ރާނޫ މޮންޑަލް

ރާނޫ މަންޑަލް މޭކަޕްކުރި ފޮޓޯތަކަށް މަލާމާތް

އަނެއްކާވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކުގެ މަލާމާތުގެ ޝިކާރައަކަށް ރާނޫ މަންޑަލް ވެއްޖެ އެވެ. ރާނޫ އަކީ ކާކުކަން މިހާރު ގިނަ ބަޔަކަށް އެނގޭނެ އެވެ. އެއީ ކަލްކަތާގެ ރޭލްވޭ ސްޓޭޝަނެއްގެ ބޭރުގައި ލަވަކިޔައިގެން ފައިސާ ހޯދަމުންދިޔަ ފަގީޜު އަންހެނެކެވެ. އޭނާގެ ލަވައެއް ރެކޯޑްކޮށްފައި މީހަކު ޔޫޓިއުބަށް ލީ ހިސާބުން އެ ލަވަ މަޝްހޫރުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާނޫއަށް ބޮޑު މަޝްހޫރުކަމެއް ލިބުނީ އެވެ.

މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާ ވަނީ ރާނޫ ލައްވާ ތިން ލަވައެއް މިހާތަނަށް ކުޅުވާފަ އެވެ. ލިބުނު މަޝްހޫރުކަމާއެކު ރާނޫ އަށް އޭނާއަކީ ކާކުކަން އޮޅި ވަރަށް ފޮނިވެ ބޮޑާވެއްޖެ ކަމަށް ބުނެ ވަރަށް ފަހުން ރާނޫ އަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަލާމަތް ރައްދުވި އެވެ. އޭނާ އާއެކު ސެލްފީއެއް ނަގަން އުޅުނު އަންހެނަކާ ދޭތެރޭ ރާނޫ ކަންތައް ކުރި ގޮތުގެ ވީޑިއޯއެއް ދައުރުވުމާ ގުޅިގެންނެވެ. މިކަންތައްގަނޑު އަދި ނުނިމި އުޅެނިކޮށް އަނެއްކާވެސް ރާނޫ އަށް މަލާމާތް ރައްދުވާ ކަހަލަ ކަމެއް އޭނާގެ ފަރާތުން ވަނީ ފެނިފަ އެވެ. ހަގީގަތަށް ބަލާއިރު މި ފަހަރު ރާނޫގެ ކުށެއް އޭގައި ނެތް ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.

މިފަހަރު އެންމެން ރާނޫ އަށް ޖޯކު ޖަހަމުންދަނީ އިވެންޓެއްގައި ބައިވެރިވުމަށް މާގަދަޔަށް މޭކަޕް ކޮށްގެން ގޮސް ހުރެގެންނެވެ. މޭކަޕް ކުރި ކުރީނުން މުޅި މޫނު ވަރަށް ދޮންކޮށް ހުރި ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި އަނެއްކާވެސް ރާނޫ އަށް މަލާމާތްކުރަން ވަނީ ފެށިފަ އެވެ.

ނަމަވެސް ރާނޫ އަށް ހަމްދަރުދީވާ ބައެއް މީހުން ބުނަނީ މިފަހަރު އޭނާގެ މާ ބޮޑު ކުށެއް ނެތް ކަމަށެވެ. އެއީ އޭނާ މޭކަޕް ކުރުވި މީހާގެ މައްސަލައެއް ކަމަށް މިފަދަ މީހުން ދެކެ އެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާނޫ އޭނާގެ ނެތް ސިފައެއް ދައްކަން މަސައްކަތްކުރާކަށް ނުޖެހެ އެވެ. އަދި އަމިއްލަ ގައިގައި ހުރި ކުލައަށް ވުރެ އެތައް ގުނައެއް އަލި ކުލައެއްގެ މޭކަޕެއް ކޮށްގެން ރާނޫ މާ ރީތި މީހަކަށް ހެދެން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާއަށް މަލާމާތްކުރާ މީހުން ބުނެ އެވެ.

ރާނޫ އަށް ޖޯކު ޖަހަމުން ޕަންކަޖް ސިންގް ކިޔާ މީހަކު ކުރި ޓުވީޓެއްގައި 'ނަން"ގެ ބައޮޕިކް ކުޅެން ރާނޫ ތައްޔާރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.
\
އެހެން މީހަކު ބުނެފައިވާ ގޮތުގައި ފެއާ އެންޑް ލަވްލީ އިޝްތިހާރު މިހާރު ކުޅޭ ފިލްމީ ބަތަލާ ޔަމީ ގޯތަމް ގެ ބަދަލުގައި މިހާރު އެ އިޝްތިހާރު ކުޅެނީ ރާނޫ މޮންޑެލް ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރާނޫ އިންޑީއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި މިހާތަނަށް އޭނާ ފަސް ވަރަކަށް ލަވަ ކިޔައި ރެކޯޑް ކޮށްފި އެވެ. އަދި މުމްބައި އިން ގެޔެއް ގަންނަން ބޭނުންކަމަށް އޭނާ ބުނެފައި ވެއެވެ.