އަމީތާބު

އަމީތާބު ފިލްމު ކުޅޭތާ 50 އަހަރު ފުރިއްޖެ

އަމިތާބު ބައްޗަން ބޮލީވުޑަށް ތައާރަފްވީ 1969 ގައި ނުކުތް "ސާތު ހިންދުސްތާނީ" އިންނެވެ. އެހެން ކަމުން މިއަހަރަކީ އަމީތާބު ފިލްމު ކުޅޭތާ 50 އަހަރު ފުރުން ފާހަގަ ކުރާ އަހަރެވެ.

އަމީތާބު މިހާ ދިގު މުއްދަތެއްގައި ފިލްމު އިންޑަސްޓްރީގައި ވޭތުކުރިއިރު އޭނާ ވަނީ ގިނަ ބަޔަކު ހަނދާން ނުނެތޭ ފަދަ މޮޅު ފިލްމުތަކެއް އިންޑަސްޓްރީއަށް ހަދިޔާކޮށްފަ އެވެ. އޭނާގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި "އާނަންދު"، "ޒަންޖީރު"، "އަގްނީޕަތު"، "ސިލްސިލާ"، "ޝޯލޭ"، "ޑޯން"، "ސަރްކާރް"، "ބާގްބާން"، "ކޫލީ"، "ޕީކޫ"، އަދި "ޕިންކް" ހިމެނެ އެވެ.

އަމީތާބުގެ ކެރިއަރުގެ ކުރީކޮޅު އޭނާ މަޝްހޫރުވެފައި ވަނީ "ރުޅިއައިސްފައި ހުންނަ ޒުވާނާ"ގެ ނަމުންނެވެ. ސަބަބަކީ އައްޑިހައިގެ އަހަރު ތަކުގައި އޭނާ ކުޅުނު ފިލްމުތަކުގައި އޭނާ ގިނައިން އަދާކޮށްފައި ހުންނަނީ އެފަދަ ރޯލުތައް ކަމަށް ވާތީ އެވެ.

އަމީތާބު ބޮލިވުޑްގައި 50 އަހަރު ހޭދަ ކުރުމުން އެންމެ ފަޚުރުވެރިވެ އުފާވެފައިވަނީ އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން އެވެ. އަބީޝެކް ވަނީ މިކަން ފާހަގަ ކުރުމުގެ ގޮތުން އިންސްޓަގްރާމްގައި ވަރަށް އަސަރުގަދަ ޕޯސްޓެއް ކޮށްފަ އެވެ.
އަމީތާބުގެ ވަރަށް ޅައިރުގެ ފޮޓޯތަކަކާއެކު އަބީޝެކް ޝެއާކުރި ޕޯސްޓްގައި ލިޔެފައިވާ ގޮތުގައި އޭނާއަކީ ހަމައެކަނި އަމީތާބުގެ ދަރިފުޅެއް ނޫނެވެ. އެކްޓަރެއް އަދި ފޭނެއްގެ ހައިސިއްޔަތުން އަމީތާބުގެ މޮޅުކަން އެންމެ ކައިރިން ދުށުގެ ނަސީބު ލިބިފައި ވަނީ އޭނާއަށް ކަން އަބީޝެކް ބަޔާންކޮށްފައި ވެއެވެ.

އުމުރުން މިހާރު 77 އަހަރު ފުރިފައިވާ އަމީތާބު މުސްކުޅިވިޔަސް ފިލްމު ކުޅުމާ ދުރުށް ދިއުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. މިހާރުގެ އެންމެ ޒުވާން އެކްޓަރުން ކުޅޭ ވަރަށް ވުރެ މާ ގިނަ ފިލްމުތައް މިހާރުވެސް އަމީތާބު ކުޅެ އެވެ.

އަމީތާބު މިހާޜު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލިޒް ކުރާނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއެކު އޭނާ ކުޅޭ "ބްރަހްމަޝްތުރާ" އެވެ. އޭގެ ފަހުން އޮތީ އަޔުޝްމާން ކުރާނާ އާއެކު ކުޅޭ "ގުލާބޯ ސިޓާބޯ" އެވެ.