ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(5 ނޮވެމްބަރ 2019 އާ ގުޅޭ)

ލިއަމްއާ ކުރިމަތިލާނޭ ގޮތެއް ވެސް އޭނާއަކަށް މިވަގުތު ނުވިސްނެއެވެ. އެހާ ލޯބިވާ ފިރިމީހާގެ ފަރާތުން ބަލައިގަންނަން އުނދަގޫވެދާނޭ ކަމެއް ފެނިދާނޭ ކުޑަކޮށް ވެސް ހޭޒަލް ހިޔެއްނުކުރެއެވެ. އެއްވެސް މީހަކަށް ނުކުރާހާ އިތުބާރު ހޭޒަލް ފިރިމީހާއަށް ކުރިއެވެ. އޭނާގެ ހުރިހާ ވެސް މީހަކީ ލިއަމްކަމުގައި ހީކުރިއެވެ.

މުޅި ރޭގެ އަރާމު ހޭޒަލްއަށް ޓަކައި ހަރާންވެއްޖެ ކަހަލަ އެވެ. ދުވަހަކުވެސް ވިސްނުން ގެންދެވިފައިނުވާހާ ހުތުރު ޢަމަލުތަކުގެ ވާހަކަ ފިރިމީހާ ދައްކާފައި ހުރުމުން ހޭޒަލްގެ މޭނުބައިކޮށް ބަނޑުގައި ގުޖަޑުގަނޑެއް ހިލިއްޖެއެވެ. އޯކަށް ދެމިދެމި ގޮހޮރު ހުސްވެއްޖެއެވެ. ނަފްސަށް ހަމަޖެހުމެއް ނުލިބުނެވެ. އެ ދެ ލޮލުން ކަރުނަ ނުހިކެއެވެ. ގިސްލެވެނީއެވެ. ހިތްވިރިގެން ފައިބާ ފަދަ ގަދަ ވޭނެއް ހިތަށް ލިބިފައިވެއެވެ. އިރުއިރުކޮޅުން މޭގައި ދެ އަތުން އަޅާ އޮބާލައެވެ. އަމިއްލަ ނަފްސާ އެތައް ސުވާލެއް ކުރެވެނީއެވެ. ހަތް އަހަރުވީ ކައިވެނީގެ އުފާވެރި އޮމާން ދުވަސްތަކަށްފަހު، ދިރިއުޅުން ހޭޒަލްއާ ކުރިމަތި މިކުރުވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ. މި ހިތްދަތިކަމަށް ކެތްކުރާނޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ހިމޭންވެ ހުރުމަކަށް އަމިއްލަ ޟަމީރާއި އޭނާގެ ނަފްސުގެ ފަޚުރު އެއްގޮތަކަށް ވެސް އެއްބަހެއް ނުވެއެވެ. ހަމައެއާއެކު ހަތް އަހަރު އެކުގައި ވޭތިކުރި ހަޔާތުގެ ބައިވެރިޔާއާ ވަކިވެގެންދިއުމަކީ ވެސް ފަސޭހަ ނިންމުމެއްނޫނެވެ. ދަންޏާ ދާން އޮތީ މޭގައިވާ ހިތް ހަށިގަނޑާ ވަކިކޮށްލައިގެންނެވެ.

އަޑިގުޑަން ގިނަ ރާސްތާގައި ހޭޒަލްގެ ދިރިއުޅުމުގެ ގާޑިޔާ މިވަނީ ފުން ވަޅުގަނޑަކަށް ޖެހިފައެވެ. އެ އޮތްގޮތަށް ދޫކޮށްލާފައި ދިއުމަކީ ވެސް ހައްލެއްނޫނެވެ. ކަށިން ދިޔަ ފިލައިގެން ވިޔަސް ގާޑިޔާ ނަގަން މަސައްކަތް ކުރުމަކީ ލިބިފައިވާ އިޚްތިޔާރެކެވެ. އެހެންވިޔަސް އެ ނަގަން އުޅުމުގެ ތެރޭ އެއްފުރޮޅު ވަކިވެގެން ހިނގައްޖެނަމަ އެ ލިބުނީ އިތުރު ތަކުލީފެކެވެ. ހަމައެއާއެކު ގާޑިޔާއަށް އުނިކަމެއް ނުލިބި އެ އަޑިގަނޑުން އަރައިގަނެ ރާސްތާގެ ބާކީ ބައި ފުރިހަމަކުރެވުމަކީ ވެސް ވެދާނޭ ގޮތެވެ. މި ހުރިހާ ގޮތެއް ވެސް އެނގޭނީ އެ ގާޑިޔާ ނަގަން މަސައްކަތް ކުރީމައެވެ. ވެއްޓެމުން ރޮމުން އަނިޔާ ލިބެމުން ވިޔަސް ހޭޒަލްގެ ދިރިއުޅުން ސަލާމަތް ކުރަން މަސައްކަތް ކުރަން އޭނާ ބޭނުމެވެ. ދިރިއުޅުމުގައި ކުންޏެއް ޖެހިލާއިރަށް އެކަމާ ކުރިމަތިލާން ނުކެރިގެން ދުވެފިލާ މީހަކަށް ވާން އޭނާގެ ނަފްސުގެ ފަޚުރު ތަނެއް ނުދެއެވެ. ﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރު ބުރައެއް ނުޖައްސަވާނެކަން ހޭޒަލް އަބަދުވެސް ހަނދާންކުރެއެވެ. ކަންކަމަށް މަސައްކަތް ކުރުމާއެކު ޙާލިސް ހިތަކުން އެކަލާނގެއަށް ދެންނެވުން ގިނަ ކުރުމަކީ އަޅުތަކުންގެ މައްޗަށް އޮތް މޮޅު ގޮތެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނާގެ އަޖަލު އެނގުމެއްނުވެއެވެ. ތަޤުދީރު އެނގުމެއް ނުވެއެވެ. މިވަގުތީ ގޮވެއްޗާ ވަކިވެ ދާއިމީ ޢާލަމުގައި ވެސް ހޭޒަލް އެކުގައިވުމަށް ދުށް ބައިވެރިޔަކީ ލިއަމްއެވެ. ކެނޑިނޭޅި ދެއަތް އުފުލައި އެދެމެދުންދިޔަ އެ ނިކަމެތި ނަފްސުގެ ވަސިއްޔަތްކަމުގައި ވެސް އެ އެދުން ވެއެވެ. ލިއަމްއަށް މަގު އޮޅިފައިވާނަމަ އޭނާ ރަނގަޅު މަގަށް ގެނައުމަށް ޓަކައި އަނތްބެއްގެ ގޮތުން އޭނާ މުޅި ދުނިޔެއާ ވެސް ކުރިމަތިލާ ފާނެއެވެ. އަންހެނެއްގެ ކެރުމާއި އޭނާގެ ކެތްތެރިކަމާއި ހިތްވަރަކީ އެއްވެސް ތިލަފަތަކުން ކިރާލެވޭނޭ އެއްޗެއް ނޫނެވެ. ހުރިހާކަމެއް ހޭޒަލް ވަކީލްކުރަނީ އޭނާގެ ނަފްސުގެ ވެރިފަރާތާއެވެ. އޭނާއަށް ހުރިހާކަމެއް މި އެނގުނީ އެނގެން ކަނޑައެޅިފައި އޮތް ވަގުތު ޖެހިގެންކަން ޤަބޫލުކުރިއެވެ. މިކަން ކުރީން އެނގިގެން ނޫނީ ފަހުން އެނގިގެން ވަކި ކުރެވޭނޭ ކަމެއް އޮންނާނޭކަމަކަށް ހޭޒަލްއަކަށް ނުވިސްނުނެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ޚާލިޤު ވަންތަ ﷲ އެވެ.

* * * * *

ހެނދުނު ލިއަމްއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމް ވަމުންދާ އަޑަށެވެ. އަށެއް ޖަހާއިރަށް އޮފީހަށް ދާން ޖެހެއެވެ. ފޯނު އެލާމް ކުރިޔަސް ގިނަ ފަހަރަށް ލިއަމްއަކަށް ނުހޭލެވޭނެއެވެ. އޭނާ ގަޑިއަށް އޮފީހަށް ފޮނުވުމަށް ޓަކައި ހޭޒަލް އެތައް ފަހަރަކު އޭނާއަށް ގޮވާނެއެވެ. މިއަދު އެހެނެއްނުވިއެވެ. ލޯ ހުޅުވާލާފައި އަރިމަތީ ކަބަޑުމަތިން ފޯނު ނަގައި ޗާޖަރުގެ ވާގަނޑު ނައްޓާލިއެވެ. އެނދުގެ އަނެއް ފަރާތަށް ލިއަމް ބަލާލިއެވެ. ފަތިސް ނަމާދަށް ތެދުވާ ގޮތަށް ހޭޒަލް ނުނިދާނޭކަން އޭނާއަށް އެނގެއެވެ. ހޭޒަލް ގޮވަން ނައުމުން ލިއަމްއަށް ހީވީ ހޭލެވުނީ އަދި މާ އަވަހަށް ކަމަށެވެ. ނަމަވެސް އެ ހީ ބަދަލުވީ ފޯނުން ގަޑިން ވީއިރެއް ފެނިފައެވެ. އެނދުން ފައިބައިގެން ފޯނު އަތަށް ލައިގެން ހުރެ ލިއަމް ކޮޓަރިން ނުކުތެވެ.

ބަދިގޭގެ ބޮކި ފިޔަވައި އިތުރު ބޮތްކެއް ދިއްލާފައެއް ނެތެވެ. ގޭތެރޭގައި ވަނީ ފަޅުކަމެވެ. ސިޓިންރޫމުގައި ހުރި ކުޑަދޮރުތަކުގެ ފަރުދާތައް ވެސް ހުރީ ނުހުޅުވައެވެ. އެހެންޏާ އިރުއެރުމުން ގޭތެރެއިން ވެސް ދިރުން ފާޅުވާނެއެވެ. ލިއަމް ނުކުމެގެން ދަންދެން އޭނާގެ ކަންފަތަށް ހޭޒަލްގެ އަޑު އިވިއިވި ހުންނާނެއެވެ. އޭނާގެ ޚިދުމަތުގައި އަބަދުވެސް ފެންނަ ހިސާބުގައި އޭނާ ހުންނާނެއެވެ.

"ޒެއްލު!... ބޭބީ..." ކޮޓަރިން ނުކުމެ ލިއަމް ގޮވާލިއެވެ. އޭނާ ބަދިގެ ފަރާތް ބަލާލިއެވެ. އެ ދިމާލުން ނުކުމެވެން ހުރި ބެލްކަނި ވެސް ބަލާލިއެވެ. ހޭޒަލްގެ ހިލަމެއް ނުވުމުން ސޯފާއެއްގަ ނިދިފައި އޮތީބާއޭ ލިއަމް ހިތަށް އެރިއެވެ. އޭނާ ހަލުވިކޮށް ސިޓިންރޫމަށް އައެވެ. އެތާކު ވެސް ހޭޒަލްއެއް ނެތެވެ. ވަށައިގެން ނަޒަރު ހިންގާލުމާއެކު ލިއަމް ދުވެފައި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އެ އައި ގޮތަށް އައިސް ކޮޓަރީގެ ފާޚާނާ ބަލައިފިއެވެ. އެތާކު ވެސް ހޭޒަލްއެއް ނެތެވެ. ހާސްވީ ދެނެވެ. އެހާ ހެނދުނާ ހޭޒަލް ދާނީ ކޮންތާކަށްބާއޭ ލިއަމް ވިސްނަން ފެށިއެވެ. އަތުގައި އޮތް ފޯނު ހުޅުވާލުމާއެކު ހޭޒަލްއަށް ގުޅަން ފެށިއެވެ. އިތުރަށް ލިއަމް ކަންބޮޑުވީ ކޮޓަރިތެރެއިން ހޭޒަލްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ބާއްވާފައި ހޭޒަލް އެއްވެސް ތަނަކަށް ނުދާނޭކަން ލިއަމްއަށް އެނގެއެވެ. ޚާއްޞަކޮށް ލިއަމް ގުޅާފާނެތީ ވެސް ހޭޒަލް ފޯނު ނުލާ ތަނަކަށް ނުދާނޭކަން އޭނާ ދެނަހުއްޓެވެ. ހަދާނޭ ގޮތެއް ނޭނގިފައި ހުރި ލިއަމްއަށް ކަމެއް ވިސްނުނީ ކަންނޭނގެއެވެ. އޭނާ ހަލުވިކޮށް ކޮޓަރިން ނުކުމެގެން އައިސް ޖެހިގެން ހުރި ގެސްޓްރޫމު ހުޅުވާލިއެވެ. އެތަނުން ލިއަމްއާ ބައްދަލުކުރީ އަނދިރިކަމެވެ. މާޔޫސްކަމާއެކު އޭނާ ދޮރު ލައްޕާލިއެވެ. އެހިނދު އަނެއްކާ ވެސް ފޯނު އެލާމްވާން ފަށައިފިއެވެ.

އެނބުރި ކޮޓަރިއަށް ލިއަމް އައިސް ވަނެވެ. އޭނާ ފެންވަރައިގެން ނުކުމެ އޮފީހަށްދާން ތައްޔާރުވިއެވެ. ހޭޒަލް ދިޔަތަނަކާމެދު އޭރު ވެސް ލިއަމް ހުރީ ވިސްނާށެވެ. އެހެން ހުއްޓާ ހޭޒަލް ކޮޓަރިއަށް ވަންތަން ފެނުނެވެ. ލިއަމްގެ ސަމާލުކަން ވަގުތުން ހޭޒަލްއަށް ހުއްޓުނެވެ. އޭނާ ހުރީ ރޭގައި ނިދަންލީ އަތްކެނޑި ކްރޮޕް ޓީޝާޓުކޮޅާއި ސޯޓުބުރިއެއް ގައެވެ.

"ކޮންތާކުން ތިއައީ؟ ޒެއްލު ނުފެނިގެން... ތިހެން ހުރެ ތިއައީ ބޭރަށް ގޮސްފަ؟" ހޭޒަލްގެ ހާމަކަން ބޮޑު ހަށިގަނޑަށް ލިއަމްގެ ނަޒަރު ހުއްޓުނެވެ. ހޭޒަލް ހީކުރީ އޭނާ ފެނުމުން ފުރަތަމަ ވެސް ލިއަމްއަށް ފާހަގަވާނީ އޭނާގެ މޫނުގައިވި އުދާސްކަން ކަމަށެވެ. ނަމަވެސް ލިއަމްއަށް މުހިންމުވީ ހޭޒަލް ލާފައި ހުރި ހެދުމެވެ. އޭނާ ވެސް ގަސްދުކޮށްގެން ހުރީ ލިއަމްއާ ކުރިމަތިނުލާށެވެ. އެހެންވިޔަސް އިތުރަށް ދިގުލައި ދާން އޭނާ ބޭނުންނުވީއެވެ. ލިއަމްއާ ކުރިމަތިލައި ކަންކަން އޮޅުންފިލުވަން ހޭޒަލް ބޭނުމެވެ.

"އެއްވެސް ތަނަކަށް ނުދަން... ގެސްޓްރޫމު..." ހޭޒަލްގެ ވާހަކަ ނުނިމެނީސް ލިއަމް ވާހަކަދެއްކިއެވެ.

"ނުވާނެ އެހެނެއް... އެތަން ވެސް އަހަރެން ބެލީން، އެތާކު ޒެއްލުއެއްނެތް" ލިއަމް ބުންޏެވެ.

"ގެސްޓްރޫމުގެ ފާޚާނާގަ ހުރީ" ހޭޒަލް ބުންޏެވެ. އޭނާގެ ނަޒަރު ވަނީ ލިއަމްގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައެވެ. ކުރިމަތީގައި މިހުރީ ހަމަ އޭނާ ލޯބިވެގެން ކައިވެނިކުރި ލިއަމްތޯ އަމިއްލަ ޟަމީރާ ހޭޒަލްއަށް ސުވާލުކުރެވުނެވެ. ހުތުރުކަން ބޮޑުވެގެންވާ ފާފަކުރުމާއި އަނބިމީހާއަށް ކަންކަން ސިއްރުކުރާ މީހެއް ކަމުގައި ލިއަމް ވެދާނޭ މީހަކު ހިޔެއްނުކުރާނޭ ހޭޒަލްގެ ހިތަށް އެރިއެވެ. އެހެންވިޔަސް އެ އިންސާނާދެކެ ފޫހިނުވެވެންވީ ސަބަބެއް ހޭޒަލްގެ ސިކުނޑިއަކަށް ނުވިސްނެއެވެ. އެހިތް ބާރަށް ރޮއެވެ. ލިއަމް ކުށްވެރި ވެސް ކުރެއެވެ. ލިއަމްގެ މޫނުގައި ޖަހަން ވެސް ހޭޒަލް ބޭނުމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އޭނާއަކަށް ނުކުރެވުނެވެ. މިހާ ދުވަހު ހިތުގައި ފިރިމީހާއަށް ދެވުނު ޤަދަރު ކުއްލިއަކަށް ނެތިގެންނެއް ނުދިޔައެވެ.

"ޒެއްލު..." ލިއަމް ދެއްކި ވާހަކައަށް ޖަވާބެއް ނުދީ ހުއްޓުން އަރާފައި ބަލަން ހުރި ހޭޒަލްއަށް ލިއަމް ގޮވާލިއެވެ.

"އާ ޔޫ އޯލްރައިޓް" ލިއަމް އަހާލިއެވެ. ހޭޒަލް ބޯޖަހާލީއެވެ. ލިއަމް ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލުމާއެކު ހޭޒަލްގެ ގާތަށް ޖެހިލިއެވެ. އަދި އަނބިމީހާގެ ކޯތާފަތުގައި އަތްލަން އުޅުނެވެ. އެހިނދު ހޭޒަލް ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ލިއަމްއާ ދުރަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. ގަސްދަކާނުލައެވެ. ހީވީ އެ ހަށިގަނޑު އަމިއްލައަށް ލިއަމްގެ ބީހުމާ ގަޔާނުވެގެން ގެނައި ހަރަކާތެއް ހެންނެވެ.

"ބޭބީ..." ލިއަމް ގޮވާލިއެވެ. އޭނާގެ ފުށުން އެއްވެސް ތަފާތެއް ނުފެނެއެވެ.

"ލިއަމް ބޭނުންވާނަމަ އެހެން މީހަކާ އިނދެވިދާނެ އިނގޭ، އަހަރެންގެ މައްސަލައެއްނެތް..." ދެއަތް މުއްކަވާލައިގެން ހުރެ ހޭޒަލް މަޑުމަޑުން ބުންޏެވެ. ލިއަމްގެ މޫނުން ފާޅުވީ ހައިރާންކަމެވެ.

"ވަޓް އާ ޔޫ ޓޯކިންގ އަބައުޓް... އަހަރެން ކީއްކުރަން އެހެންމީހަކާ އިންނަންވީ" އެއްވެސް ވަރަކަށް ހޭޒަލްގެ ވާހަކަ ފަހުމްނުވެ ހުރެ ލިއަމް ބުންޏެވެ.

"ލިއަމް އަހަންނަށް އެއްވެސް ކަމެއް ސިއްރެއްނުކުރަންތަ؟... ރަނގަޅަށް ހަނދާންކޮށްފަ ބުނެބަލަ، އަހަންނަށް ކަންކަން އޮޅުވާ ނުލަންތަ؟... ލިއަމް ދެނަހުރިންތަ ކަންކަން ސިއްރުކުރާއިރު އެކަންކަން ފަޅާ އެރުމުން ދެންވާނޭ ގޮތެއް.... އަހަންނަކީ ލިއަމްގެ ސިއްރުތައް ހިފެހެއްޓޭވަރު މީހެއްނޫންތަ؟ ލިއަމްއަށް ނުފުދޭކަމެއްވާނަމަ އެކަމުގެ ވާހަކަ ފުރަތަމަ ވެސް ދައްކަންޖެހޭ މީހަކީ އަހަންނެއްނޫންތަ؟... ލިއަމް ތިހެން އުޅެންވީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނޭ، ލިއަމް ބުނެދީބަލަ އަހަންނަށް، ލިއަމްއަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ... ތީ ކުރީން ލިއަމް އުޅުނުގޮތެއްނޫން... އަހަރެންދެކެ ފޫހިވިއްޔާ ވެސް ބުނެބަލަ، އަހަރެން ލިއަމް ބޭނުން ގޮތެއް ހަދައިދޭނަމޭ، ލިއަމް ތިހުންނަނީ އަހަރެން ދޫކޮށްލަން ނުކެރިފަތަ؟" ހޭޒަލްގެ ވާހަކަ ދާން އުޅޭ މިސްރާބު ވަގުތުން ލިއަމްއަށް އެނގުނެވެ. އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"ޑޯންޓް!... ޑޯންޓް ސްޓާޓް... މިއޮއް ހެނދުނާ ކީކޭ ކިޔަން ތިއުޅެނީ، ފަށަފަށައިގެން އަބަދު އެކައްޗެކޭ ނުކިޔަފާނަންތަ، ތިއުޅެނީ އަހަރެން ކަމެއް ނުކޮށްގެންތަ؟... ޒެއްލުދެކެ ފޫހިނުވެގެންތަ؟... ނޫނީ އެހެންގޮތެއް ފެނިގެންތަ ތިއުޅެނީ، އަހަރެން ގާތުން ދުރަށްދާން، ބޮލުގަ ރިއްސާވަރުވެއްޖެ މިކަމާ ހުރެ... ހުއްޓުމެއްނެތް ތި ވާހަކަތަކަށް، މަށެއްނޫޅެން ތި ބޭކާރު ވާހަކަތައް އަހާކަށް ވެސް... ލަސްވެސް ވެއްޖެ... މިދަނީ ދާން" ލިއަމްގެ ފުށުން ފާޅުވީ އިންތިހާ ދަރަޖައިގެ ނުރުހުމެވެ. އޭނާ ހޭޒަލްއަށް ބަލާލުމެއް ވެސް ނެތި ހަލުވިކޮށް ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ހޭޒަލް އައެވެ. އެހެންވިޔަސް ލިއަމް ހުއްޓުމެއްނެތި އޭނާގެ ބޫޓަށް އަރައިގެން އެޕާޓްމެންޓުން ނުކުތީއެވެ.

ސޯފާގައި އިށީނދެވުނު ގޮތަށް ހޭޒަލްއަށް އަނެއްކާ ވެސް ރޮވުނީއެވެ. ލިއަމްއާ ހަމަޖެހިގެން ވާހަކަދައްކާނޭ ފުރުޞަތު ނުލިބި މި ވާހަކަތައް ދައްކާނީ ކިހިނެއްކަމެއް ހޭޒަލްއަކަށް ނުވިސްނުނެވެ. އޭނާ އެގޮތުގައި އެތައް އިރަކު ވިސްނަން އޮތެވެ. އެހެން އޮވެފައި މަންމަ ގާތަށް ދާން ހޭޒަލް ހިތަށް އެރިއެވެ. މިވަގުތަށް އޭނާއަށް އެންމެ ރަނގަޅުވާނީ އެގޮތްކަމުގައި ވިސްނުނީއެވެ. ސޯފާއިން ތެދުވެގެން އައިސް ކޮޓަރިއަށް ވަނެވެ. ފޯނު ނަގައި ގަޑި ބަލާލިއެވެ. ހެނދުނު ދިހައެއް ޖަހައި ހިނގައްޖެއެވެ. އެއާއެކު ކުއްލިއަކަށް ހަނދާންވީ ލިއަމް ފޯނުގައި ލިޔެފައި ހުރި މެސެޖު ތަކެވެ. ހެނދުނު ދިހައެއް ޖަހާއިރު އޭނާ އެހެން ބޭނުންތަކުގައި އޮފީހުން ނުކުންނަކަމެވެ. އެޚިޔާލުތަކުން ކެތްކުރަން ހޭޒަލްއަށް ދަތިވިއެވެ. އަވަސްއަވަހަށް ސާއިރާއަށް ގުޅިއެވެ.

"ހެލޯ!... ޒެއްލުއަށް މިއަދު ގުޅަންވެފަ އޮއްވާ ތިގުޅީ" ފޯނުކޯލު ނެގި ގޮތަށް ސާއިރާ ބުންޏެވެ.

"މަންމަ ކަމެއް ބޭނުންވީތަ" ހޭޒަލްއަށް އަހާލެވުނެވެ.

"ނޫން!... އާދެބަލަ މިގެއަށް، ވާހަކައެއް ބުނަންވެގެން، ދޮންބެ ވެސް ހަވީރު އަންނާނެ، ބޭބެ ފޮނުވަންތަ ބަލާ" ސާއިރާ އެއްސެވެ. ރިޒްވާން އަންނާތީ އެހާ ގަޔާނުވި ނަމަވެސް ހޭޒަލް އެއްބަސްވިއެވެ. މިވަގުތު އޭނާ ބޭނުންވަނީ ގެއިން ނުކުމެލާށެވެ.

ސާއިރާގެ ފޯނުކޯލު ނިންމާލާފައި ހޭޒަލް ތައްޔާރުވިއެވެ. ރުއިމުގެ ސަބަބުން ދުޅަކަމެއް އެކުލެވިފައިވާ ދެ ލޮލާއި މޫނުގައިވާ ރަތްކަން އެހެން މީހަކަށް ފާހަގަ ނުވިޔަސް މަންމައަށް ފާހަގަވާނޭކަން ހޭޒަލް ދެނަހުއްޓެވެ. އެހެންވެ އޭނާ އެކަންކަން ފޮރުވުމަށް ސަމާލުކަން ދިނެވެ. މީހެއް ގާތުގައި ލިއަމްގެ ވާހަކަތައް ދައްކާކަށް ހޭޒަލް އަދި ތައްޔާރެއް ނޫނެވެ. އެ އެންމެންގެ ނަޒަރުގައި ލިއަމްއަށްވުރެ ރަނގަޅު ފުރިހަމަ ބައިވެރިއަކު ހޭޒަލްއަކަށް ނުލިބޭނެއެވެ. ކިރިޔާ ވެސް އޭނާގެ ވާހަކަ ޤަބޫލުކުރާނެ ހުރީ އެންމެ މީހެކެވެ. އެއީ ހޭޒަލް ވިހޭ މައި މީހާއެވެ. ދަރީންނަށް ލިބޭ ކޮންމެ ނިކަމެތި ކަމަކީ މައި މީހާއަށް ލިބޭ ނިކަމެތިކަމެކެވެ. ސާއިރާގެ ހިތަށް ތަދުވާނޭ ފަދަ ކަމެއް ކުރުމުގެ ކުރީން އެތައްހާސް ފަހަރަކު ހޭޒަލް ވިސްނައެވެ.

ދޮރޯށި ހުޅުވާލައި ހޭޒަލް ގެއިން ނުކުތީ ރިޒްވާން އައިސް އިންކަން ސާއިރާ ގުޅާފައި ބުނެލުމުންނެވެ. މަޑު ހިނގުމުގައި އައިސް ހޭޒަލް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ހޭޒަލްގެ ޅައުމުރުން ފެށިގެން އޭނާގެ ޢަމަލުތައް ހުންނަ ގޮތް ރިޒްވާނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާއާއެކު ކާރުގެ ކުރީ ސީޓަށް ހޭޒަލް ނާރާނޭކަން ރިޒްވާނަށް މާކުރީން ވެސް އެނގުނެވެ. ހޭޒަލް ހަމަޖެހިލުމުން ރިޒްވާން ކާރު ދުއްވާލިއެވެ. ގެއާ ހަމައަށް އާދެވެންދެން އިރުއިރުކޮޅުން "ރިއާމިރޯ"އަށް ރިޒްވާން ބަލާލަނީ ފަހަތުގައި އިން ހޭޒަލް ދުށުމަށެވެ. އޭނާގެ ހިމޭންކަމާއި އެ މޫނުގައިވި އަސަރު ތަފާތުކަން ރިޒްވާނަށް ފާހަގަވިއެވެ. އެހެންވިޔަސް އޭނާއަކީ ހޭޒަލް ކަމެއް ޚިއްސާކުރާނޭ އެންމެ ފަހު މީހާކަން ޚުދު ރިޒްވާނަށް އެނގެއެވެ. ހޭޒަލްގެ އެ އާދަޔާ ޚިލާފު މިޒާޖަށް ރިޒްވާންގެ ހިތުގައި ޚާއްޞަކަމެއް ވެއެވެ. ލޭގެ ގުޅުމެއްނެތް ނަމަވެސް އޭނާ ފަޚުރުވެރިކަމާއެކު ހޭޒަލްއަކީ އޭނާގެ އަންހެން ދަރިފުޅޭ ބުނެލަން ކިތަންމެހާ ވެސް ބޭނުމެވެ. ދަރީން ލިބުމުން ރިޒްވާން މަހުރޫމްވިޔަސް އޭގެ ބަދަލުގައި ﷲ އޭނާއަށް ސާއިރާ މިންވަރު ކުރެއްވިއެވެ. އަދި އޭނާއާއެކު ދެ ދަރީންގެ ނަސީބު ވެސް ރިޒްވާނަށް ލިބުނެވެ. އޭނާގެ ފުށުން އުފަންނުވިޔަސް އެވެ. އާތިޝްއާއި ހޭޒަލް ޒުވާނުންނަށްވީ ރިޒްވާންގެ ލޯ ކުރިމަތީއެވެ. އެ ކުދީންނަށް ޓަކައި އޭނާ ނުކުރާނޭ ކަމެއް ނޯންނާނެއެވެ. ސާއިރާއާއި އެ ދެކުދީންނަކީ ރިޒްވާންގެ މުޅި ދުނިޔެއެވެ. ރިޒްވާންގެ ހަނދާނަށް އައީ އޭނާގެ މަރުޙޫމް ބައްޕައެވެ. އެ ބައްޕަގެ ގާތުގައި ހޭޒަލް ވަގުތު ހޭދަކުރާތަން ރިޒްވާން ދުށްޓެވެ. ކާފާއޭ ކިޔާ ގޮވާއަޑު އެ ކަންފަތަށް ހުރީ ކިތަންމެ ފަހަރަކު އިވިފައެވެ. އެކަމަކު ރިޒްވާނުގެ ބައްޕަ ހޭޒަލްގެ ކާފައަށްވީ ފަދައިން އޭނާއަށް ހޭޒަލްގެ ބައްޕައަކަށް ނުވެވުނެވެ. ބައްޕައަކަށް ބޭނުންވެގެން ހޭޒަލް އެއްފަހަރު ވެސް ގޮވާ ނުލައެވެ. އެހެންވިޔަސް ބައްޕައެއްގެ ފަރާތުން އަންހެން ދަރިއަކު ބޭނުންވާނީ ކޮންކަހަލަ ކަންތައްތަކެއްކަން ރިޒްވާން ހަނދާނެއް ނުނެތެވެ. ދަރީންނަށް ޓަކައި ކަންކަން ކޮށްދޭކަށް މީހެއްގެ ހުއްދައެއް ބޭނުމެއްނުވެއެވެ.

ރިޒްވާންގެ ކުރިއަށް ހުރެ އެލެވޭޓާއިން ނުކުތް ހޭޒަލް ކުރިމަތިން ފެންނަން ހުރި އެޕާޓްމެންޓަށް ވަދެއްޖެއެވެ. ތަނަވަސް ސިޓިންރޫމުގައި ހުރި ބޮޑު ސޯފާ ސެޓުން ސޯފާއެއްގައި އިން ސާއިރާ ވަގުތުން ތެދުވިއެވެ. ހޭޒަލް މަޑުޖެހިލުމެއްނެތި އައިގޮތަށް އައިސް ސާއިރާގެ ގައިގާ ބައްދާލައިފިއެވެ. އެހިނދު ދެއަތުގެ ހިމާޔަތުގެ ތެރެއަށް ދަރިފުޅު ލަމުން ސާއިރާގެ ނަޒަރު ހުއްޓުނީ ރިޒްވާނަށެވެ. އޭނާ ބުމަ ހިއްލާލައި ކޮށްލި އިޝާރާތުން ރިޒްވާނާ ކަމަކާ ސުވާލުކޮށްލި ކަހަލައެވެ. ރިޒްވާނު ދެ ކޮނޑު އަރުވާލީ ނޭނގެއޭ ބުނާ ފަދައިންނެވެ.

"ޒެއްލު!..." ސާއިރާ މަޑުމަޑުން ގޮވާލިއެވެ. އަދި ހޭޒަލްގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ.

"މިސްޑް ޔޫ..." ހޭޒަލް ބުނެލީ ސިއްރެއް ބުނެލި ފަދައިންނެވެ. ސާއިރާއަށް އިވުނީ ކިރިޔާއެވެ. އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"މިސްޑް ޔޫ ޓޫ... މައި ބިއުޓިފުލް ގާލް" ހޭޒަލް ގަޔާ ދުރުކޮށްލައި ދަރިފުޅުގެ ނިތްކުރީގައި ސާއިރާ ބޮސްދިނެވެ. އެ ދެމައިންގެ ހަރަކާތްތަކަށް ބަލަން ހުރި ރިޒްވާން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި އިށީނެވެ. ހޭޒަލް ގޮވައިގެން ސާއިރާ ވެސް ސޯފާގައި އިށީނީއެވެ.

"ހިނގާ ސައިބޯން" ސާއިރާ ވާހަކަދައްކަން ފެށިއެވެ. ނަމަވެސް އެއްޗެއް ކާކަށް ހޭޒަލް އެއްބަހެއް ނުވިއެވެ. އެ އަޑު ސާއިރާ ނޭހިއެވެ. ހޭޒަލްއަށް މީރުވާނޭ ކިޔާ އޭނާ އެގް ސޭންޑްވިޗް ތައްޔާރުކޮށްފައި ހުރިކަން ބުންޏެވެ. ހޭޒަލް ގޮވައިގެން އޭނާ ބަދިގެއަށް ދިޔައެވެ. އައިލެންޑް ދޮށުގައި ހުރި އުސްގޮނޑިތަކުން ގޮނޑިއެއްގައި ހޭޒަލް އިށީނުމުން ސާއިރާ ތަށިތައް އަތުރަށް ފެށިއެވެ. އެތަނަށް ވަންނަ ދޮރުކައިރީ ރިޒްވާން ހުއްޓެވެ. ދެ ދުވަހެއްގެ ތެރޭ ސާއިރާ ފުރަން އުޅޭ ވާހަކަ އޭނާ ބުނީ އެކަމާ ވަރަށް އުފާވެފައި ހުރެއެވެ. ހޭޒަލްގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ މަންމައާ ހަމައަށް ގެންދަން ބޭނުންވިޔަސް އެހިތްވަރެއް ނުލިބުނެވެ. މަންމަގެ ވާހަކަތަކަށް ރައްދު ދެމުން އެ ވާހަކަތަކުގައި ހޭޒަލް ބައިވެރިވަމުންދިޔައެވެ.

ބަދިގޭ އައިލެންޑް މަތީ ބާއްވާލި ފޯނަށް ހޭޒަލް ބަލާލިއެވެ. ލިއަމް ނުކުމެގެން ދިޔަ ގޮތުން އޭނާ ދެން މިއަދަކު ނުގުޅާނޭކަން ހޭޒަލްއަށް ޔަގީންވިއެވެ. އަދި އޮފީސް ނިންމާފައި އެނބުރި ގެއަށް އައުމާއެކު ދެން އުޅޭނީ އެއްވެސް ކަމެއް ހިނގައިދިޔަކަން ނުދެނަހުރި މީހަކު ފަދައިންކަން ވެސް ހޭޒަލްއަށް އެނގެއެވެ. އެހެންވިޔަސް އެގޮތް ޤަބޫލުކޮށްލައިގެން ހުރެވޭކަށް ދެން ނެތެވެ. ހޭޒަލްގެ ސުވާލުތަކުގެ ޖަވާބު ލިއަމް ދޭން ޖެހޭނެއެވެ. ދޭން ބޭނުންނުވަންޏާ އެކަން ވެސް އެނގެން ހޭޒަލް ބޭނުމެވެ. ވަކިކޮޅެއްގައި ނުޖެހި އެގޮތްމިގޮތަށް ދިރިހުރީތީ އުޅޭ މީހަކު ފަދައިން އުޅޭކަށް ހޭޒަލް ބޭނުމެއްނޫނެވެ. އެފަދަ ދިރިއުޅުމެއްގައި ހޭޒަލްއަށް ލިބޭނެ ހަމަޖެހުމެއްނެތްކަން އޭނާއަށް އެނގެއެވެ.

ސާއިރާ ފެންވަރަން ކޮޓަރިއަށް ދިއުމުން ހޭޒަލް އިނީ ފޯނާ ކުޅެން ބަދިގޭގައި އެކަންޏެވެ. އޭނާއަށް ހަމައެކަނި ވިސްނެނީ ލިއަމްއާ މެދުއެވެ. ލިއަމްގެ ފޯނުން އެ ފެނުނު އެއްޗިއްސެވެ. ލިއަމް ދައްކާފައި ހުރި ވާހަކަތަކެވެ.

"އަހަރެން މިއައީ އަހަރެންގެ ގެއަށް، ހުރިހާކަމަކާ ކުރިމަތިލާން ރެޑީވީމަ ލިއަމް އަހަންނަށް ގުޅާ" ހޭޒަލް ލިއަމްއަށް މެސެޖުކުރިއެވެ.

"ވަޓް ޑޫ ޔޫ މީން" ބައިގަޑިއިރު ފަހުން ލިއަމްގެ މެސެޖު އައެވެ. އެ މެސެޖު ލިއަމްއަށް އަދިކިރިޔާ ފެނުނީކަން ހޭޒަލްއަށް އެނގުނެވެ.

"ލިއަމްއަށް ސާފުނުވާ ބަހުރުވައަކުން ނޫން އަހަރެން ވާހަކަދެއްކީ، ދެމަފިރިން ދެމެދު ނުދެކެވޭ ވާހަކަތައް ހުންނަނަމަ ދެމަފިރިން އެކަކުއަނެކަކަށް އިތުބާރުކުރާނީ ކިހިނެއް؟... ލިއަމް ކިތަންމެ ރުޅި އަޔަސް އަހަރެމެން ދެ މީހުން ވާހަކަދައްކަން އެބަޖެހޭ، އަހަރެންގެ ސުވާލުތަކަށް ލިއަމް ޖަވާބުދޭން އެބަޖެހޭ، އެހެންނޫނީ ދެމީހުން އެކުގައި އުޅޭނީ ކިހިނެއް؟ އަހަރެންގެ ގޭގައި އުމުރުގެ ބާކީބައި ހޭދަކުރާށޭ ލިއަމް ބުނެފިނަމަ އެގޮތް ވެސް އަހަރެން ޤަބޫލުކުރާނަން، އެކަމަކު އަހަރެންގެ ސުވާލުތަކަށް ފުރަތަމަ ޖަވާބުދީ... އަހަންނަށް ކަންތައްތަކެއް އެނގިގެން ލިއަމްއާ ސުވާލުކުރަން ބޭނުންވަނީ... ލިއަމް އަހަންނަށް ކަންކަން ސިއްރުކުރާކަން އެނގިއްޖެ، ތީ އަހަރެން ހީކުރި ލިއަމްއެއްނޫން" ހޭޒަލް އަލުން މެސެޖެއް ލިއަމްއަށް ފޮނުވިއެވެ. އެއަށް ލިއަމް ވަކި ޖަވާބެއް ނުދިނެވެ. ދިހަމިނެޓު ފާއިތުވެ ދިޔައިރު ވެސް ލިއަމްގެ ފުށުން މެސެޖެއް ނައެވެ.

"ޒެލް..." ބަދިގެ ފަރާތުގައި އެކަނި އިން ހޭޒަލް ސިހުނީ ރިޒްވާނު ގޮވާލި އަޑަށެވެ. ކުއްލިއަކަށް އިސްއުފުލާލި ހޭޒަލްގެ ދެ ލޯ ފެންކަޅިވެފައިވާތީ ރިޒްވާނަށް ފެނުނެވެ. އެމޫނުގައިވި ހިތްދަތި އަސަރުތައް ރިޒްވާނަށް ސިހުން ގެނުވިއެވެ. އަޖައިބުވެފައި ހޭޒަލްއަށް ބަލަން އޭނާއަށް ހުރެވުނީއެވެ.

"ލޮލަށް... ލޮލަށް ވެއްޓުނީ..." ދެ ލޯ ކަރުނުން ފުރިއްޖެކަން އެނގި ހުރެ ހޭޒަލް އަވަސްއަވަހަށް ބުނެލިއެވެ. އަދި ގޮނޑިން ތެދުވެގެން ސިންކު ކައިރިއަށް ދިޔައެވެ. އިސްކުރުން އޮހެމުންދިޔަ ފެންތަކަށް ދެއަތް ދިއްކޮށްލާ ފެންގޮށްޓެއް މޫނަށް ޖެހިއެވެ. އެތައްފަހަރަކު މޫނު ދޮވުނެވެ. ހޭޒަލްގެ މި ހަރަކާތްތަކަށް ރިޒްވާން ދުރުގައި ބަލަން ހުރީ ބަހެއް ވެސް ނުބުނެއެވެ.

(ނުނިމޭ)