ބަޔާން ލެވަކޫސެން އަތުން 2-1 ބަލިވުމުން، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް ދިއުމަށްޓަކައި އެތުލެޓީކޯ މެޑްރިޑް ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ވެއްޖެ އެވެ.
ރޭ ގެ މޮޅަކީ، ޗެމްޕިއަންސް ލީގްގައި މި ސީޒަންގައި ލެވަކޫސެން ހޯދި ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލި ވެފަ އެވެ. އެތެލެޓިކޯއަށް މެޗުގެ ސުން ކަނޑުވާލަ ދިނީ ފަހު ވަގުތު އަލްވާރޯ މޮރާޓާ އެވެ. ލެވަކޫސެންގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ އެތުލެޓިކޯގެ މިޑްފީލްޑާ ތޯމަސް ޕާޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ކެވިން ވޮލާންޑް އެވެ.
އެ ގުރޫޕްގައި ހިމެނޭ ޔުވެންޓަސް އާއި ރަޝިއާގެ ލޮކްމޮޓީވް މޮސްކޯ ކުޅުނު މެޗު ޔުވެންޓަސް ކާމިޔާބު ކުރީ 2-1 ންނެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯ ފޮނުވާލި ފުރީ ކިކް ލޮކޮމޯޓިވްގެ ކީޕަރު ގިލިޔާމް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އަތުން ދޫވެ ގޯލަށް ވަންނާން ދަނިކޮށް އާރޮން ރަމްސީ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލު މުންނެވެ. ކީޕަރު ގިލިޔާމް އަތުން ބޯޅަ ދޫވެ ބޯޅައިގެ އެއްބައި ވަނީ ގޯލް ލައިން ހުރަސްކޮށް ގޯލްގެ އެތެރެއާވީ ފަޅީގަ އެވެ. އެ ބޯޅަ އެއްކޮށް ގޯލްތެރެއަށް ވައްދާލީ ރަމްސީ އެވެ.
ލޮކޮމޯޓީވް މޮސްކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 12 ވަނަ މިނެޓްގައި އެލްކްސީ މިރާންޗުކް އެވެ. ޔުވެންޓަސް މެޗުން މޮޅުކޮށްދިން ލަނޑު ފަހު ވަގުތުގައި ކާމިޔާބު ކުރީ ޑަގްލަސް ކޮސްޓާ އެވެ.
ގުރޫޕް އޭ ގައި ޕީއެސްޖީ ވަނީ ބެލްޖިއަމްގެ ކުލަބު ބުރޫޖްގެ މައްޗަށް ކާމިޔާބު ހޯދައި ދެ ވަނަ ބުރަށް ކޮލިފައި ވެފަ އެވެ. ވަގުތީ ކޯޗް ހެންސީ ފުލިކްގެ ފުރަތަމަ މެޗުގައި ބަޔާން މިޔުނިކް ވަނީ ގުރީސްގެ އޮލިމްޕިއާކޯސް ބަލިކޮށް ގަދަ 16 އަށް ކޮލިފައި ވެފަ އެވެ. ބަޔާންގެ ލަނޑުތައް ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ އާއި އީވާން ޕެރިސިޗް އެވެ.
އެންމެ ފަހުގެ ރަނަރަފު ޓޮޓެންހަމް ހޮޓްސުޕާސް ވަނީ ޗެކްރިޕަބްލިކްގެ ރެޑް ސުޓާގެ މައްޗަށް 4-0 ން މޮޅުވެފަ އެވެ. ސްޕާސްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސަން ހިއުންގް މިން އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޖިއޮވާނީ ލޮސެލްސޯ އާއި ކްރިސްޓިއަން އެރިކްސަން އެވެ.