ހަބަރު

ނިންމުން ބަދަލުކޮށް އެމްޑީއެންއަށް ރައްކާތެރިކަންދީ: އެމްނެސްޓީ

Nov 6, 2019
3

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންގޮސް އެ ޖަމިއްޔާއަށް ރައްކާތެރިކަން ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ސާބިތުވުމުން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ އުވާލަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އެމްނެސްޓީން މިއަދު ބުނީ އެމްޑީއެން އުވާލަން ނިންމުމުން އެނގިގެން ދަނީ ސަރުކާރު ބަދަލުވި ނަމަވެސް ފިއްތުންތަކަށް ބަދަލެއް ނާންނަ ކަމަށެވެ.

"އާ ސަރުކާރު ވެރިކަމާ ހަވާލުވީ ރާއްޖޭގައި ކުރިން އޮތް ހައްގުތައް ހަނި ކުރުމުގެ ނިމުމަކަށް ގެންނަން. ނަމަވެސް އެމްޑީއެން އުވާލަން ނިންމުމުން އެނގިގެން ދަނީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކާއި ސިވިލް ސޮސައިޓީތަކަށް ބިރުދެއްކުމުގެ މަސައްކަތްތަކެއް ހުއްޓުމަކަށް ނާދޭ،" އެމްނެސްޓީގެ ސައުތު އޭޝިއާ ރީސާޗް ޑިރެކްޓަރު ދިނުޝިކާ ޑިސަނަޔަކް ވިދާޅުވި އެވެ.

ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެއިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ޖާގަދޭން ޖެހޭނެ ކަމަށް އެމްނެސްޓީން ބުންޏެވެ. އަދި ހަތަރު އަހަރު ކުރީގެ ރިޕޯޓަކާ ހެދި ކުއްލިއަކަށް ފިޔަވަޅު އެޅުމުން ސުވާލު އުފެދޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެހެންކަމުން އެމްޑީއެން އުވާލަން ސަރުކާރުން ނިންމި ނިންމުން ވަގުތުން އަނބުރާ ގެންދަން ޖެހޭ ކަމަށް އެމްނެސްޓީ ގޮވާލި އެވެ. އަދި އެމްޑީއެންގެ މުއައްޒަފުންނަށް އައި މަރުގެ އިންޒާރުތައް ތަހުގީގުކޮށް އެ މީހުންނަށް ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

އެމްޑީއެން އުވާލަން ނިންްމި ނިންމުން އަނބުރާ ގެންދަން އެ ޖަމިއްޔާގެ މެންބަރު ޝަހިންދާ އިސްމާއިލް ވެސް ވަނީ ގޮވާލައިފަ އެވެ. ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށްފައިވާ ޝަހިންދާ ވަނީ އެމްޑީއެން ރިޕޯޓު މައްސަލާގައި ފިޔަވަޅު އަޅައިފި ނަމަ ބޭރުގެ ޕްރެޝަރު ރާއްޖެއަށް އަންނާނެ ކަމަށް ބުނެ މީގެ ކުރިން އިންޒާރެއް ވެސް ދީފަ އެވެ.