ބޮލީވުޑް

ރާނޫ މޮންޑަލް ފޮނިކަމުން މަލާމާތް ރައްދުވަނީ

Nov 8, 2019
4

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވެ ސްޓާރަކަށް ވެފައިވާ ލަވަކިޔުންތެރިޔާ ރާނޫ މޮންޑަލް ވަރަށް ފޮނިވެއްޖެ ކަމަށް ބުނެ އިންޓަނެޓުގައި ގިނަ ބަޔަކު އޭނާއަށް މަލާމާތް ކުރަން ފަށައިފި އެވެ. ރާނޫ ފޮނި ކަމަށް މީހުން ކިޔަން ފެށީ ދާދިފަހުން ސޯޝަލް މިޑިއާގައި މީހަކު ޝެއާ ކުރި ވީޑިއޯ އެއް ބަލާފަ އެވެ. މި ވީޑިއޯގައި ފެންނަނީ ރާނޫ އާއެކު ސެލްފީއެއް ނަގަން އުޅުނު އޭނާގެ ފޭނަކަށް އޭނާ ކަންތައް ކުރި ގޮތެވެ.

މި ވީޑިއޯއިން ފެންނަނީ ރާނޫގެ ފޭނަކު ގޮސް އޭނާގެ ގައިގައި އަތް ޖައްސާލާފައި ސެލްފީއެއް ނަގަން އެދޭ މަންޒަރެވެ. ދެން ފެންނަނީ އޭނާގެ ގައިގައި އެ މީހާ އަތްލީމާ ރާނޫ ހިތްހަމަނުޖެހިގެން އުޅޭ ތަނެވެ. އަދި ވަރަށް ނުރުހިފައި އެމީހާގެ ގައިގައި އަތުން ޖަހާލާފައި "ތީ ކޮންކަމެއްހޭ؟" ރާނޫ ބުނެ އެވެ. ފޭން އެއް އެގޮތަށް ރާނޫ ކައިރިއަށް އައިސް ގައިގާ އަތްލުމަކީ ރާނޫ އެއްގޮތަކަށް ވެސް ހިތްހަމަޖެހުނު ކަމެއް ނޫންކަން މި ވިޑިއޯ ބަލާލުމުން ދޭހަވެ އެވެ.

ފަހަރެއްގައި މިއީ އޭނާ ކައިރިއަށް ސެލްފީ ނަގަން އަންނަ މީހުން ގިނަކަމުން ރާނޫ ވަރުބަލިވެގެން ކުރި ކަމެއް ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ބުންޏެވެ. ނަމަވެސް މި ވީޑިއޯ ބަލާފައި ކޮމެންޓްކުރި ގިނަ ބަޔަކު ބުނަނީ ރާނޫ އަށް މިހާރު އޭނާ ފެނިފައި ހުރި ކަމަށާއި ސެލެބްރިޓީން ދައްކާ ރުޅި މިހާރު އޭނާވެސް ދައްކަން ފެށީ ކަމަށެވެ.

މަޝްހޫރުކަމާއެކު އާއްމުންގެ ސަމާލުކަން ވެސް ލިބޭނެކަން ރާނޫ ދަންނަން ޖެހޭނެ ކަމަށް އެކެއްގެ ކޮމެންޓުގައި ވެއެވެ. އޮންލައިންގައި މީހުން ރާނޫ އާ ބެހޭ ގޮތުން ދައްކަމުންދާ ވާޙަކަ ތަކަށް ބަލާއިރު މީހުންގެ ހިތުން ޖާގަ ހޯދަން ބޭނުންނަމަ ރާނޫ ހިތްތިރިކޮށް ފޮނިކަމާއި ބޮޑާކަން ދޫކުރަން ޖެހޭނެ ކަމަށް ބައެއް މީހުން ޚިޔާލު ފާޅުކޮށްފައި ވެއެވެ.

ރާނޫ މޮންޑަލް އަކީ ކުރު މުއްދަތެއްގެ ތެރޭގައި ސްޓާރަކަށްވީ މީހެކެވެ. ލަތާ މަންގޭޝްކަރް ކިޔާފައިވާ "އެކް ޕިޔާރް ކަ ނަޣްމާ ހޭ" ކިޔައިގެންނެވެ. ކޮލްކަތާގެ ރޭލްވޭ ސްޓޭޝަންގެ ބޭރުގައި އިށީނދެ އިނދެ ރާނޫ އޭނާގެ ރީތި އަޑުން މި ލަވަ ކިޔަނިކޮށް އިވިގެން މީހަކު މި ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލި އެވެ. ރާނޫ މަޝްހޫރުވީ މި ލަވަ ބެލި މީހުން އޭނާއަށް ދިން ތަރުހީބުގެ ސަބަބުންނެވެ.

ރާނޫގެ ލަވައިގެ ޖާދޫގައި ޖެހުނީ ހަމައެކަނި ސޯޝަލް މީޑިއާއިން އެ ލަވަ ފެނުނު އާދައިގެ މީހުން އެކަންޏެއް ނޫނެވެ. މަޝްހޫރު މިއުޒިކް ޑައިރެކްޓަރުންނާއި ލަވަކިޔުންތެރިންނަށް ވެސް ރާނޫގެ އަޑު ވަރަށް ރީތިވި އެވެ. ނަތީޖާއެއްގެ ގޮތުން މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރެޝަމްޔާ ވަނީ ރާނޫ ލައްވާ ތިން ލަވައެއް ކިޔުއްވާ ރެކޯޑް ކުރުވާފަ އެވެ.

އަދި ވަރަށް ގިނަ ޗެނަލްތަކުގެ ރިއަލިޓީ ޝޯ ތަކަށް ވެސް ރާނޫ މިހާރު އަރައި ލަވަ ކިޔައިދެ އެވެ. ޓީވީ ޗެނަލްތަކަށް އެރުމަކީ މީހާގެ މަޝްހޫރުކަން ވަރަށް ބޮޑުވާ ކަމަކަށް ވާތީ ރާނޫ އަށް ވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބުނީ އެވެ.

ލަވައިގެ އިތުރުން ރާނޫގެ ވާހަކަތައް ނޫސްތަކުގައި ލިޔެވުނު އަނެއް ކަމަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އޭނާއަށް ފްލެޓެއް ގެންދޭން އުޅޭ ވާޙަކަ އެކެވެ. ނަމަވެސް މި ވާހަކަ ރާނޫ އަދި ސަލްމާން ވެސް ވަނީ ދޮގުކޮށްފަ އެވެ.
ރާނޫގެ ބައޮޕިކްއެއްގެ މަސައްކަތް ވެސް މިހާރު ބަޔަކު އެބަ ކުރެ އެވެ.