މަތިވެރި ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރާއިރު، އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ހަޒުރަތުން އެކަލޭގެފާނު ގެނެސް ދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ މެސެޖްގައެވެ.
ރައީސްގެ މެސެޖްގައި ވިދާޅުވީ އާލަމްތަކަށް ރަހްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ ފާހަގަކުރަނީ، ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށެވެ. އަދި އެ މަތިވެރި ޒިކްރާއިން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށާ އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާގީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ހަޔާތްޕުޅުން ކަމަށެވެ.
އިންސާނީ މުޖްތަމައެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައި ދެއްވައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދު. އަނެކުންނަށް އިހްތިރާމް ކުރުމާއި، މައާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަޚްލާގިއްޔާތުގެ އެންމެ ވިދުންގަދަ މުތީތައް. ކޮންމެ ކަމެއްގައިވެސް އަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑު. މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަގީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާއީ އަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައް." ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވީ މަތިވެރި ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ހަސްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުމަށް ކަމަށެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުން ކަމަށެވެ.