ހަބަރު

ރައުދާގެ މަރުގެ ރިޕޯޓް ވެސް ރައީސް އޮފީހަށް ފޮނުވައިފި

ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ މައްސަލަ ވެސް ތަހުގީގުކޮށް ނިންމައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ އާތިފު ދިރިއުޅުނު ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ 2017 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައުދާގެ މަރުގެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން ބަންގްލަދޭޝް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން ކަނޑައަޅާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް އެއިން އެއްވެސް ރިޕޯޓެއް ގަބޫލެއް ނުކުރެ އެވެ.

ރައުދާގެ މަރުގެ މައްސަލައަކީ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ދިނުމަށް އެދި އާންމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، އެ ކޮމިޝަނުން ބަލަން ނިންމި 24 މައްސަލައިގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތައް އަލުން ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.