ޗެމްޕިއަންސް ލީގް

ރެއާލްގައި ޒުވާން ރޮޑްރީގޯ ވިދާލައިފި

ޗެމްޕިއަންސް ލީިގްގައި ރޭ، ގަލަތާސަރާއީ ކޮޅަށް ރެއާލް މެޑްރިޑްގެ ޒުވާން ފޯވަޑް ބްރެޒިލްގެ ރޮޑޮރީގޯ ހޮއިސް ހެދި ހެޓްރިކާއެކު ރެއާލްގައި އޭނާ ވިދާލައިފި އެވެ.

އުމުރުން 18 އަހަރުގެ ރޮޑްރީގޯ ހެދި ހެޓްރިކާ އެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގްގައި ހެޓްރިކު ހެދި ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ޗެމްޕިއަންސް ލީގްގައި އެންމެ ޒުވާން އުމުރުގައި ހެޓްރިކް ހެދި ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ލެޖެންޑް އަދި މިހާރު އެ ކުލަބުގެ ބީ ޓީމުގެ ކޯޗް ރައުލް ގޮންޒާލޭޒް އެވެ.

ގަލަތަސަރާއީ އާ ދެކޮޅަށް 6-0 އިން މޮޅުވި މެޗުގައި ތިން ލަނޑު ޖެހުމުގެ އިތުރަށް ރޮޑްރީގޯ ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ތަނަވަސް ކޮށްދީފަ އެވެ.

މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން ސޮއިކޮށްފައިވާ މެޗުގެ ބޯޅަ ރޮޑްރީގޯއަށް ދިނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރޮޑްރީގޯ ބުނީ ރެއާލް މެޑްރިޑްގެ ދަނޑުގައި އެ ޓީމުގެ ސަޕޯޓަރުން އޭނާގެ ނަން ގޮވާއަޑު އިވިގެން ދިއުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ވަރަށް އުފާވެރި ރެެއެއް،" ރޭ ގެ މެޗަށް ފަހު ރޮޑްރީގޯ ބުންޏެވެ. "ބެރުނަބޭ [ރެއާލްގެ ސްޓޭޑިއަމް] ގައި އަހަރެންގެ ނަން ސަޕޯޓަރުން ގޮވާ އަޑު އިވުމަކީ ވަރަށް ކުރިން ދެކުނު ހުވަފެނެއް.. އަދިވެސް އަހަރެން ޖެހޭނެ ކެތްތެރި ކަމާއެކު މަސައްކަތް ކުރަން."

ރޭގެ މެޗުގައި ރެއާލްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. ބެންޒެމާ ކާމިޔާބު ކުރި ލަނޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގްގައި 50 ލަނޑު ޖަހާފަ އެވެ. އަދި އެ ދެ ލަނޑާއެކު ރެއާލްގެ ލެޖެންޑް އަލްފުރެޑޯ ޑި ސްޓެފާނޯ ޖަހާފައިވާ ލަނޑުގެ އަދަށް ވުރެ ކުރިއަށް ބެންޒެމާ ވަނީ ޖެހިލާފަ އެވެ. ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ބެންޒެމާ އަކީި ރެއާލްގެ ތާރީހްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިޔެއް ކަމަށެވެ. ރެއާލްގެ އަނެއް ލަނޑު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.