ދުނިޔެ

ނިއުކްލިއާ ހަކަތައިގެ ބާރުގަދަ ކުރުމުގެ މަސައްކަތް އިރާން ފަށައިފި

އިރާނުގައި މިހާރު ބޭނުން ކުރަމުންދާ ނިއުކްލިއާ ހަކަތަ އިތުރަށް ފައްކާކޮށް ބާރުގަދަ ކުރުމުގެ ގޮތުން ނިއުކްލިއާ މިސައިލްތަކުގައި ބޭނުންކުރާ ސެންޓިރެފިއުޖެސްއަށް ޔޫރޭނިއަމް ގޭސް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ސެންޓިރެފިއުޖެސް ތަކަށް ޔޫރޭނިއަމް އެޅުމުގެ މަސައްކަތް އިރާނުގެ އަސްކަރިއްޔާއިން ފެށީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އެންގެވުމަކަށެވެ. އިރާނުން ނިއުކްލިއާ މިސައިލްތައް ބާރުގަދަ ކުރުމުގެ ގޮތުން ސެންޓިރެފިއުޖެސް ބޭނުން ކުރަން ފެށީ މި އަހަރުގެ ކުރީ ކޮޅުގަ އެވެ. ނަމަވެސް އޭރު ގައުމުތަކުގެ ފިއްތުންތަކުގެ ސަބަބުން ސެންޓިރެފިއުޖެސްއަށް ޔޫރޭނިއަމް ގޭސް އެޅުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެވެ.

ހާމަނާއީ އިރާނުގެ މީޑިއާތަކާ ބައްދަލު ކުރައްވާ ވިދާޅުވީ، އިރާނުގައި ބޭނުންކުރާ ނިއުކްލިއާ މިސައިލްތަކުގެ ތެރެއިން 1044 މިސައިލެއްގެ ސެންޓިރެފިއުޖެސްއަށް ޔޫރޭނިއަމް ގޭސް އަޅާނެ ކަމަށެވެ. މިއާއެކު ޔޫރަޕުގެ ގައުމުތަކުންނާއި އެމެރިކާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ބާރުގަދަ ގައުމުތަކާއެކު އިރާނުން ހެދި ނިއުކްލިއާ އެއްބަސްވުމުގައި، އިރާނުގެ ދިފާއީ ވުޒާރާގެ ގިނަ އުފެއްދުންތަކަށް ހުރަސް އެޅޭ ކަމަށް އިރާނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއްބަސްވުމުގައި ހިމެނޭ ގައުމުތަކުން ބުނަމުން ދިޔައީ، އެގައުމުތަކުގެ ސަލާމަތަށް އިރާނުގެ ނިއުކިލިއާ ޕްރޮގްރާމް މަޑު ޖައްސާލަން ޖެހޭ ކަމަށެވެ.

ހާމަނާއީ އިސްވެ ވަނީ މިއަހަރު ނިއުކްލިއާ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތަށް އަމަލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި އިރާނުގެ އިގްތިސޯދު ހަލާކުވަމުންދާތީ ހާމަނާއީ ނިންމީ ނިއުކްލިއާ ހަކަތަށް އިތުރަށް ބާރުގަދަކޮށް ގައުމުތަކަށް ގޮންޖެހުމަށެވެ.

ސެންޓިރެފިއުޖެސްއަށް ޔޫރޭނިއަމް ގޭސް އަޅަން ފެށުމުން، އީޔޫ އާއި ޔޫރަޕުގެ ގިނަ ގައުމުތަކުން އެކަން އެގޮތަށް ނުކުރަން ވަނީ އެދިފަ އެވެ.