ބޮލީވުޑް

ތާރާ އާއި ސިދާރްތުގެ ލޯބީ ވާހަކައަށް ދިން ޖަވާބު

Nov 5, 2019

ސިދާރްތު މަލްހޯތުރާ އާއި ތާރާ ސުތާރިޔާ ކުޅޭ "މަރްޖާވާން" މިހާރު ވަނީ ރިލީޒް ވުމަށް ތައްޔާރުވެފަ އެވެ. ފިލްމުގެ ޝޫޓިން ފެށުމާއެކު ތާރާ އާއި ސިދާރްތުގެ ހަގީގީ ލޯބީގެ ގުޅުމެއްގެ ވާހަކަ އެކި ފިލްމީ ވެބްސައިޓްތަކުން ފެންނަމުން ދިޔަ އެވެ. އަދި މި ސުވާލު ވަރަށް ފަހުން ސިދާރްތު އާއި ތާރާއަށް އިންޑިއާގެ ނޫސްވެރިން ވަނީ ކުރިމަތިކޮށްފަ އެވެ.

"މަރްޖާވާން"ގެ ޕްރޮމޯޝަން އިންޓަވިއު އެއްގައި ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބުގައި މި ދެ ތަރިން ބުނެފައިވަނީ އެ މީހުންގެ މެދުގައި އޮތީ ގާތް އެކުވެރިކަމެއް ކަމަށެވެ.

ސިދާރްތު ބުނީ އޭނާ އައީ އެކަނި ކަމަށާއި ދާނީ ވެސް އެކަނި ކަމަށެވެ. އަދި ގޭގައި އުޅެނީ އޭނާ އާއި އޭނާގެ ކުއްތާ އެކަނި ކަމަށެވެ. އޭނާގެ ދިރިއުޅުން މިވަގުތު ހުރީ އެފަދަ ގޮތަކަށް ކަމަށެވެ.

ތާރާ ބުނީ ސިދާރްތުއަށް ޓަކައި އޭނާގެ ހިތުގައި އަބަދުވެސް ޚާއްސަ ކަނެއް އޮންނަ ކަމަށާއި އެ ވާހަކަ މީޑިއާގައި ބުނެފައި ވާނެ ކަމަށެވެ. ސިދާރްތު އަކީ ވަރަށް ރީތި އަދި ލޯބި ފިރިހެނެއް ކަމަށް ވެސް ތާރާ ބުންޏެވެ. އޭނާ އެހެން ބުނުމުން ސިދާރްތު ވަނީ ތާރާ އާ ދިމާކޮށްފަ އެވެ.

"އަޅެ އަހަރުމެން ދެ މީހުން އުޅެނީ ރައްޓެހިވެގެންތަ؟" ތާރާ ސިދާރްތު އާ ސުވާލު ކުރި އެވެ.

ތާރާ އާއި ރަންބީރު ކަޕޫރުގެ ދެބެންގެ ދެދަރި އާދަރް ޖެއިންގެ ސީރިއަސް ގުޅުމެއް އޮންނަ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ. އެހެންކަމުން ތާރާ އާއި ސިދާރްތުގެ ވާހަކައަކީ މާ ބޮޑު ހަގީގަތެއް އޮތް ވާހަކައެއް ކަމަކަށް ނުބެލެވެ އެވެ.

ސިދާރްތު އާއި ތާރާގެ "މަރްޖާވާން"ގެ ޓްރެއިލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. މިލަޕް ޒަވޭރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރަކުލް ޕްރީތު ސިންގް ވެސް ބަތަލާގެ ބައި ކުޅެފައި ވެއެވެ. އަދި ރިތޭޝް ދޭޝްމުކް ވެސް ބައިވެރިވެ އެވެ. މި ފިލްމުގައި ރިތޭޝް ކުޅެނީ ނުބައިބައެވެ. އަދި "އޭކް ވިލަން"އަށް ވުރެ ވެސް މި ފިލްމުގައި ރިތޭޝްގެ ނުބައިބައި ރޯލު ވަރުގަދަ ވާނެ ކަމަށް ވެއެވެ.

"މަރްޖާވާން" ރިލީޒްކުރާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.