ގައުމީ ފުޓްބޯޅް ޓީމް

ރިޒޭގެ އެނބުރި އައުން އިތުބާރާއެކު

ގައުމީ ޓީމާއެކު ގުއާމްގައި ކުޅުނު މެޗަށް ނުދިޔަ އަހްމަދު ރިޒްވާން (ރިޒޭ) މާފަށް އެދި އަލުން ޓީމަށް އެނބުރި ގޮސްސް ރޭ މެލޭޝިއާ ދެކޮޅަށް ލަނޑު ޖަހައި އިތުބާރު ދަމަހައްޓައިފި އެވެ.

މެލޭޝިއާ އާ ދެކޮޅަށް ކުޅުނު ޓްރޭނިން މެޗުން ރާއްޖެ ބަލިވީ 2-1 ންނެވެ. ތިން ހާފަށް ބަހަލާއިގެން ކުޅުނު މެޗަކީ، ރާއްޖެއިން އެދިގެން މެލޭޝިއާއިން ކުޅުނު މެޗެވެ. ކޮންމެ ހާފެއްގައި ވެސް ކުޅެފައި ވަނީ 30 މިނެޓެވެ. މެޗުގައި ސްކޮޑުގައި ހިމެނޭ 25 ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނެވެ.

ފުރަތަމަ ލީޑް ނެގީ މެލޭޝިއާއިންނެވެ. އެ ޓީމުން ލަނޑު ޖެހީ ނެގި ހުރަހަކުންނެވެ. މޭލޭޝިއާއިން ހުރަސް ނެގި އިރު ރާއްޖޭގެ ކުޅުންތެރިންނަށް ތިބެވުނީ ލަނޑު ޖަހަން އަރާ ހުރި ކުޅުންތެރިޔާއާ މެދު ސަމާލު ނުވެވިއެވެ. ތިރި ތިރިން ފަސޭހަ ކަމާއެކު ނެގި ހުރަސް ފަސޭހަ ކަމާއެކު ގޯލް ތެރެއަށް ވައްދާލި އެވެ.

ރާއްޖޭގެ ލަނޑު ރިޒޭ ކާމިޔާބު ކުރީ އޭރިއާ ބޭރުންނެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ވަނީ ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ. އޭގެ ފަހުންވެސް އޭނާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ރާއްޖެއިން އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ރިޒޭ ބޮލުން ފޮނުވާލުމުން އެ ބޯޅަ މެލޭޝިއާގެ ކީޕަރު ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

ގައުމީ ޓީމުން ރިޒޭއަށް ފުރުސަތު ދިނީ މެދުކެނޑުމަކަށް ފަހު އެވެ. ސެޕްޓެމްބަރު މަހު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވާން ގައުމީ ޓީމުގައި ހިމެނުމުންވެސް ރިޒޭ ޓީމާއެކު ގޮސްފައެއް ނުވެ އެވެ. ދެން ޓީމާއެކު ނުދިޔައީ އޭނާ އާއެކު އީގަލްސްއަށް ކުޅެމުން ގެންދާ އަނެއް ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ.

އޭގެ ފަހުން އެފްއޭއެމުން ވަނީ އެ ދެކުޅުންތެރިން 100،000 ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. އެއީ ކޮންމެ ކުޅުންތެރިޔަކު 50،000 ރުފީޔާއިންނެވެ. އަދި އެ ޖޫރިމަނާ ނުދައްކަނީސް ލީގްގައިވެސް މެޗު ނުކުޅެވޭ ގޮތަށް ހެދި އެވެ. އެ ޖޫރިމަނާ ފައިސާ އީގަލްސްއިން ދައްކައި އެ ކުޅުންތެރިންނަށް މެޗެއް ނުގެއްލި ކުޅުމުގެ ފުރުސަތު ހޯދައިދިނެވެ. ކުރިއަށް އޮތް ދެ މެޗަށް ޓީމު އެކުލަވާލުމުގެ ކުރިން ދެ ކުޅުންތެރިންވެސް ވަނީ މާފަށް އެދިފަ އެވެ. އެ ކުޅުންތެރިން ޓީމަށް އަލުން ނެގީ މާފަށް އެދުމުންނެވެ.

ރޭގެ މެޗުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕް) އަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ފޮނުވާލި ބޯޅަ މެލޭޝިއާގެ ކީޕަރު ސޭވް ކުރީ އެވެ.

މެލޭޝިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ރާއްޖޭގެ އޭރިއާގެ ތެރެއިން ޑިފެންޑަރު ސަމްދޫހް މުހައްމަދު މެލޭޝިއާގެ ކުޅުންތެރިޔާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކުރި ފައުލެކެވެ. މެލޭޝިއާގެ ކުޅުންތެރިޔާ ގޯލްގެ މެދަށްވާ ގޮތަށް ޕެނަލްޓީ ފޮނުވާލިއިރު ރާއްޖޭގެ ޒުވާން ކީޕަރު ހުސައިން ޝަރީފް ހަރަކަތް ކުރީ ގޯލްގެ ކަނަށް ވާ ގޮތަށެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް މެލޭޝިއާގައި ޓްރެއިނިން ކޭމްޕްގައި ރާއްޖެއިން ހޭދަ ކުރާނެ އެވެ. ކޮލިފިކޭޝަންގައި އަންނަ ބުރާސްފަތި ދުވަހު ގައުމީ ޓީމު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހު 19 ވަނަ ދުވަހު ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ގުއާމްގައި މޮޅުވެފަ އެވެ.