ލައިފްސްޓައިލް

ރަނގަޅަށް ނިދާލަން މިކަން އާދަކުރޭ!

ރަނގަޅަށް ނިދާލެވުމަކީ މީހާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ގިނަ ބަޔަކަށް އަރާމު ނިންޖަކީ އެއްގޮތަކަށް ވެސް ލިބޭ އެއްޗެއް ނޫނެވެ. މާގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަން ޖެހުން، ސްޓްރެސްވުން އަދި ކެއުމުގެ އާދަ ގެންގުޅެވޭ ގޮތުން ނިންޖަށް އަސަރު ކުރެ އެވެ.

ރޭގަނޑު ނިދަން އޮށޯވެ ނުނިދިގެން ދެ އަތަށް ފުރޮޅިފުރޮޅި އޮންނަން ޖެހޭނަމަ ކުރެވިދާނެ ކަންތައްތައް ހުރެ އެވެ. އޭރުން ހަމަ ނިދި ނިދާލެވި ހެނދުނު ހޭލާއިރު މީހާ ތާޒާކަމާއެކު ހޭލަން ފަސޭހަ ވާނެ އެވެ.

ރަނގަޅަށް ނިދާލަން ބޭނުންވާ މީހުން ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ސިއްހަތަށް ފައިދާހުރި ބުއިންތައް ބުއިމެވެ. ކުޑައިރު މަންމަ ނިންދަވަން ބާއްވާއިރު ހޫނު ކިރުތައްޓެއް ދީފައި ނިންދަވާ ކުދިން މިކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކޮށްފައި ހުންނާނެ އެވެ. މަންމައިން މިކަން ކުރަނީ މިއީ ވަރަށް ރަނގަޅު ކަމެއްކަން އެނގި ތިބެ އެވެ.

ރޭގަނޑު ނިދިން މަހްރޫމްވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ ކެފެއިން އެކުލެވޭ ބުއިންތައް މާ ގިނައިން ބުއިމެވެ. އެހެންވެ ނިދަން އުނދަގޫވާ މީހުން ކެފެއިން މަދުކޮށްލަން ޖެހޭނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ބޮޑެތި މީހުންނަށް ވެސް ރޭގަނޑު ނިދާ ގަޑީގައި ބޯލަން އެންމެ ރަނގަޅީ ހަމަ ހޫނު ކިރުތައްޓެކެވެ. ސަބަބަކީ ކިރުގައި އެމިނޯ އެސިޑް ޓްރިޕްޓޮފޭން އެކުލެވޭތީ އެވެ. ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކެއުންތަކުގައި ވެސް ޓްރިޕްޓޮފޭން ހުންނާނެ އެވެ. މާ ގަދަޔަށް ކާލުމުން ނިދިއަންނަނީ މިހެންނެވެ އެވެ.

ހަށިގަނޑުން އެތެރެވުމަށްފަހު ޓްރިޕްޓޮފޭން ބަދަލުވަނީ ނިދަން ބޭނުންވާ މުހިއްމު ހޯމޯން އެއް ކަމަށްވާ މެލަޓޯނިން އަށެވެ.
އާމަންޑް މިލްކް އަކީ ވެސް ނިދާ ގަޑީގައި ބޯން ރަނގަޅު އެއްޗެކެވެ. ޓްރިޕްޓޮފޭންގެ އިތުރުން އާމަންޑް މިލްކްގައި މެގްނީސިއަމް ވަރަށް ގިނަ ކިރެކެވެ. މެގްނީސިއަމް އިން ނިދުމުގެ ކޮލިޓީ ރަނގަޅު ކޮށްދޭނެ އެވެ.

ނިދާ ގަޑީގައި ކެމޮމައިލް ސައިތައްޓެއް ބޯލުމަކީ ވެސް ރަނގަޅަށް ނިދާލެވޭނެ ކަމެކެވެ. ގުދުރަތީ ގޮތުން ނިދާލަން އެންމެ ރަނގަޅު ހައްލުގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔެއްގެ ކުރިމަތީގައި ކެމޮމައިލް ޓީ ވަނީ ވަރަށް މަޝްހޫރުވެފަ އެވެ. ޚާއްސަކޮށް އިންސޮމްނިއާ ނުވަތަ ނިދަން އުނދަގޫވާ މައްސަލަ ހުންނަ މީހުންނަށެވެ. މި ސަޔަކީ ސިކުނޑިއަށް އަރާމާއި ހަމަޖެހުން ގެނެސްދޭ ކެފެއިން ފްރީ ބުއިމެކެވެ. ބައެއް މީހުން މެގްނީސިއަމް ސަޕްލިމެންޓް އާއެކު ވެސް މި ސައި ބޮޔެވެ.

މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކެމޮމައިލް ޓީ އަކީ ހިތުގެ ބަލިތަކާއި ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ ބުއިމެކެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭ ކަމަށް ވެސް ބައެއް ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ކުރުނބާ ފެން ވެސް މިއީ ނިދަން އުނދަގޫ މީހުން ބޯން ރަނގަޅު އެއްޗެކެވެ. ކުރުނބާ ފެނުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށް ވަރު ޖައްސާލަދޭކަން އެންމެންވެސް ދަނެ އެވެ. އަދި ނިދާލަން ބޭނުން މީހުން ކުރުނބާ ފެން ބޯލުމުން ރަނގަޅަށް ނިދާލެވޭނެ އެވެ. ގަޑުބަޑު ނުކޮށް ހުންނަ ކުރުނބާފެނުގައި މެގްނީސިއަމް އާއި ޕޮޓޭސިއަމް ވަރަށް ގިނައިން އެކުލެވެ އެވެ. މިއީ ހަށިގަނޑުގެ މަސްތަކަށް އަރާމު ލިއްބައިދިނުމަށް މުހިއްމު މާއްދާތަކެކެވެ. ކުރުނބާފެނުގައި ވިޓަމިން ބީ ވެސް ހުރެ އެވެ. މި ސްޓްރެސް ލެވެލް ދަށްކުރުމަށާއި ހިތް ނުތަނަވަސްވުމާއި ޑިޕްރެޝަން އިންދުރުވުމަށް ވެސް ބޭނުންވާ މުހިއްމު ވިޓަމިނެކެވެ.

ދޮނެކޭލުގައި ތައްޔާރުކޮށްލާ ސްމޫތީ އަކީވެސް ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ ބުއިމެކެވެ. ޚާއްސަކޮށް ނިދާ ގަޑި ކައިރިވާ ވަރަކަށް ބަނޑުހައިވާ މީހުންނަށާއި ބަނޑުހައިވެގެން ނުނިދިގެން އުޅެން ޖެހޭ މީހުންނަށް މި ސްމޫތީ އަކީ ވަރަށް ބަރާބަރު އެއްޗެކެވެ. ނިދުމުގެ ކުރިން މީގެ ސްމޫތީއެއް ބޯލުމުން މައްސަލައެއް ދިމާނުވެ ރަނގަޅަށް ނިދާލެވޭނެ އެވެ.

މި ސްމޫތީ ތައްޔާރުކޮށްލުމަށް ބޭނުންވާ އެއް ވައް ނުވަތަ ދެ ވައް ދޮންކޭލާއި ބަޓަރުކޮޅެއް އަދި ކިރެވެ. ހުރިހާ އެއްޗެހި ރަނގަޅަށް ގިރާލާފައި ބޯލުމުން ނިދަން ފަސޭހަ ވާނެ އެވެ. ކުރުނބާ ފެނެކޭ އެއްގޮތަކަށް ދޮންކެޔޮ ސްމޫތީގައި ވެސް މެގްނީސިއަމް އާއި ޕޮޓޭސިއަމް ވަރަށް ގިނަ އެވެ.