ބޮލީވުޑް

ރިތިކްގެ ދެބެންގެ ދެދަރި ކޮއްކޮ ޕަޝްމީނާ ބޮލީވުޑަށް

ރިތިކް ރޯޝަން ފިލްމީ ދުނިޔެއަށް ތައާރަފްވީ 2000 ގައި ނުކުތް "ކަހޯނާ ޕިޔާރް ހޭ" އިންނެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަނެވެ. ފިލްމު ބްލޮކްބަސްޓާއަކަށްވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިތިކް ވަރަށް މަޝްހޫރުވި އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ރިތިކްގެ ދެބެންގެ ދެދަރި ކޮއްކޮ ޕަޝްމީނާ ރޯޝަން ވެސް މިހާރު ދަނީ ފިލްމީ ދުނިޔެއަށް ވަނުމަށް ތައްޔާރު ވަމުންނެވެ. ޕަޝްމީނާއަކީ ރިތިކްގެ ބޮޑު ބޭބެ އަދި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިއެކެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި 2020 ގައި ބޮލީވުޑަށް ތައާރަފުވުމަށް ޕަޝްމީނާ މިހާރު ދަނީ ވަރަށް ބޮޑު ޕްރޮޑަކްޝަން ހައުސް އަކާ މަޝްވަރާ ކުރަމުންނެވެ. ޕަޝްމީނާއަކީ 18 އަހަރުގެ އަންހެންކުއްޖެއްގެ ސިފަ ޖަހާ ނަމަވެސް 40 އަހަރުގެ އަންހެނެއްގެ ވިސްނުން ހުރި ހަރުދަނާ އެކްޓަރެކެވެ. މިއަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އޭނާއަށް 24 އަހަރު ފުރޭނެ އެވެ.

ޕަޝްމީނާ މިހާތަނަށް ފިލްމެއް ކުޅެފައި ނުވިޔަސް އޭނާގެ ތިއޭޓަރުގައި ތަމްސީލުތައް ކުޅުމުގެ ތަޖުރިބާ ވަރަށް ބޮޑެވެ. އަދި އެކިއެކި އެކަޑަމީތަކުން އެކްޓިންގެ ވަރަށް ގިނަ ކޯސްތައް ވެސް އޭނާ ވަނީ ހަދާފަ އެވެ. އެހެންވީމާ ފިލްމު ކުޅެން އޭނާ ފަށާނީ ވަރަށް އިތުބާރާއި ޔަގީން ކަމާއެކު ކަމަށް އޭނާ ދަންނަ ގިނަ މީހުން އެއްބަސްވެ އެވެ.