ސިވިލް ސާވިސްގެ އިސް މަގާމުތަކުގައި ދިގުމުއްދަތަކަށް ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ހިންގުމުގެ ހުނަރު ތަރައްގީކޮށް ޒަމާނީ ގާބިލްކަން މަސައްކަތުގެ މާހައުލަށް ގެނައުމުގެ މަގްސަދުގައި ސިވިލް ސާވިސް އިންސްޓިޓިއުޓުން ހިންގި ފަސް ކޯހެއްގެ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިންރާހިމް ހަސަން އެވެ. މި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމްގެ އިތުރުން އެ ކޮމިޝަނުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މިއަހަރަކީ ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި ލިބިފައިވާ މަދު ވަސީލަތްތަކާއި އެކުވެސް ވަރަށް ކާމިޔާބު ތަފާތު ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ.
"... އަޅުގަނޑު ދަންނަވާނީ މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެކޭ، ސަބަބެއް ނެތި އެއްވެސް ނޫން. އަޅުގަނޑުމެން ކޯސްތައް ހިންގާފައިވާނީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ކުޑަ ތަންތަނުގައި. އެއީ މިވަގުތު އަޅުގަނޑުމެންނަށް ހުރިގޮތް. ނަމަވެސް އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުންނަށް ވާނީ ވަރަށް ފުރިހަމަޔަށް ކިޔަވައިދީފަ. ވަސީލަތްތަށް މަދު ކަމުގައިވީނަމަވެސް. އެގޮތުން ހިންގުނު ކޮންމެ ތަމްރީން ޕްރޮގްރާމަކީ ވަކިގޮތަކަށް ފަރުމާ ކުރެވިގެން ހިންގުނު ތަމްރީންތަކެއްކަން މި ފުރުސަތުގައި ފާހަގަކޮށްލަން. މިގޮތުން މިއަހަރު މިހާތަނަށް 4433 މުވައްޒަފުން މިވަނީ ތަމްރީން ކުރެވިފައި." ޝަމީމް ވިދާޅުވި އެވެ.
އަތޮޅުތެރޭގައި ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރަމުންދާތީ އަތޮޅުތެރެއަށް ހާއްސަކޮށްގެން މިއަހަރު މިހާތަނަށް 19 އަތޮޅުގައި ތަފާތު 53 ޕްރޮގްރާމެއް ހިންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ސެޓްފިކެޓް ހާސިލް ކުރި ގިނަ ދަރިވަރުންނަކީވެސް އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންތައް ކަމަށާއި އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ.
ސިވިލް ސާވިސް އިންސްޓިޓިއުޓުން އަތޮޅުތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ހިންގޭ ކޯސްތަކެއްކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް ކައުންސިލްތަކަށް ޝަމީމް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ސިވިލްސާވިސްއަށް ވަނުމަށް ދެވޭ އިމްތިހާންގައި މިއަހަރު ޖުމްލަ 217 ފަރާތަކުން ވަނީ ބައިވެރިވެފައިވާއިރު މި އިމްތިހާން ރާއްޖޭގެ 12 ސަރަހައްދެއްގައި ނޮވެމްބަރު 10 ވަނަ ދުވަހު ކުރިޔަށްދާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި މި އަހަރަކީ ސީއެސްޓީއައި އިން ބޭރުގެ ފަރާތްތަކާ ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެއް ކަމަށާއި އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އެންސީޖީޖީ އާއި ގުޅިގެން ޕާމަނަންޓް ސެކެޓްރީންނަށާއި އިދާރާތަކުގެ އިސްވެރިންނަސް ބޭއްވުނު ހާއްސަ ސެޝަން ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޖަޕާން އަދި ޕާކިސްތާންގެ އެންބެސެޑާ އަދި އިންޑިއަން އެންބެސެޑާ ވަނީ ސީއެސްޓީއައިއަށް މިއަހަރުގެ ތެރޭގައި ޒިޔާރަތްކުރައްވާފައިވާ ކަމަށާއި ޖަޕާން އެންބަސީން ސީއެސްޓީއައި ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާކޮށްދީފައި ވާއިރު ޕާކިސްތާން އެންބަސީގެ އެހީގައި ޕާކިސްތާންގެ ތަފާތުއަށް ޓްރެއިނިން އިންސްޓިޓިއުތަކަށް ޒިޔާރަތްތަކަށް ކުރުމުގެ ފުރުސަތުވެސް ލިބިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިއަދު ދަސްވެނިވެގެންދިޔައީ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯސް، ޑިޕްލޮމާ ޕްރޮގްރާމަށް ތައްޔާރުކުރުވުމުގެ ގޮތުން ހިންގޭ ފައުންޑޭޝަން ޕްރޮގްރާމް، ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމްންޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމްންޓް ކޯސް ނިންމާފައިވާ ދަރިވަރުންނެވެ.
ސިވިލް ސާވިލް ކޮމިޝަނުން ހާމަކުރާ ގޮތުގައި މި ކޯސްތަކަކީ މިދާއިރާތަކަށް ހާއްސަ ކޮންޕީޓެންސީތައް ބެލިގެން ތައްޔާރުކޮށް ހިންގެމުންދާ ކޯސްތަކެއް ކަމަށާއި އަދި ސީ3 ކޯސްތަކާއި ޑިޕްލޮމާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކުރެވިފައިވާ ކޯސްތަކެއްކަމަށެވެ. އެގޮތުން މިއަހަރު މިހާތަނަށް 175 ދަރިވަރުން ވަނީ ދިގު މުއްދަތުގެ ކޯސްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.