ލައިފްސްޓައިލް

ރަނާއި ޖަވާހިރުގެ ފާހާނާ ތައްޓެއް ރެކޯޑް ހަދައިފި

ޖަވާހިރުގެ ވިޔަފާރިކުރާ ހޮންގްކޮންގް މީހަކު 4000 ޑައިމަންޑް ޖަހައިގެން ހަދާފައިވާ ރަން ފާޚާނާ ތައްޓަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. މި ތަށި ބަހައްޓާފައި ވަނީ ޗައިނާގެ ޝަންހާއީގައި ކުރިޔަށް ދިޔަ ޗައިނާ އިންޓަނޭޝަނަލް އިމްޕޯޓް އެކްސްޕޯގަ އެވެ. މި ރަން ފާޚާނާގެ އަގަކީ 1.3 މިލިއަން ޑޮލަރެވެ.

ރަން ފާޚާނާ ތައްޓަކީ ކޮންމެވެސް ވަރަކަށް ފެންނަ އެއްޗެއް ނަމަވެސް މި ތަށި ޚާއްސަވަނީ މީގެ މަތިގަނޑުގައި ޖަހާފައިވާ ބުލެޓްޕްރޫފް ބިއްލޫރީގައި ހަރުކޮށްފައިހުރި 40815 ޑައިމަންޑްގެ ސަބަބުންނެވެ.

މި ފާޚާނާ ތަށި ތައްޔާރުކުރީ "އެންމެ ގިނަ ޑައިމަންޑް ޖެހި ފާޚާނާ ތަށި" ގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތަށް ނަން އެރުވުމުގެ މަގްސަދުގަ އެވެ.

މި ތަށީ އުފެއްދީ ކޮރޮނޮޓް އިންނެވެ. މިއީ ހޮންކޮންގްގައި ޑައިމަންޑުން ގަހަނާ އާއި ތަކެތި ތައްޔާރު ކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނިން ޑައިމަންޑް ޖަހައިގެން އުފެއްދި އަވިއައިނާއި އަތުކުރިގަޑި، މޮބައިލް ފޯނުގެ ކަވަރު އަދި ކޮކޯ-ކޯލާ ފުޅިއެއް ގޮތަށް ތައްޔާރުކުރި އަތްދަބަސް ތައް ވެސް ރެކޯޑް ގާއިމްކޮށްފައި ވެއެވެ.

މި ފާޚާނާ ތަށި ގަންނަން ގިނަ ބަޔަކު ޝައުގުވެރިވީ ކަމުގައި ވިޔަސް ތަށި އުފެއްދި ފަރާތުން އެ ތަށި ވިއްކާކަށް ބޭނުމެއް ނުވެ އެވެ.

މި ކުންފުނިން ބޭނުންވަނީ ޑައިމަންޑް އާޓް މިއުޒިއަމް އެއް ތައްޔާރުކުރަން ކަމަށާއި ހުރިހާ އެއްޗެއް އެތަނުގައި ބަހައްޓަން ގަސްތު ކުރާ ކަމަށް ކުންފުނީގެ އެންމެ އިސް ވެރިޔާ އިނގިޜޭސިވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.