ލަންޑަން (ޖެނުއަރީ 4) – އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގަށް ވިސްނަން ޖެހުނު ނަމަވެސް، އެފްއޭ ކަޕަށް މެންޗެސްޓާ ސިޓީން ދޭ ސަމާލުކަން ކުޑަނުވާނެ ކަމަށް އެ ޓީމުގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.
އެފްއޭ ކަޕްގައި މިރޭ ޝެފީލްޑް ވެޑްނިސްޑޭއާ ދެކޮޅަށް ސިޓީ ނުކުންނައިރު، އިނގިރޭސި ލީގު ކަޕްގައި މިދިޔަ ސެޕްޓެމްބަރު މަހު ޝެފީލްޑް ވެޑްނިސްޑޭ އަތުން ސިޓީ ވަނީ 7-0 އިން މޮޅުވެފަ އެވެ.
އިނގިރޭސި ލީގުގައި ކައިރިކައިރީގައި މެޗުތަކެއް ކުޅުމަށް ފަހު އެފްއޭ ކަޕްގެ މެޗަށް ކުރިމަތިލި ނަމަވެސް، މި މެޗަށް ދޭ ސަމާލުކަން ކުޑަނުވާނެ ކަމަށް ޕެލެގްރިނީ ބުންޏެވެ. އަދި އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގަށް ވިސްނަން ޖެހުނު ނަމަވެސް، އެފްއޭ ކަޕަށް ވެސް ސަމާލުކަން ދޭ ކަމަށެވެ.
"މިއީ އަހަރެމެންނަށް އުނދަގޫ ދަނޑިވަޅެއް. ލީގުގައި ވަރަށް މުހިންމު ތިން މެޗު އެއް ހަފުތާ ތެރޭގައި މި ކުޅުނީ،" ޕެލެގްރިނީ ބުންޏެވެ. "އެކަމަކު މިހާރު އަހަރެމެން ވިސްނަންޖެހޭނީ ޝެފީލްޑް ވެޑްނިސްޑޭ އަށް. މިއީ އަހަރެމެންނަށް ވަރަށް މުހިންމު ކަޕެއް. މިދިޔަ އަހަރުގެ އެފްއޭ ކަޕް އިން އަހަރެމެން ކެޓީ އެކަމަކު ލީގު ކަޕް ހޯދިން. މި ފަހަރު ލީގު ކަޕުން ކަޓާފައި އެފްއޭ ކަޕްގައި ކުރިއަށް ދެވެން މި އޮތީ. އެފްއޭ ކަޕްގައި ކުރިއަށް ދެވެން އޮތް ހިސާބަކަށް ދާން އަހަރެމެން މަސައްކަތްކުރާނަން."
ސީޒަންގެ ކުރީކޮޅާ އަޅާބަލާއިރު، ސިޓީ މިހާރު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން ކުޅުނު 12 މެޗުން ސިޓީ ބަލިވެފައެއްނުވެ އެވެ. މީގެ ތެރެއިން 10 މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ.
ޕެލެގްރިނީ ބުނީ ސިޓީން މިހާރު ދައްކަމުންދާ ކުޅުމާމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ސިޓީގެ މުހިންމު ކުޅުންތެރިން ފޯމަކަށް އެޅިއްޖެ. މިހާރު ސިޓީން ދައްކަމުންދާ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. މިހާރު ވެސް އަނިޔާގައި އެބަތިބި ކުޅުންތެރިންތަކެއް. އެކަމަކު އަހަރެމެން އެ ކުޅުންތެރިން ނެތްތަން ފޫބައްދައި، ރަނގަޅު ނަތީޖާތަކެއް ނެރެމުން މި ދަނީ." – އީއެސްޕީއެން
އެފްއޭ ކަޕްގައި މިރޭ ކުޅޭ ބައެއް މެޗުތައް: