ޗެމްޕިއަންސް ލީގްގައި އަޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުގައި، މެންޗެސްޓާ ސިޓީގެ ކީޕަރުގެ ގޮތުގައި ޓީމުގެ ގޯލް ފަހު ވަގުތު ކައިލް ވޯލްކާ ބަލަހައްޓައިފި އެވެ.
ޑިފެންޑަރަކަށް ކުޅޭ ވޯލްކާ ސިޓީގެ ގޯލް ބެލެހެއްޓީ، އެ ޓީމުގެ އެއް ވަނަ ކީޕަރު ބްރެޒިލްގެ އީޑަސަން މޯއައިސްއަށް އަނިޔާވުމުން ދެ ވަނަ ހާފުގައި އޭނާގެ ބަދަލުގައި އެރީ ދެ ވަނަ ކީޕަރު ކްލައުޑިއޯ ބްރާވޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
ބްރާވޯގެ ޖޯޒީ އާއި އަންގި ލައްވައިގެން ގޯލް ބަލަހައްޓަން އެރި ވޯލްކާ ވަނީ މުހިންމު ސޭވެއް ވެސް ކޮށްފަ އެވެ. ބްރާވޯއަށް ރަތްކާޑު ދެއްކި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން އެޓަލާންޓާގެ ރުސްލާން މަލިނޯވްސްކީ ފޮނުވާލުމުން ވޯލްކާ އެ ބޯޅަ ސަލާމްތް ކުރި އެވެ. އެ ބޯޅަ ވޯލްކާ ދިފާއު ކުރަން އުޅުމުން ފުރަތަމަ އޭނާއަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުހޯދެނިސް އަތުން ދޫވީ އެވެ. އޭނާ އެ ބޯޅަ އަތަށް ނެގީ ދެ ވަނަ ފަހަރުންނެވެ.
މެޗުގެ ފަހު ނުވަ މިނެޓްގައި ގޯލް ބެލެހެއްޓީ ގޯލް ކީޕަރުގެ މަގާމާމެދު އޮންނަ ލޯބީގެ ބޮޑު ކަމުން ކަމަށް، މެޗަށް ފަހު ވޯލްކާ ބުންޏެވެ. އޭނާ ބުނީ ބައެއް ފަހަރު ޕްރެކްޓިހުގައި ކީޕަރުގެ ތަމްރީންތައް އޭނާ ހަދާ ކަމަށެވެ.
އީޑަސަން ބަދަލު ކުރީ އޭނާގެ ފަލަމަސްގަނޑަށް އަނިޔާ ވުމުންނެވެ. އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އީޑަސަންއަށް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ބަދަލު ކީޕަރު ބްރާވޯއަށް ރަތް ކާޑު ދެއްކީ އެޓަލާންޓާގެ ޔޫސިކް ލިލިޗިޗް އަށް ލިބުނު އޯޕަން ފުރުސަތަށް ހުރަސް އެޅުމުގެ ގޮތުން ޓެކުލްކޮށް އޭނާ ވައްޓާލުމުންނެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެ އަދި ޓީމުގެ މުހިންމު މަގާމަށް ކުޅޭ ރަސްމީ ކުޅުންތެރިޔަކު ނެތި މެޗުގެ ފަހު 10 ވަރަކަށް މިނެޓް ކުޅެ މެޗު އެއްވަރުވުމުން ވެސް ސިޓީގެ ކުޅުންތެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަހަލަ އެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ. އެޓަލާންޓާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި މާރީއޯ ޕަސަލިކް އެވެ.