އަބްދުﷲ ޝާހިދު

ފުރަތަމަ ފަހަރަށް އަޔޯރާ ސަމިޓްގައި ރާއްޖެއިން ބައިވެރިވަނީ

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމައިފި އެވެ.

މިމަހުގެ 5 އިން 7 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބާއްވާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) އަކީ އިންޑިއާ ކަނޑާއި ގުޅިފައިވާ ގައުމުތަކުގެ ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާ އުފެދިފައިވަނީ 1997 ވަނަ އަހަރުގެ މާޗް މަހުއެވެ. މި ޖަމްއިއްޔާ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މިޖަމްއިއްޔާގެ ނިންމުންތައް ނިންމާ އެންމެ އިސް ގުނަވަނަކީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ. ރާއްޖެއިން މިޖަމްއިއްޔާގައި ރަސްމީކޮށް ބައިވެރިވުން މިފަހަރުގެ ޖަލްސާގައި އޮންނާނެއެވެ.

ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިއަދު އަޔޯރާގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުން ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސައިން ނިޔާޒެވެ.