އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ތިބޭ އެސްޓްރޮނޯޓުންނަކީ ދުނިޔޭގައި ދިރިއުޅެމުންދާ މީހުނާ ތަފާތު ދިރިއުޅުމެއް އުޅެން ޖެހިފައިވާ ބައެކެވެ. އެމީހުން ކާން ޖެހެނީ ވަކި ވަގުތަކު ވަކި ބާވަތެއްގެ ކާ އެއްޗިސެވެ. އަދި ކުޅިވަރު ކުޅުމާއި އެހެނިހެން ކަންތައް ކުރަން ޖެހެނީ ވެސް ކަނޑައެޅިފައިވާ ވަކި އުސޫލުގެ ތެރެއިންނެވެ. މި އުސޫލުތަކާ ހިލާފުވެއްޖެނަމަ ސިއްހީ މައްސަލައަކާ ކުރިމަތިލާން ޖެހިދާނެތީ ހުރިހާ އެސްޓްރޮނޯޓުން ވެސް އުސޫލުތަކަށް ތަބާވެ އެވެ. އެކަމަކު ދުނިޔޭގައި އުޅޭ އެންމެނަށް ލިބިގެންވާ ހައްގު ޖައްވުގައި ތިބޭ އެސްޓްރޮނޯޓުންނަށް ވެސް ލިބިގެންވެ އެވެ.
އެސްޓްރޮނޯޓުންނަކީ އާންމު ގޮތެއްގައި ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަންގައި ގިނަ އަހަރުތަކެއް ހޭދަ ކުރަން ޖެހޭ ބަޔަކަށް ވުމުން އެމީހުނަށް ލިބިދީފައިވާ ވޯޓު ލުމުގެ ހައްގު ގެއްލެ އެވެ. މި ހައްގު އެސްޓްރޮނޯޓުންނަށް ލިބުނީ، 1997 ވަނަ އަހަރު އެވެ. އެކަމަކު އެއީ ހަމައެކަނި ނާސާގެ އެސްޓްރޮނޯޓުންނަށެވެ. ސަބަބަކީ ނާސާއިން 1997 ވަނަ އަހަރު މި މައްސަލަ އެމެރިކާގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން މަޖިލީހުން ނިންމީ ސްޕޭސް ސްޓޭޝަންގައި ވޯޓު ލެވޭނެ އިންތިޒާމެއް ހަމަޖައްސާށެވެ.
މިދިޔަ މަހު ސްޕޭސް ސްޓޭޝަންގައި މަސައްކަތް ކުރަމުންދިޔަ ފްލައިޓް އިންޖީނިއަރެއް ކަމަށްވާ އެންޑްރޫ މޯގަން ވަނީ އޭނާ ނިސްބަތްވާ ޕެނަސަލްވީނީއާގައި ކުރިއަށް ދިޔަ އިންތިހާބެއްގައި ޖައްވުގައި ހުރެގެން ވޯޓުލާފަ އެވެ.
މިކަން އާންމުގެ ސަމާލު ކަމަށް އައީ ނާސާއިން އެންޑްރޫ މޯގަން ޖައްވުގައި ހުރެގެން ވޯޓުލިކަން އާންމު ކުރުމުންނެވެ. ނާސާއިން މިގޮތަށް ވޯޓުލާ މީހުންގެ މައުލޫމާތު އާންމެއް ނުކުރެ އެވެ. ސަބަބަކީ އެމެރިކާގެ ނޫސްތަކުން ސްޕޭސް ސްޓޭޝަންގައި ހަރަކާތްތެރިވާ އެސްޓްރޮނޯޓުންގެ ވަނަވަރާއި މައުލޫމާތު އާންމު ކުރާތީ އެވެ.
ޖައްވުގައި ތިބެގެން ވޯޓުލާން ޖެހޭނީ އޮންލައިންކޮށެވެ. އެގޮތުން އެމެރިކާގެ އިންތިހާބާބެހޭ މަރުކަޒުން ވޯޓުދޭ މީހާގެ އީމެއިލެއް ފޮނުވާނެ އެވެ. މި މެއިލް ހުޅުވޭނީ ޕާސްވޯޑެއް ޖަހައިގެންނެވެ. ޕާސްވޯޑު ޖެހުމުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު ފެންނާނެ އެވެ. އެތަނުން ވޯޓުދޭން ބޭނުންވާ މީހާގެ ނަމުގައި ކައިރީގައި ރަނގަޅު ފާހަގަ ޖެހުމަށްފަހު މެއިލް އަނެއްކާވެސް އިންތިހާބާ މަރުކަޒަށް ފޯވާޑް ކޮށްލަ އެވެ. އެހިސާބުން ވޯޓު ދީ ނިމުނީ އެވެ.
އެންޑްރޫ މޯގަން ސްޕޭސް ސްޓޭޝަނަށް ދާން ހޮވުނީ 2013 ވަނަ އަހަރު އެވެ. ތަމްރީނުތައް ނިންމާލުމަށްފު ސްޕޭސް ސްޓޭޝަނަށް ދިޔައީ 2015 ވަނަ އަހަރު އެވެ.
ނާސާއިން މައުލޫމާތު ދޭ ގޮތުގައި މީގެ ކުރިން ވެސް އެސްޓްރޮނޯޓުން ވަނީ ސްޕޭސް ސްޓޭޝަންގައި ތިބެގެން ވޯޓުލާފަ އެވެ. އެއީ 2006 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އިތުރުން 2010 ވަނަ އަހަރުގަ އެވެ. ޖައްވުގައި ހުރެގެން އެންމެ ފުރަތަމަ އިންތިހާބެއްގެ ވޯޓު ލައިފައިވަނީ އެސްޓްރޮނޯޓް ޑޭވިޑް ވުލްފް އެވެ. އެއީ 2004 ވަނަ އަހަރު އެވެ. ސްޕޭސް ސްޓޭޝަންގައި ތިބެގެން މިހާތަނަށް ވޯޓު ދިނުމުގެ ހައްގު އަދާކުރީ ފަސް އެސްޓްރޮނޯޓުންނެވެ.