ވިޔަފާރި

ބީއެމްއެލްގެ އެހީގައި ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި

Nov 7, 2019
2

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފިއެވެ.

ގައުމީ ބޭންކުން ބުނީ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދެވަނަ ކުއާޓަރުގައި އިފްތިތާހު ކުރި ފުރަތަމަ ޕްރޮޖެކްޓްގެ ދަށުން ފޭދޫގައި 1000 ފުޅި ބަހާފައިވާ ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެކެވެ.

"ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން," ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

އެ ޕްރޮޕޯސަލް ކާމިޔާބު ކުރި ފޭދޫ އެންވަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން އިސްމާއިލް ފަޒީލް ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

"މިގޮތުން ކޮމިއުނީ ފަންޑު އިއުލާނު ކުރުމުން ޖަމިއްޔާއިން ވިސްނީ މިރަށަށް މިވަގުތު އެންމެ މުހިންމު ކަން. ފަންޑުގެ އެހީގައި މިރަށުގެ ކޮންމެ ގެއަކަށް މިއަދު މި ވަނީ ބިއްލޫރި ފުޅި ހަދިޔާ ކުރެވިފަ. މިއީ މި ރަށުގެ ހުރިހާ ރައްޔިތުންވެސް ޕްލާސްޓިކް ނޫން ގޮތެެއް ހިޔާރު ކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް،" ފަޒީލް ވިދާޅުވި އެވެ.

މުޖުތަމައުއަށް އެހީތެރިވުމަށް ބީއެމްއެލް އިން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.