގަކަށް ލިބޭނެ ޚިދުމަތްތަކަކީ ކޮބައިކަން ވެސް ބުނެފައި ހުއްޓެވެ. އެފަދަ ވާހަކަތަކުގެ ތެރެއިން ހޭޒަލްގެ ސަމާލުކަން އަތުލީ "ފަރަހަ"ގެ ނަމެވެ. ފަރާއޭ ކިޔައިގެން ވާހަކަދައްކާފައި ހުރިއިރު އެ ނަމާއެކު ފޮޓޯއާއި ނަންބަރު ވެސް ޚިއްޞާކޮށްފައި ހުއްޓެވެ. އެ މީހަކަށް އާދަޔާ ޚިލާފަށް ލިއަމް ތާރީފުކޮށްފައި ވާހަކަދައްކާފައި އޮތް ގޮތް ފެނި ހޭޒަލް ބައްދަމުންދިޔަ ދެތުންފަތް އާހުގެ އަޑުން ފޫއަޅުވާލައިފިއެވެ. ތިމާގެ ފިރިމީހާ ހިލޭ އަންހެނަކަށް އެވަރަށް ތާރީފުކުރާއިރު އެ ތާރީފު ގުޅިފައިވަނީ ޖިންސީ އެދުންވެރިކަން ފުއްދުމާކަން އެނގުމުން އެ ހާލަތުގަ އަނތްބެއްގެ ހިތަށް އެސިޑު އެޅުމެކޭ އެއްވަރުވީއެވެ. އެފަދަ ފިރިއަކަށް އަނތްބެއްގެ ބޭނުމެއްނެތްކަން ގައިމެވެ. މޭގައި ރިއްސައިގަތްވަރުން ހަށިގަނޑު ގޮނިކޮށްލެވުމާއެކު ވައަތުން މޭގައި އަޅައި ހޭޒަލް އޮބައިގަތެވެ. އޭރު ހަނދާނުގައި ފޮރުވިފައި އޮތް މަންޒަރެއް ކުލަވެއްޖެއެވެ. ހޭޒަލްއަށް ކުއްލިއަކަށް ހޭލެވިގެން ކޮޓަރިން ނުކުތް ރޭގައި ލިއަމް ފޯނުގައި އިނދެ "ފަރަހަ"ގެ ނަން ކީ ރެޔެވެ. އެކަމާ ލިއަމް ދެކޮޅު ހެދި ވަރެވެ.
ހުރިހާ ޚިޔާލުތަކާއި ރިހުމަކާއެކު ވެސް ހޭޒަލް ފޯނުގައި ހުރި "ޗެޓް"ތައް ކިޔެވެ. މަސާޖުކޮށްދޭ ތަންތަނަށް ލިއަމް ދާކަމަށް މީހުން ގާތު ބުނެފައި ހުއްޓެވެ. ގަލޮޅާއި ހުޅުމާލޭގައި ހުންނަ ސްޕާތަކަށް އޭނާ ގޮސް ނަގާފައި ހުރި މަސާޖުތަކުގެ ތެރެއިން އެންމެ ކަމުދިޔައީ "ބޮޑީޓުބޮޑީ" މަސާޖުކަމަށް ބުނެފައި އޮތެވެ. ތަންތަނުގެ އަގުތައް ވެސް ލިއަމް ކިޔާދީފައި ހުއްޓެވެ. އޭނާ މިފަދަ ކަންތައްތަކުގައި ދަނީ ހެނދުނު އޮފީސް ވަގުތުގައި ކަމަށް ވެސް ބުނެފައި ހުއްޓެވެ. ހެނދުނު ދިހައެއް ޖަހާއިރު ހުޅުވާއިރު އެ ގަޑިއަށް އޭނާ ދާކަމެވެ. ރޭގަނޑު ދަނީ ވަރަށް މަދުންކަމެވެ. އޭގެ އިތުރުން ތައިލޭން އަންހެން ކުދީންގެ ރީތިވާހަކައާއި ތަފާތުކަމާއި އެމީހުންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުދީން ތިބެނީ ކޮންކޮން ތަންތަނަކުކަން ވެސް ލިއަމް ބުނެފައި ހުއްޓެވެ. އެ ކޮމިއުނިޓީ ތެރޭ ދެމަފިރިން އެކުގައި ޚިދުމަތްދޭ ފަރާތްތައް ވެސް ތިއްބެވެ. ހަރާންކުރެއްވި ކޮންމެ ގުޅުމަކަށް އެބައިމީހުންގެ ތެރޭ މަރުޚަބާ ކިޔައިފައި ވެއެވެ. އަތޮޅުތެރޭގައި ވެސް މިކަންކަން ކުރިއަށް ދާކަމުގައި މީހުން ދައްކާފައި ހުރި ވާހަކަތަކުން ޔަގީންވެއެވެ. އަތޮޅުތެރޭގައި މިނުބައިވެގެންނާ ގުޅުންތަކަށް މަގުފަހިކޮށްދޭ ވިޔަފާރި ހިންގާ ބަޔަކުވެއެވެ.
ވާހަކަދައްކާފައި ހުރި ދުވަސްތަކަށް ބަލާއިރު ވޭތުވެ ދިޔަ ރަމަޟާންމަހު ވެސް މީހުންނާ ވާހަކަދައްކާފައި ލިއަމް ހުއްޓެވެ. އެހެންނަމަވެސް އެއީ ދެތިން މީހުންނާއެވެ. އެމީހުން ގާތުގައި ވެސް ރަމަޟާންމަހު އެކަހަލަ ކަންކަމާ ކައިރިނުވަންކަމަށް ލިއަމް ބުނެފައި ހުއްޓެވެ. މީގެ އިތުރުން އޭނާ އުޅެނީ މީހަކާ އިނދެގެންކަން ލިއަމް އެންމެން ގާތުގައި ކަހަލަ ގޮތަށް ބުނެފައި ހުއްޓެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ލިއަމް ގާތު އޭނާގެ އަންހެނުން އެމީހުންނަށް ދައްކާލަން އެދިފައި ހުއްޓެވެ. އަދި އެމީހުންނަށް ދޭން އެދިފައި ހުއްޓެވެ. ނަސީބަކުން ލިއަމް އެފަދަ ކަމަކަށް އެއްބަސްވެފައެއް ނެތެވެ. އޭނާ ބުނެފައި ހުރީ އަނބިމީހާ އެފަދަ ކަންކަމަށް ޝައުގުވެރިނުވާ ވާހަކައެކެވެ. މި ހުރިހާކަމެއްގެ ތެރެއިން ވެސް ހޭޒަލްގެ މޭ ފަޅާލައި ހިތް އިރާލި ފަދަ އިޙްސާސެއް ކުރެވުނީ އެންމެންގެ ގާތުގައި ކަހަލަ ގޮތަކަށް ލިއަމް ފާޅުކޮށްފައިވާ ޝައުގުވެރިކަން ފެނިއެވެ. ލިއަމް އަންހެނުންނަށް ޝައުގުވެރިވިޔަސް އޭނާ ބޭނުންވަނީ ފުރަގަސްފަރާތް ބޭނުންކުރާށެވެ. އަނބިމީހާ އެކަމާ ގަޔާނުވެޔޭ ވެސް ލިއަމް ބުނެފައި ހުއްޓެވެ. އެ ހިތްހަމަޖެހުން އޭނާ ހޯދާކަން ބުނެފައި އޮތެވެ. އެފަދަ ޚިދުމަތް ދެނީ ކޮންބައެއްކަން އޭނާ ޚިއްޞާކޮށްފައި ހުއްޓެވެ. ލިއަމް ވާހަކަދައްކާފައި ތިބި މީހުން ވެސް އޭނާއަށް އެފަދަ އަންހެން ކުދީންގެ މަޢުލޫމާތު ފޯރުކޮށްދީފައި ވެއެވެ.
ކިތަންމެ ހިތްވަރެއް ކުރިޔަސް ހޭޒަލްއަކަށް ހުރިހާ އެއްޗެއް ނުކިޔުނެވެ. ހުރިހާ އެއްޗެއް ނުވެސް ބެލުނެވެ. ހިތަށް ކުޅަދާނެ ނުވީއެވެ. ފޯނު ހާވާފައި އޮތްކަމުގެ ހެކި ނެތިކޮށްލުމާއެކު އަވަސްއަވަހަށް އައިސް ލިއަމް އޮތް ފަރާތުގެ އަރިމަތީ ކަބަޑުމަތީ ފޯނު ޗާޖަށް ޖަހާފައި ބާއްވައިފިއެވެ. އެއާއެކު ހަލުވިކޮށް ކޮޓަރިން ނުކުމެ ދޮރުލައްވާލިއެވެ. ހޭޒަލްއަށް ވަގުތުން މޫނުގައި ދެއަތް އަޅައި މޫނު ފޮރުވާލެވުނެވެ. ވޭނީ އާހަކާއެކު އޭނާއަށް ރޮވުނީ އިންތިހާއަށް ހިތުގައި ޖެހިގެންނެވެ. އެހެންހުރެ ދެ ފަރާތަށް ތަކުރާރުކޮށް ބޯހޫރުވިއެވެ. ފެނުނު ހުރިހާކަމަކީ ތެދަކަށްނުވާނޭ ހީކުރަން ހޭޒަލް ބޭނުންވިއެވެ. ނަމަވެސް އެއަށްވުރެ ނަފްސުގެ މައްޗަށް އޭނާގެ ޟަމީރުގެ އަޑު ގަދައެވެ. އެ ފެނުނު ކަންކަމުން ދޭހަވަނީ ކޮންކަމެއްތޯ ހޭޒަލްގެ ޟަމީރު އޭނާއާ ސުވާލުކުރަމުންދިޔައެވެ. ލޮލަށްފެނުނު ހަޤީޤަތާއި ހިތުގައި ބިންވަޅުނެގިފައިވާ ގަދަ ލޯތްބާ ދެމެދު ދެކޮޅުވެރިކަން އުފެދިއްޖެއެވެ. ލިއަމްއަށްވުރެ ހޭޒަލް ލޯބިވާ ދެވަނަ އިންސާނަކު މި ދުނިޔޭގައި ވެސް ނެތެވެ. ފިނިނޭވާއެއް ހިކިފައި ތެދުފަތުގެ ދޭތެރެއިން ބޭރުވީ ގިސްގެ ތުރުތުރުލުމާއެކުއެވެ. އޭނާގެ ދެއަތްތިލަ ވެސް ތުރުތުރު އަޅަނީއެވެ.
"ކީއްވެ؟... ކީއްވެތަ؟... އަޅެ ކީއްވެތަ؟..." ހޭޒަލްއަށް އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. ގޯސްކޮށް ކުރެވުނީ ކޮންކަމެއްބާއޭ އޭނާގެ ހިތަށް އަރަނީއެވެ.
"ދެން ކިހިނެއް އަހަރެން ހަދާނީ؟... ކާކުކައިރީ މިވާހަކަދައްކާނީ، ފިރިމީހާއާ ގުޅުވާ މިހާ ހުތުރުކަންބޮޑުވެގެންވާ ކަމެއް ނުކެރޭނެ ބުނާކަށް، ލިއަމް ކީއްވެތަ ތިހެން ތިހެދީ؟... އަހަންނަށް އެނގިދާނޭ ވެސް ހިޔެއްނުކުރަންތަ؟... ބިރެއް ވެސް ނުގަނޭތަ؟ ﷲ ލަޢުނަތްލައްވާ އަޅެއްކަމުގައި ވެދާނޭ ހިތަށް ވެސް ނޭރިތަ؟... އަހަރެން ދެން ކިހިނެއް ހަދާނީ..." ހާސްވެ ގޮތްހުސްވެފައިވާ މީހަކު ފަދައިން ހޭޒަލް އެނބުރުނެވެ. ރޮމުންނެވެ. ބަދިގެއާ ސިޓިންރޫމާ ދެމެދު ދެކޮޅަށް އޭނާ ހިނގިއެވެ. ހޭޒަލްގެ ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލުގެ ނާޝިގަނޑު ފަޅައި ސިކުނޑި ނުކުންނަން އުޅޭ ކަހަލަ އެވެ. އޭނާ ބަނޑުގައި ދެއަތްވަށާލައި ގުދުވެލިއެވެ. އިރުކޮޅެއްގެ ތެރޭ ކުއްލިއަކަށް ހިންދެމިލުމާއެކު ދުވެފައި ސިންކު ދޮށަށް އައެވެ. އޯކަށްދެމި ހޮޑު އަތުވެއްޖެއެވެ. އިސްކުރު ދޫކޮށްލައި ކޯދެވެލުމާއެކު ސިންކު ކައިރީ ބާއްވާލި އަތުގައި ނިތްކުރި ޖައްސާލައިގެން ހޭޒަލް ގުދަށް އޮތެވެ. އިސްކުރުން ފެން އޮހިއޮހި ހުއްޓެވެ. ހޭޒަލްއަށް އަނެއްކާ ވެސް ބާރަށް ރޮވިއްޖެއެވެ. މިވީ ކިހިނެއްހޭ އޭނާގެ ޟަމީރާ ސުވާލުކުރިއެވެ. ލިއަމްއާ ކުރިމަތިލާނޭ ގޮތެއް ވެސް އޭނާއަކަށް މިވަގުތު ނުވިސްނެއެވެ. އެހާ ލޯބިވާ ފިރިމީހާގެ ފަރާތުން ބަލައިގަންނަން އުނދަގޫވެދާނޭ ކަމެއް ފެނިދާނޭ ކުޑަކޮށް ވެސް ހޭޒަލް ހިޔެއްނުކުރެއެވެ. އެއްވެސް މީހަކަށް ނުކުރާހާ އިތުބާރު ހޭޒަލް ފިރިމީހާއަށް ކުރިއެވެ. އޭނާގެ ހުރިހާ ވެސް މީހަކީ ލިއަމްކަމުގައި ހީކުރިއެވެ.
(ނުނިމޭ)