ލައިފްސްޓައިލް

ފަގީރުންނަށް ހިލޭ ދަތުގެ ފަރުވާ ދޭ ޑޮކްޓަރު

ބްރެޒީލްގެ ދަތުގެ ޚާއްސަ ޑޮކްޓަރަކު އެ ގައުމުގެ އެކި ހިސާބުތަކަށް ދަތުރުކޮށް ފަގީރުންނަށް ހިލޭ ދަތުގެ ފަރުވާ ދެމުން ގެންދާތީ ގިނަ ބަޔެއްގެ ސަމާލުކަން މިހާރު އެ ޑޮކްޓަރަށް ވަނީ ލިބިފަ އެވެ. ފައިސާގެ ދަތިކަމާހެދި ދަތުގެ ފަރުވާ ނުހޯދި ތިބި އެތައް ބަޔަކަށް މި ޑޮކްޓަރު މިހާރު ފަރުވާ ދީފައި ވެއެވެ.

ޑރ. ފެލިޕް ރޮސީ އަކީ ސުޕަހީރޯއެއްގެ ގޮތުގައި ބްރެޒީލްގެ ފަގީރުން ގަބޫލު ކުރަނީ އޭނާ އިންސާނިއްޔަތަށް ކޮށްދޭ ޚިދުމަތުންނެވެ.

ފެލިޕް ވަނީ 2016 ގައި މޮޒަމްބީގްގައި ވެސް މަސައްކަތް ކޮށްފަ އެވެ. މިޝަން އެފްރިކާ ކިޔާ އެންޖީއޯއަކާ ގުޅިގެންނެވެ. އަމިއްލަ ގައުމުގައި ހިލޭ މަސައްކަތް ކޮށްދިނުމުގެ ވިސްނުން އޭނާއަށް އައީ މޮޒަމްބީގްގައި ޚިދުމަތްކުރި ދުވަސްވަރު އެވެ.

ފެލިޕް ބޭނުންވަނީ އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ބްރެޒީލްގައި ތިބި އެންމެ ނިކަމެތިންނަށް އޭނާގެ ތަޖުރިބާގެ ބޭނުން ހިފައިގެން އެހީތެރިވާށެވެ. އެގޮތުން ފެލިޕް އާއި އޭނާގެ ޓީމުން ވަނީ ބްރެޒީލްގެ 10 ސްޓޭޓަކަށް ޒިޔާރަތްކޮށްފަ އެވެ. އަދި ދުނިޔޭގެ ފަގީރު ދެ ގައުމަކަށް ވެސް އޭނާ ވަނީ ހިލޭ ޚިދުމަތް ދީފަ އެވެ. ވަރަށް ޒަމާނީ ދަތުގެ ފަރުވާ ފެލިޕް ދެނީ މުޅިން ހިލެ އެވެ.

މި މަސައްކަތް ފަށައިގަތީ ފެލިޕް އާއި ދެ އެކުވެރިވެގެންނެވެ. ނަމަވެސް މިހާރު މި މަސައްކަތް ފުޅާވެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކޮލްގެޓްގެ އެހީ ވެސް ކޮންމެވެސް މިންވަރަކަށް އޭނާގެ ޓީމަށް ލިބެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ތަކެތި ކޮލްގެޓް އިން ފޯރުކޮށްދެ އެވެ.

ފެލިޕް ބުނި ގޮތުގައި އޭނާގެ އަމިއްލަ ގައުމުން ދަތުގެ ފަރުވާއަށް ބޭނުންވެ ފަރުވާ ނުހޯދިފައިވާ އެތައް ބަޔަކު އޭނާއަށް ފެނުނެވެ. އެހެންވެ ލިބިފައިވާ ތައުލީމުގެ ބޭނުން ހިފައިގެން ފަގީރުންނަށް ހިލޭ ޚިދުމަތް ކޮށްދޭން ގަސްތުކުރީ އެވެ. މިހާރު ކޮންމެ މަހަކުވެސް އެންމެ ފަގީރު މީހުން އުޅޭ ހިސާބުތަކަށް ފެލިޕް އާއި ޓީމުން ދަތުރުކުރެ އެވެ.

އޭނާ ބުނި ގޮތުގައި އެއްގޮތަކަށް ވެސް ދަތުގެ ޑޮކްޓަރެއްގެ ކައިރިއަށް ފަރުވާ ހޯދަން ނުދާ 20 މިލިއަން މީހުން ބްރެޒީލްގައި އެބަތިއްބެވެ. މިއީ ހައިރާންވާ ވަރުގެ ބޮޑު އަދަދެއް ކަމަށާއި މިފަދަ މީހުންނަށް ފަރުވާގެ ބޭނުން ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

ފެލިޕްގެ ސްޓާފުންގެ ގޮތުގައި 20 މީހުން ތިބިއިރު ވޮލަންޓިއަރުންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.