ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ މާބިންހުރާ މައްސަލަ ޕީޖީން ގެންގޮސްފި

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ. ޕީޖީން އެ މައްސަލަ ގެންދިއުމާއެކު ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ހައިކޯޓުގެ ނިންމުން ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފު ކަމަށް ބުނެ ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އަދީބުގެ މައްޗަށް ދައުވާކޮށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމަވާފައިވާ ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.

މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު މައްސަލަ ޕީޖީން އަބުރާ ގެންގޮސްފައި މިވަނީ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕީޖީން ބުނެފައިވަނި ކޮށެވެ.

ޕީޖީން އެހެން ބުނެފައިވަނީ އިޖުރާއީ ނުކުތާއާމެދު ޕީޖީއިން ދެކޭ ގޮތް ސާފުކުރުމަށް އެ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އެ ދުވަހު އޮތް އަޑުއެހުމުގައި ޕީޖީގެ ވަކީލް މުހައްމަދު އާލިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އެއްބާރުލުން ދިނުމަށް ޖޫން މަހުގެ އަށްވަނަ ދުވަހު އަދީބު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުށަށް އިއުތިރާފުވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިއުތިރާފު އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އަދީބު ސޮއި ކުރައްވާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އަދީބު، ކުށަށް އިއުތިރާފުވެފައިވާއިރު އޭގެ ބަދަލެއްގެ ގޮތުގައި މާބިންހުރާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އެއްބަސްވެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި މާބިންހުރާގެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ޕީޖީ ބޭނުން ނުވާ ކަމަށެވެ.

އެހެން ނަމަވެސް ކުރިމިނަލް ކޯޓަށް ޕީޖީއިން ހުށަހަޅާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އަދީބު ކުށަށް އިންކާރުކޮށްފިނަމަ، މާބިންހުރާގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި އަލުން ކުރިއަށް ގެންދަން ޕީޖީ ބޭނުންވާ ކަމަށް ވެސް ވަކީލް އާލިމް ވިދާޅުވި އެވެ.

ނަމަވެސް އެދުވަހުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަރަށް ބޮޑަށް ކޯފާވެ އިންނަވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓަކީ ޕީޖީގެ ސެކްޝަނެއް ނޫން ކަމަށާއި ބޭނުންވީމަ ސުޕްރީމް ކޯޓުގައި މައްސަލަ ޕާކްކޮށްފައި ނުބޭއްވޭނެ ކަމަށެވެ.

ޕީޖީގެ ޒިންމާއަކީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެެއްގައި ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް މާބިންހުރާ މައްސަލާގައި ޕީޖީއަށް ހަދާނެ ގޮތެއް މިހާތަނަށް ވެސް ކަނޑައެޅިފައިނުވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ރަސްމީ ދެ ދުވަހުގެ ތެރޭގައި މައްސަލާގައި ޕީޖީ ހަދާ ގޮތެއް ސުޕްރީމް ކޯޓަށް އެންގުމަށް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ. އުއްތަމަ ފަނޑިޔާރު އެ ވާހަކަ ޕީޖީއަށް އެންގެވީ ހަރުކަށިކޮށެވެ.

މާބިންހުރާ މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް އަދީބަށް ކުރިމިނަލް ކޯޓުން އިއްވި އެވެ. ނަމަވެސް އެ މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ހުކުމް ބާތިލު ކޮށްފަ އެވެ. އަދި އެ ޝަރީއަތް އަލުން ހިންގުމަށް ކުރިމިނަލް ކޯޓަށް އަންގާފަ އެވެ.

ހައިކޯޓުގެ ހުކުމް ޕީޖީއިން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ.