ހަބަރު

މި އަހަރު ޑެންގީ ޖެހުނު މީހުންގެ އަދަދު 4420 އަށް

Nov 6, 2019

މިދިޔަ ދެ އަހަރާ އަޅައި ބަލާއިރު މި އަހަރު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ގިނަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4420 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މި އަހަރު މިހާތަނަށް ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު މިދިޔަ ދެ އަހަރު ރިޕޯޓު ކުރި މައްސަލަތަކަށް ވުރެ ގިނަ ކަމަށާއި ނަމަވެސް ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މަދު ކަމަށް އެ އެޖަންސީން ބުންޏެވެ.

މިދިޔަ ދެ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ށ، ނ، ޅ އަތޮޅުންނާއި އަދި މާލެ އާއި ހުޅުމާލެއިން ކަަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ޗިކުންގުންޏާ ޖެހިގެން މި އަހަރު މިހާތަނަށް 1460 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކުރީ ރ. އަދި ގއ އޮތޮޅުންނާއި މާލެ އާއި ހުޅުމާލެއިން ކަމަށް ވެސް އެ އެޖަންސީން ބުންޏެވެ.