ރައީސް މުހައްމަދު ނަޝީދު

ހިޔާނާތުގެ ތަހުގީގަށް މަޖިލީހުގެ ހާއްސަ ކޮމިޓީއެއް ހެދުމުގެ ބޭނުމެއް ނެތް: ނަޝީދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަކި ކޮމިޓީއެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އެޑްރެސްކޮށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ، މި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ތެރެއިން ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް އަލުން ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭތީވެ މަޖިލީހުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން މަޖިލީހުން ޖަވާބުދާރީ ކުރެވޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޖާބިރު އެދިވަޑައިގެންނެވި ކަންކަން ފުރިހަމައަށް ހިންގަމުން އަންނަ ކަމަށެވެ.

"ރިޔާސީ ކޮމިޝަނުން ދަނީ އެ މަސައްކަތް ކުރަމުން، އަދި މި މަޖިލީހުން ވަނީ އެ ކޮމިޝަނަށް ގާނޫނީ ބާރު ވެސް ދީފައި، އެ ކޮމިޝަން މި މަޖިލީހަށް ޖަވާބުދާރީ ވެސް ކުރެވޭ. އެހެންވީމާ އަޅުގަނޑަށް ފެންނަ ގޮތުގައި އިއްޒަތްތެރި މެންބަރު ޖާބިރު އެ ވިދާޅުވާ ކަންކަން ހިނގަމުންދަނީ، އިތުރު ތަހުގީގު ކޮމިޓީއެއް ހަދާކަށް ކޮންމެހެން ނުޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖާބިރު ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ބޮޑު ހިޔާނާތާ ގުޅިގެން މީޑިއާތަކުން ގެނެސް ދީފައިވާ ޚަބަރުތަކާއި މައުލޫމާތުތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު އަދާ ކުރައްވަމުން ގެންދެވިއިރު ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ބޭނުންވި އިސްލާހުތަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތާއީދު ހޯދަން ބޮޑެތި އަދަދުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަން އެނގޭ ކަމަށެވެ.

އެ ކަން ބޮޑަށް ޔަގީންކުރެވެނީ އެމްއެމްޕީއާރުސީގެ ކަންކަމުގައި އޭރު އުޅުއްވި ފަރާތްތައް ދައްކާފައިވާ ވާހަކަަތަކުގެ އިތުރުން މާލިއްޔަތު ކޮމެޓީގައި ޕީޖީ އައިޝަތު ބިޝާމް ދެއްކެވި ވާހަކަފުޅުތަކުން ކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި މި ސަރުކާރުގެ ވަޒީރުންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، ފުލުހުންނާ ސިފައިންގެ ތެރެއިން ބައެއްގެ ދައުރު ވެސް އެބައޮތްކަން ބިޝާމް ފާހަގަ ކުރައްވާފައިވާ ކަމަށް ސިޓީގައިވެ އެވެ.