ލައިފްސްޓައިލް

ސެލްފިޓިސް: ސެލްފީ ނަގައި ޕޯސްޓްކުރާ ބަލި

އެންމެ ފުރަތަމަ މި ވާހަކަ އަޑުއިވުނީމަ މަޖާ ވާހަކައަކަށް ވެގެން ހީނ ހަދާނެ އެވެ. ނަމަވެސް ސެލްފީ ނަގާފައި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމަކީ މިހާރު ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިއީ ސެލްފިޓިސް ކިޔާ ބައްޔެއް ކަމަށް ވެއެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި އުއްތަރު ޕްރަދޭޝްގެ ސަންޖޭ ގާންދީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓީއުޓް އޮފް މެޑިކަލް ސައިންސް (އެސްޖީޕީޖީއައިއެމްއެސް) އިން މިހާރު ދުވާލަކު ހަތަރެއް ނުވަތަ ފަސް މީހުންނަށް ސެލްފިޓިސް ޖެހިގެން ފަރުވާދެ އެވެ. ސެލްފިޓިސް އަކީ ސެލްފީ ނެގުމަށް ދެވި ހިފުމާ ގުޅިގެން ދިމާވާ ނަފްސާނީ މައްސަލައެކެވެ.

އެމެރިކަން ސައިކޭޓްރިކް އެސޯސިއޭޝަނުން ސެލްފިޓިސް އަކީ ބައްޔެއް ކަމަށް އަދި ބަލައިގެންފައި ނުވިޔަސް އެ އެސޯސިއޭޝަނުންގެ އޮފިޝަލް ސައިޓުގައި ސެލްފީ އަކީ ސޯޝަލް މީޑިއާގައި މުހިއްމު އެއްޗަކަށް ވެފައި ގިނަ ބަޔަކު ފުރިހަމައަށް ސެލްފީ ނަގައި ޕޯސްޓް ކުރުމަށް އެތައް އިރެއް އެކަމުގައި ހޭދަކުރާ ކަމަށާއި އެއީ ސެލްފިޓިސް ކިޔާ ނަފްސާނީ މައްސަލައަކަށް ހަގީގަތުގައި ވެސް ވެދާނެ ކަމަށް ބުނެފައި ވެއެވެ.

ސެލްފީ ނަގާފައި ސޯޝަލް މީޑިއާ އަށް ލާ ވާހަކައަކީ މަޖަލަށް ދައްކާ ވާހަކައަކަށް ވުރެ މާ ސީރިއަސް ކަމެއްގެ ގޮތުގައި ނަފްސާނީ މާހިރުން ދަނީ ފާހަގަ ކުރަމުންނެވެ.

ޖާނަލް އޮފް ފެމެލީ މެޑިސިން އެންޑް ޕްރައިމަރީ ކެއާގައި 2018 ގައި ޝާއިއުކުރި ލިޔުމެއް ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސެލްފީ އާ ގުޅޭ 259 މަރެއް މިހާތަނަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން 137 މަރަކީ 2011 ގެ އޮކްޓޯބަރުން ފެށިގެން 2017 ގެ ނޮވެމްބަރާ ދެމެދު ހިނގާފައިވާ ހާދިސާ ތަކެކެވެ.

އެންމެ ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ ސެލްފީ ނަގަނިކޮށް މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާ އިން ކަމެވެ. އެ ގައުމުން އެކަނި 159 މީހުން މަރުވެފައި ވެއެވެ. ދެ ވަނައިގައި އޮތީ ރަޝިޔާ އެވެ. ތިން ވަނަ އެމެރިކާ އަދި ހަތަރު ވަނަ ޕާކިސްތާނެވެ.

ނެޝަނަލް ސެންޓާ ފޯ ބައޮޓެކްނޮލޮޖީން ކޮށްފައިވާ ސާވޭ އަކުން ދައްކާ ގޮތުން މިޔަރެއް ހަމަލާ ދީގެން މަރުވާ މީހުންނަށް ވުރެ މިހާރު ސެލްފީ ނަގަނިކޮށް ދިމާވާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ފަސް ގުނަ އިތުރެވެ.

އާއްމުކޮށް ސެލްފީ ނަގާ އުޅެނީ ޒުވާން އަންހެން ކުދިން ނަމަވެސް ސެލްފީ ނަގަނިކޮށް މަރުވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން މަރުވި 259 މީހުންގެ ތެރެއިން 72.5 ޕަސެންޓަކީ ފިރިހެނުންނެވެ. އަދި މަރުވި ގިނަ މީހުންނަކީ އުމުރުން 10 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށް ވެސް މި ހޯދުމުގައި ވެއެވެ.

މި ހޯދުން ބުނާ ގޮތުން ގިނައިން ސެލްފީ ނަގަނީ އަންހެނުން ނަމަވެސް ނުރައްކާތައް ބޮޑަށް ދިމާވެފައިވަނީ ފިރިހެނުންނަށެވެ. އެއީ ނުރައްކަލެއް ދިމާވެދާނެ ކަމަށް ފަރުވާ ނުބަހައްޓާ އުޅުމުގެ ސަބަބުންނެވެ. އެގޮތުން ސެލްފީ ނަގަނިކޮށް ގެނބިގެންނާއި އުސް ތަންތަނުން ވެއްޓިގެން އަދި އެނޫންވެސް އެކްސިޑެންޓްތަކުގައި ގިނަ ބަޔަކު މަރުވެ އެވެ.

މި ނަފްސާނީ ހާލަތުން ސަލާމަތް ވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދުވާލަކު ނެގެނީ ކިތައް ސެލްފީ ތޯ ބެލުމެވެ. ދުވާލަކު ތިން ސެލްފީ ނަގާނަމަ އެހެރީ ސެލްފިޓިސް ޖެހުމުގެ މަރުހަލާ ފެށި ބޯޑާ ލައިންގަ އެވެ. ހަ ސެލްފީ ނުވަތަ އެއަށް ވުރެ ގިނައިން ނަގާނަމަ އެހެރީ ސެލްފިޓިސް ޖެހިގެން ގޮސް އެންމެ ބޮޑުވަރު ވެފަ އެވެ.

ސެލްފީ ނަގަނީ ކީއްވެތޯ ސުވާލު ކުރުމުން ގިނަ މީހުން ބުނަނީ ސެލްފީ ނުނަގާނަމަ އެކުވެރިންގެ ގްރޫޕްތަކާ އޮންނަ ގުޅުން ކުޑަވާ ކަމަށެވެ. އަނެއްބައި މީހުން ބުނަނީ ސޯޝަލް މީޑިއާގައި ސެލްފީ ޕޯސްޓްކުރުމުން މަޝްހޫރުކަން އިތުރުވާކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.