ލައިފްސްޓައިލް

އެވަކާޑޯ އަކީ ހަކުރުބަލިން ދިފާއުކޮށްދޭ މޭވާއެއްތަ؟

އެވަކާޑޯ ކެއުމަކީ ހަކުރުބަލި ޖެހުން ލަސްކޮށްދޭ ނުވަތަ ހަކުރުބަލިން ދިފާއުކޮށްދޭ ކަމެއް ކަން އެނގޭ ހެއްޔެވެ؟ ޖާނަލް މޮލެކިއުލާ ނިއުޓްރިޝަން އެންޑް ފުޑް ރިސާޗްގައި ޝާއިއުކޮށްފައިވާ ހޯދުމެއްގައި ސައިންސްވެރިން ވަނީ ފުރަތަމަ ފަހަރަށް އެވަކާޑޯ ކެއުމަކީ ހަކުރުބަލިން ދިފާއުވުމަށް ރަނގަޅު ގޮތެއް ކަމަށް އެއްބަސްވެފަ އެވެ.

މި ހޯދުމުގައި އިސްކޮށް މަސައްކަތްކުރި ޕްރޮފެސަރު ޕޯލް ސްޕަގްނޫލޯ ވަނީ ހަމައެކަނި އެވަކާޑޯއިން ފެންނަ ކަމްޕައުންޑެއްގެ މަސައްކަތުން ހަކުރުބަލިން ދިފާއުކޮށްދޭކަން ހާމަކޮށްފަ އެވެ.

އިންސާނުން ބައިވެރިކޮށްގެން ހެދި ރައްކާތެރިކަމުގެ ޓެސްޓުގެ ނަތީޖާ ދެއްކި ގޮތުން އެވަކާޑޯގައި އެކުލެވޭ ސަބްސްޓެންސް އިންސާނާގެ ލޭގައި އެކުލެވުމުން އޭގެ ނޭދެވޭ އެއްވެސް އަސަރެއް އިންސާނާގެ ކިޑްނީ، ލިވާ އަދި މަސްތަކަކަށް ވެސް ނުކުރެ އެވެ.

މި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކެނެޑާގެ ކޮންމެ ހަތަރު މީހަކުން އެކަކީ ފަލަބަލި ހުންނަ މީހެކެވެ. މިއީ ބޮޑެތި މީހުންނަށް އާއްމުކޮށް ޖެހޭ ޓައިޕް 2 ޑައިބެޓީސް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުން އިންސިއުލިން އުފައްދައި ނުދިނުމުގެ ސަބަބުން އެމީހުންގެ ލޭގައި ހުންނަ ގުލްކޯޒްގެ ބައި ބޭރުކޮށްލަން ނުކުޅެދެ އެވެ.

ސައިންސްވެރިންގެ ހޯދިފައިވާ ގޮތުގައި އެވޮކޭޝަން ބީ (އެވޯބީ) ކިޔާ ފެޓް މޮލެކިއުލް އަކީ ހަމައެކަނި އެވަކާޑޯއިން މިހާތަނަށް ފެނިފައިވާ އެއްޗެކެވެ. މި މޮލެކިއުލް އިން ސްކެލެޓަލް މަސްލް އާއި ޕެންކްރިއަސްގެ މަސައްކަތްތައް ފުރިހަމަކޮށްދީ އިންސިއުލިން އުފެދުމަށް ހުންނަ ހުރަސްތައް ނައްތާލަދެ އެވެ.

މި ހޯދުމަށް ސައިންސްވެރިންވަނީ މީދާ ތަކަކަށް އަށް ހަފުތާ ވަންދެން ވަރަށް ސަރުބީ ގިނަ ކެއުމަށް ކާން ދީފަ އެވެ. އެއީ އެ އެއްޗެތި ފަލަވެގެން ގޮސް އިންސިއުލިން އުފެއްދުމަށް ހުރަސް އެޅުމަށެވެ. އޭގެ ފަހުން މީދާތައް ދެ ގްރޫޕަކަށް ބަހާލައި އޭގެން އެއް ގްރޫޕަށް ފަސް ހަފުތާ ވަންދެން އޭވޯބީ ހުންނަ ކާނާ ދިނެވެ. ނަތީޖާ ދެއްކި ގޮތުން ކޮންޓްރޯލް ކޮށްގެން ކާންދިން ގްރޫޕްގެ މީދާތަކުގެ ބަރުދަން އިތުރުވީލެއް ދަށްވިކަން ފާހަގަ ކުރެވުނެވެ.

އޭވޯބީ ކާންދިން މީދާތަކުގެ ހަށިގަނޑުގައި އިންސިއުލިން ސެންސިޓިވިޓީ މާ މައްޗަށް ހުރިކަން ފާހަގަ ކުރެވުނުކަމަށް ޕްރޮފެސަރު ސްޕަގްނޫލޯ ފާހަގަ ކުރެއްވި އެވެ. އަދި ލޭގައި ހުންނަ ގުލްކޯޒް އަންދާލެއް މާ ގިނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އިންސާނުން މި ޓެސްޓްގައި ބައިވެރިކޮށް ރައްކާތެރިކަމާއެކު ޓެސްޓް ފުރިހަމަ ކުރެވިފައިވާތީ މިހާރު ޕްރޮފެސަރު ސްޕަގްނޫލޯ އާއި އޭނާގެ ޓީމުން ތައްޔާރުވަމުންދަނީ ސަރުބީގެ ނިޒާމުގެ ބަލިތަކަށް އޭވޯބީން ކުރާނެ އަސަރުތައް ދެނެގަތުމަށް ހަދާ ކްލިނިކަލް ޓްރައަލް ތަކަށެވެ.