ލައިފްސްޓައިލް

ކިތަންމެ ކުޑަކޮށް ދުވިޔަސް މުސްކުޅިވުން ކުޑަކޮށްދޭ!

ދުވުމަކީ އިންސާނާގެ ސިއްހަތު ސަލާމަތުން ގިނަ ދުވަހު ހުރުމަށް އެހީތެރިވެދޭ އެކްޓިވިޓީއެއްކަން ސައިންސްވެރިންގެ ހޯދުންތަކުން ސާބިތުވެފައި ވެއެވެ. ނަމަވެސް ސިއްހަތު ސަލާމަތުން ދިގު އުމުރެއްގައި ހުރުމަށް އަހަރެމެން ދުވަސް ޖެހެނީ ކިހާ ވަރަކަށް ހެއްޔެވެ؟

ފަހުގެ ހޯދުމެއް ބުނާ ގޮތުގައި ކިތަންމެ ކުޑަކޮށް ދުވިޔަސް އޭގެ ރަނގަޅު އަސަރު އިންސާނާގެ ހަށިގަނޑަށް ކުރެ އެވެ. އަދި އެކި އެކި މައްސަލަތައް ދިމާވެގެން މަރުވުމުގެ ނުރައްކާވެސް ކުޑަކޮށްދެ އެވެ.

ވަރަށް ގިނަ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ދުވުމަކީ ސިއްހަތަށް ފައިދާހުރި އެރޮބިކް އެކްސަސައިޒް އެކެވެ. ދުވުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ އެވެ. އެއް މިސާލަކީ 2018 ގައި ސައިންސްވެރިން ހޯދި ހޯދުމެކެވެ. މި ހޯދުމުގައިވާ ގޮތުން ދުވުމަކީ ސިކުނޑީގެ ސިއްހަތު ރަނގަޅުކޮށް ތަފާތު މައްސަލަތަކުން ދުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި މީގެ މާ ކުރީގެ ބައެއް ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ހަށިގަނޑަށް ކަސްރަތު ލިބޭ ހަރަކާތްތަކުން އިންސާނާ މުސްކުޅިވުން ލަސްކޮށްދެ އެވެ.

ނަމަވެސް ދުވުމާއި އިންސާނާ މަރުވުމުން ސަލާމަތްވުމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މިފަދަ ހަރަކާތަކުން މަރުވުމުގެ ނުރައްކާ ކުޑަވަނީ ކިހިނެއް ހެއްޔެވެ؟ ދުވުމުން ހިތާއި ސިކުނޑީގެ ނިޒާމުގެ ބަލިތައް ޖެހޭލެއް މަދުވެފައި ކެންސަރު ބަލި ޖެހޭ މިންވަރު ވެސް ދަށްވަނީ ކީއްވެ ހެއްޔެވެ؟ ދުވުމަކީ އިންސާނާގެ އުމުރު ދިގުވާ ކަމެއް ނަމަ ދުވުން ގިނަ ކުރާ ވަރަކަށް އިންސާނާ ވަރުގަދަ އުމުރު ދިގުވަމުން ދާނެ ހެއްޔެވެ؟

ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ މިފަހަރުގެ ދިރާސާގައި މި ސުވާލުތަކުގެ ޖަވާބު ހޯދާފައި ވެއެވެ.

މި ހޯދުމުގައި 14 ވަރަކަށް ސްޓަޑީޒްގެ ޑޭޓާ އެނަލައިޒްކޮށްފައި ވެއެވެ. މިއީ 149،232 މީހުންގެ މައުލޫމާތެވެ. މި ހުރިހާ ބައިވެރިން 5.5 އަހަރާއި 35 އަހަރާ ދެމެދުގެ ދުވަސް ތަކަކަށް މޮނިޓަ ކޮށް މައުލޫމާތު އެއްކުރަމުން ގެންގޮސްފައި ވެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާ އަކީ މީގެ ތެރެއިން 25951 ދިރާސާ ކުރަމުން ދިޔަ ދުވަސްވަރު ވަނީ މަރުވެފަ އެވެ.

މި ހުރިހާ މައުލޫމާތުތަކެއް ދިރާސާކުރުމުން ސައިންސްވެރިންނަށް ހޯދުނު އެންމެ މުހިއްމު އެއް ކަމަކީ މީގެ ތެރެއިން ކިތަންމެ ކުޑަކޮށް ނަމަވެސް ދުވެފައިވާ މީހުން މަރުވުމުގެ ނުރައްކާ 27 ޕަސެންޓް ކުޑަވެފައިވާ ކަމެވެ. އެއީ ކޮންމެ ފަދަ ސަބަބަކާ ލައިގެން ނަމަވެހެވެ.

މަދުން ދުވާ ކަމަށް ބަލާފައިވަނީ ދުވާލަކު އެއް ފަހަރު ނުވަތަ އެއަށް ވުރެ މަދުން ދުވާ މީހުންނަށެވެ. ދުވާ މީހުންގެ ތެރެއިން ވަރަށް ލަސްލަހުން ދުވާ މީހުން (ގަޑިއަކު ގާތްގަނޑަކަށް ހަ މޭލަށް) އަދި 50 މިނިޓަށް ވުރެ މަދުން ދުވެފައިވާ މީހުންގެ ވެސް މަރުވުމުގެ ނުރައްކާ ދަށްކުރެވިފައި ވާކަން މި ހޯދުމުގައި ފާހަގަކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންގައި ބުނަނީ ބޮޑެތި މީހުން އާދައިގެ ވަރަކަށް ދުވާނަމަ ހަފުތާއަކު 150 މިނިޓް އަދި ވަރަށް ބާރަށް ދުވާނަމަ ހަފުތާއެކު 75 މިނިޓް ދުވުމުން ފުދޭނެ ކަމަށެވެ.

ނަމަވެސް ފަހުގެ ހޯދުމުގައި ބުނާ ގޮތުން މިއަށް ވުރެ މާ މަދުން ދުވިޔަސް ސިއްހަތަށް ފައިދާ ކުރެ އެވެ. އަދި ކަނޑައެޅިފައިވާ މިންވަރަށް ވުރެ ގިނައިން ދުވުމަކީ ސިއްހަތަށް އިތުރު ފައިދާތަކެއް ކުރާނެ ކަމެއް ކަމަކަށް ވެސް މި ހޯދުމަކުން ނުދައްކަ އެވެ. ކޮންމެއަކަސް ޔަގީންވާ އެއް ކަމަކީ ދުވުމަކީ ކޮންމެ މީހަކަށް ވެސް އޭގެ ފައިދާ ކޮންމެވެސް ވަރަކަށް ކުރާނެ ކަމެއް ކަމެވެ.