ސައިންސް

އެޑިޑާސް އުފެއްދުންތައް ޖައްވުގައި ޓެސްޓު ކުރަނީ

Nov 11, 2019

ކުޅިވަރު ބޫޓާއި ޖާޒީ އާއި އޭނުންވެސް އެފަދަ ތަކެތި އުފައްދައިދޭ، ޖަރުމަން އެޑިޑާސް ކުންފުނިން އެ ކުންފުނީގެ ޕްރޮޑަކްޓްތައް ޖައްވުގައި ޓެސްޓު ކުރަން ނިންމައިފި އެވެ. ޖައްވުގައި އެ ކުންފުނީގެ ޕްރޮޑަކްޓްސް ޓެސްޓު ކުރަން ނިންމީ ޖައްވީ ދިރާސާތަކަށް ބޭނުންވާ ހެދުމާއި އެނޫން ވެސް ތަކެތި އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ. އެޑިޑާސް ކުންފުނީގެ ޕްރޮޑަކްޓްތައް ޓެސްޓު ކުރާނީ ބައިންލް އަގްވާމީ ސްޕޭސް ސްޓޭޝަންގައި ނާސާއިން ގާއިމްކޮށްފައިވާ ލެބޯޓަރީގަ އެވެ.

އެޑިޑާސްއިން މިހާރު އުފަދައްމުންދާ ޕްރޮޑަކްޓްތަކަކީ އެއްވެސް ވަރަކަށް ޖައްވުގައި ބޭނުން ކުރަން ވިސްނައިގެން އުފައްދާފައިވާ ތަކެއްޗެއް ނޫނެވެ. އެ ކުންފުނިން ކުއްލިއަކަށް ޖައްވުގައި ބޭނުންކުރާ ހެދުމާއި ބޫޓު، ޓެސްޓު ކުރަން ޝައުގުވެރިވީ ކީއްވެ ކަމެއް ވެސ އަދި ނުއެއް ބުނެ އެވެ. ނަމަވެސް ޕްރޮޑަކްޓް ޖައްވުގައި ޓެސްޓު ކުރުމުގެ ގޮތުން އެޑިޑާސްއިން ވަނީ ނާސާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފަ އެވެ.

އެޑިޑާސް އިން މައުލޫމާތު ދޭ ގޮތުގައި ނާސާގެ ޖައްވީ ލެބޯޓަރީގައި އެ ކުންފުނީގެ އުފެދުންތައް ޓެސްޓު ކުރުމުން، އުފެއްދުންތަކަށް ގެންނަން ޖެހޭ ބަދަލުތައް އެގިގެންދާނެ އެވެ.

އެކަމަކު ޖައްވުގައި ބޭނުންކުރާ ހެދުމާއި ބޫޓު އުފައްދަނީ ތަފާތު މެޓީރިއަލްއަކުން ނެވެ. އެޑިޑާސްގެ އަމާޒަކީ މިހާރު ވެސް އެ ކުންފުނިން ބޭނުން ކުރަމުންދާ މެޓީރިއަލްތައް ބޭނުން ކޮށްގެން ޖައްވުގައި ބޭނުން ކުރާނެ ބޫޓާއި ހެދުން ތައްޔާރު ކުރުމެވެ.

ނާސާއާއެކު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޕްރެސިޑެންޓް އޮފް ގްލޯބަލް ބްރޭންޑް ސްޓެރެޓަޖީ ފޯ އެޑިޑާސް، ޖޭމްސް ކާނަސް ވިދާޅުވީ، ނާސާއާއެކު ހެދި އެއްބަސްވުމުގައި ހިމެނޭ ކަންކަން ކާމިޔާބު ވެއްޖެނަމަ އެތްލީޓުންނަށް ކުރިމަގުގައި ފައިދާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ޖައްވާއި ދުނިޔޭގެ މާހައުލު ތަފާތުވުމުގެ ސަބަބުން ޖައްވުގައި ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކުރާ ހެދުމާއި ބޫޓު ބޭނުން ކޮށްގެން އެތުލީޓުން ތަމްރީނުތައް ހަނދާނަމަ ބުންވަރާއި ހަރަކާތްތެރިކަން އިތުރުވެ ދުވުމުގެ ސްޕީޑު އަވަސް ވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވާ ގޮތުންނަމަ އެޑިޑާސް އިން މަސައްކަތް ކުރަނީ، ކުޅިވަރުގެ ދާއިރާއަށް ނާސާއާއި ގުޅިގެން އިންގިލާބީ ބަދަލެއް ގެންނާށެވެ. ނާސާއިން ވަނީ މީގެ ކުރިން ޖައްވުގައި އެޑިޑާސް ކުންފުނީގެ ބޯޅައެއް ޓެސްޓުކޮށްފަ އެވެ. އެފަހަރު ބޯޅަ ޓެސްޓުކުރީ މަތިންދާބޯޓު އުފައްދާ ކުންފުންޏަކާއެކުވި އެއްބަސްވުމެއްގެ ދަށުންނެވެ.