ސައިންސް

ބޮއިން ކުންފުނިން އިންސާނުން ހަނދަށް ފޮނުވަނީ

Nov 7, 2019
1

ދުވަސްވާ ވަރަކަށް ޖައްވީ ރޭހުގެ ކުރިއަރައިގެން ދިޔުމުގެ ޝައުގު ދަނީ ބޮޑުވަމުންނެވެ. އާންމު ގޮތެއްގައި މިކަމުގައި އުޅެނީ ޖައްވީ ކުންފުނިތައް ކަމަށްވިޔަސް މި އަހަރު ތެރޭގައި ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކުން ވެސް ވަނީ ޖައްވީ ރޭހުގައި ބައިވެރިވެފަ އެވެ. މި ކުންފުނިތަކުން ބުނާ ގޮތުގައި އެމީހުނަށް ޔަގީނުން ވެސް ގައުމުތަކުގެ ޖައްވީ އިދާރާތައް ފަހަތަށް ވައްޓައިލެވިދާނެ އެވެ. ނަމަވެސް އެ ކަމަށް އޮތް ގޮންޖެހުންތައް ބޮޑެވެ. ސަބަބަކީ މިހާރު ގިނަ ގައުމުތަކުގެ ޖައްވީ އިދާރާއިން ތައްޔާރުވަމުން ދަނީ ހަނދަށާއި މާސްއަށް ޖައްވީ އުޅަނދާއި އިންސާނުން ފޮނުވާށެވެ.

އެއިރޯ ސްޕޭސް ކުންފުންޏެއް ކަމަށްވާ ބޮއިންގް މަޝްހޫރުވެފައި ވަނީ ކޮމާޝިއަލް ފްލައިޓް އުފައްދާ ކުންފުންޏެއްގެ ގޮތުގަ އެވެ. ވައިގެ ދަތުރު ފަތުރުގައި މި ކުންފުނިން ވަނީ އިތުބާރު ހޯދާފަ އެވެ. ހުރިހާ އެއާލައިތަކުންހެން ދަނީ ބޮއިންގް ކުންފުނީގެ މަތިންދާބޯޓު ދަތުރުތަކަށް ބޭނުން ކުރަމުންނެވެ. އަދި އެކުންފުނީގެ ފަހުގެ ބޯޓުތަކުން ޕަސެންޖަރުންނަށް ހިދުމަތް ދިނުމަކީ އެއާލައިތަކުން އަބަދުވެސް ކުރަން ބޭނުންވާ ކަމެކެވެ.

އެކަމަކު ބޮއިންގް ކުންފުންޏަކީ ހަމައެކަނި ކޮމާޝިއަލް މަތިންދާބޯޓު އުފައްދާ ކުންފުންޏެއް ވެސް ނޫނެވެ. އެ ކުންފުންޏަކީ ޖައްވީ އުޅަނދާއި، ސެޓްލައިޓު އަދި މިސައިލްގެ އިތުރުން ރޮކެޓް ވެސް އުފައްދާ ކުންފުންޏެކެވެ. މި ތަކެތި އެ ކުންފުނިން އުފައްދަނީ ހާއްސަ އޯޑަރުތަކަށެވެ. އަދި ބޮއިންގް ކުންފުންޏަކީ ޖައްވީ މިޝަންތަކުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ބޭނުންވާ ސަޕޯޓިވް އިލެމެންޓްތައް ވެސް ތައްޔާރު ކޮށްދޭ ކުންފުންޏެކެވެ.

އެމެރިކާއިން 2024 ވަނަ އަހަރު ހަނދަށް އަނެއްކާ ވެސް އިންސާނުން ފޮނުވުމުގެ މަސައްކަތް ކުރެ އެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލުމުން ބޮއިންގް ކުންފުނިން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ބޮއިންގް ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ، ހަނދަށް އިންސާނުން ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ކުރާނީ އެކުއެކީ ކުރިޔަށްދާ ފަސް ފިޔަވެއްސަކަށް ބަހާލައިގެނެވެ.

އެގޮތުން މިޝަނުގައި އެސްޓްރޮނޯޓުން ތިބެން ތައްޔާރުކުރާ އުޅަނދު ވަކިން ތައްޔާރުކުރާނެ އެވެ. އަދި އެއަށް ބޭނުންވާ ފިޔުލް ސްޓޯރޭޖާއި ސަޕޯޓިވް އިލެމެންޓް ނުވަތަ ހަނދަށް ލޭންޑު ކުރާއިރާއި ހަނދުން ޓޭކްއޮފް ކުރާއިރު ބޭނުން ކުރާނެ އިލެމެންޓްތައް ފޮނުވާނީ ވަކި އުޅަނދެއްގަ އެވެ. އެސްޓްރޮނޯޓުގެ ކާބޯތެކެތި ފޮނުވާނީ ވެސް ވަކި އުޅަނދެއްގަ އެވެ.

ބޮއިންގް ކުންފުނިން ދެކޭ ގޮތުގައި ރައްކާތެރިކަމާއެކު މިޝަން ކުރިއަށް ގެންދެވޭނީ ފަސް އުޅަނދެއް ތައްޔާރު ކޮށްގެނެވެ. މީގެ އިތުރުން އެސްޓްރޮނޯޓުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ވެސް ބޭނުންކުރާނީ ވަކި ޖައްވީ އުޅަނދެކެވެ.

ބޮއިންގް ކުންފުނިން މިގޮތަށް ޖައްވީ މިޝަން ކުރިއަށް ގެންދަން ނިންމީ ނާސާއިން ކުރިއަށް ގެންދިޔަ އެޕޯލޯ 11 އިގެ މިޝަނުގައި ދިމާވި ދަތިތަކަށް ބަލައިގެންނެވެ. އެ މިޝަނުގައި ހަނދަށް އުޅަނދު ޖައްސަން އުޅުމުގެ ތެރޭގައި ވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެފަ އެވެ. އަދި އެސްޓްރޮނޯޓުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމުގައި ވެސް ދަތިތަކެއް ދިމާވި އެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ މިޝަނުގައި ބޭނުންކުރާނެ ޖައްވީ އުޅަނދުގެ ކުރެހުން ވެސް ބޮއިންގް ކުންފުނިން ވަނީ މިހާރު އާންމު ކޮށްފަ އެވެ.