ހަބަރު

ކަނޑު އަޑީގައި މަޝްވަރާ ކުރަން ޝިޔާމަށް ނަޝީދުގެ ދައުވަތެއް

މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ކަނޑު އަޑިއަށް ފީނަން ވަޑައިގަތުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އެ މަނިކުފާނު މިއަދު ދެއްވައިފި އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ހައްލެއް ހޯދަން ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި ޝިޔާމް ވިދާޅުވީ އޭނާއަކީ މޫދުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރެވިފައިވާ މީހެއް ކަމަށެވެ.

މީގެ ކުރިން ޝިޔާމް ވާދޫ ޑައިވިން ޕެރެޑައިސް ރިސޯޓުގައި ޑައިވިން އިންސްޓްރަކްޓަރަކަށް މަސައްކަތް ކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ އެ ދުވަސްވަރު އޭނާ މޫދަށް ވަޑައިގަންގަނަވަނީ މޫދުގެ އަޑީން ކުނި ހޮވުމަށްޓަކައި ސުތުލި ގޯންޏެއް ހިއްޕަވައިގެން ކަމަށެވެ. މޫދުގައި ގިނަ އަދަދަކަށް ކުނި ހުންނަ ކަމަށެވެ. މިއަދު ވެސް އެ ހާލަތު ބަދަލު ނުވާ ކަމަށެވެ.

"އަޅުގަނޑު ދެން މިހާރު ދޭތެރެއަކުން އެބަ ދެވޭ ފަން ޑައިވިން އަށް. ދާ އިރުގައި މިހާރު ވެސް އެ ހާލަތު ބަދަލެއް ނުވޭ. އެއަށް ވުރެ ހާލަތު ގޯސް. އެހެންވީމަ ދިވެހިން ހޭލުންތެރިވާން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ މައްސަލަ ހައްލު ކުރުމަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފައިސާ ލިބެ އެވެ. ނަމަވެސް އެ ފައިސާ ހަރަދު ކުރެވޭ ގޮތް އެނގެން ނޯންނަ ކަމަށާއި އެ ފައިސާއިން އެއްވެސް މަންފާއެއް ކުރާ ތަން ވެސް ނުފެންނަ ކަމަށެވެ.

އޭގެ ފަހުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގަށް މަޖިލީހުގެ ކޮމިޓީއެއް ހަދަން ފެނިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވުމުން ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ހިޔާނާތުގެ މަންފާ ސިޔާސީ ގިނަ ބޭފުޅުންތަކެއް ހޯއްދެވި ކަމުގެ ތުހުމަތުވާއިރު، ރައީސް އުފައްދާ ކޮމިޝަނަކަށް އިންސާފުވެރި ތަހުގީގެއް ނުކުރެވޭނެ ކަމަށެވެ.

ޝިޔާމްގެ ވާހަކައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް ކޮމިޓީއެއް ހެދެން ނެތް ނަމަވެސް ޝިޔާމަށް އެހެން ކަމެއްގެ ދައުވަތު އެބައޮތް ކަމަށެވެ. އެއީ އެމަނިކުފާނާއެކު އަންނަ ހުކުރު ދުވަހު މޫސުމީ ބަދަލުތަކުގެ މައްސަލާގައި މަޝްވަރާ ކުރެއްވުމަށް ކަނޑު އަޑީގަި ފީނާލާން ވަޑައިގަތުމަށެވެ.

"އަޅުގަނޑު ދަންނަވާނަން ޑައިވާސް ލޮޖް އިބްރާހިމް މޫސާގެ، ފައްޔާޒް އިބްރާހިމްގެ އަރިހުގައި އަޅުގަނޑުމެން ދެ މީހުންނަށް އެކަން ކޮށް ދިނުމަށް. މެމްބަރު އެގޮތަށް ތައްޔާރަށް ހުންނެވި ކަމަށްވާ ނަމަ، ދެން ކަނޑު އަޑީގައި މިކަމާ އަޅުގަނޑުމެންނަށް މަޝްވަރާ ހިންގިދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެއްވި ދައުވަތު ޝިޔާމް ވަނީ ގަބޫލު ކުރައްވާފަ އެވެ. މިއީ އިދިކޮޅު މެންބަރަކަށް މިފަދަ ގޮތަކަށް ރައީސް ނަޝީދު ފިނާލަން ދައުވަތެއް ދެއްވި ފުރަތަމަ ފަހަރެވެ.