ބޮލީވުޑް

އިންޑިއަން އައިޑޮލްއިން އަންނޫ މަލިކު އަނެއްކާ ބޭރުކޮށްލަނީ

ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ އަންހެނުން ވަނީ އަންނޫ މަލިކު އެ މީހުންނަށް އެކިއެކި ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ މީޑިއާގައި ވަރަށް ރުޅި އައިސްގެން ބަޔާންތައް ދީފަ އެވެ. އެހެންވެ އަންނޫ ފަނޑިޔާރުކަން ކުރާ ސޮނީ ޗެނަލްގެ ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް" ގެ މިފަހަރުގެ ސީޒަނުން ވެސް އަންނޫ ބޭރު ކޮށްލަން ސޮނީން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އެންމެ ފުރަތަމަ އަންނޫ އާ ދެކޮޅު އަޑުތައް ފެތުރެން ފެށީ މިދިޔަ އަހަރު އެވެ. ލަވަކިޔުންތެރިންގެ ތެރެއިން ސޯނާ މަހާޕަޓްރާ އާއި ޝްވޭތާ ޕަންޑިތު ވަނީ މިދިޔަ އަހަރު އަންނޫ އެ މީހުންނަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެފަ އެވެ. އެއާއެކު ފާއިތުވީ ސީޒަނުން އަންނޫ ވަކިކޮށް ސޮނީން ވަނީ އަންނޫގެ ބަދަލުގައި ޝޯގެ ޖަޖަކަށް ލަވަކިޔުންތެރިޔާ ޖާވީދު އަލީ ހަމަޖައްސާފަ އެވެ.

ނަމަވެސް މުޅިން އާ ސީޒަނެއް ދާދި ފަހުން ފެށި އިރު އަނެއްކާވެސް ޝޯގެ އެއް ޖަޖަކަށް އަންނޫ އިންދާ ފެނުމުން އަންނޫ ދެކެ ރުޅިއައިސްފައި ތިބި ގިނަ ބަޔަކު ސޮނީ ޗެނަލް އާ ވެސް ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ފާޅު ކުރަން ފެށި އެވެ.

އެހެންވެ އަނެއްކާވެސް "އިންޑިއަން އައިޑަލް" ގެ ޖަޖްކަމުން އަންނޫ ވަކިކުރަން ސޮނީން ވިސްނަން މަޖްބޫރުވީ އެވެ.

ސޮނީން ހީކުރީ މިދިޔަ އަހަރުގެ ސީޒަނުން އަންނޫ ވަކިކުރުމުން އޭނާއާ ދެކޮޅު އަޑުތައް ހުއްޓޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެ ޗެނަލުން ހީކުރި ގޮތަކަށް ނޫނެވެ. އަންނޫ އަނެއްކާވެސް ޖަޖްކަން ކުރަން ފެށުމާއެކު އިތުރު އަންހެނުން ވެސް އަންނޫ އާ ދެކޮޅަށް އަޑު އުފުލަން ފެށީ އެވެ.

އިންޑިއަން އައިޑޮލް ޝޯ އާ ބެހޭ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ކުރިޔަށް އޮތް ހަފުތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަންނޫ އަނެއްކާ ވެސް ޝޯ އިން ވަކިކުރަން މިހާރު ސޮނީން ދަނީ ވިސްނަމުންނެވެ.