އެފްރިކާގެ ގައުމުތަކާ ދާދި އެއްވަރަކަށް އޭޝިއާ ބައްރުގެ ގައުމުތަކުގައި ވެސް ތާރީހީ ސައިޓުތައް ވަޅުލެވި ފޮރުވިފައިވާ ކަމަށް އާކިއޮލޮޖިސްޓުން ގަބޫލު ކުރެ އެވެ. އެފަދަ ސައިޓްތައް ވަޅުލެވިފައި ވެދާނެ ކަމަށް ފާހަގަ ކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ތައިލެންޑާއި ވިއެޓްނާމް އަދި ކެމްބޯޑިއާ ހިމެނެ އެވެ. އާކިއޮލޮޖިސްޓުން ދަނީ މިހާރު ވެސް ކެމްބޯޑިއާގެ އެކި ސަރަހައްދުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ވަރުގެ ތާރިހީ ސައިޓެއް ފެނިފައި ވަނީ ވަރަށް މަދު ފަހަރަކު އެވެ.
ކެމްބޯޑިއާއިން އެހެން ގައުމުތަކުން ފެންނަހާ ފަސޭހައިން ތާރިހީ ސައިޓުތައް ނުފެންނާތީ ކެމްބޯޑިއާގައި ކުރާ ދިރާސާތަކުގެ މުއްދަތު އިތުރުވެގެން ވެސް ދެ އެވެ. އެގޮތުން އަށް އަހަރު ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ތެރެއިން ފެނުނު ތާރީހީ ސައިޓެއްގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ދިރާސާތައް ކޮށްފައިވަނީ އޭރިއަލް ލޭޒާ ސްކޭން ބޭނުން ކޮށްގެން ކެމްބޯޑިއާގެ މަހެންދްރަވަތާގަ އެވެ.
ދިރާސާގައިވާ ގޮތުން ނުވަ ގަރުނު ކުރީގެ އެ ސަރަހައްދަކީ ޚްމެރް އެމްޕަޔާގެ މައި ސަރަހައްދެވެ. އެ ރަސްކަން އާއިލީ މެމްބަރުންނަށް ވާރުތަ ވަމުން ދިޔަ އެވެ. އެ ރަސްކަމުގެ މައި ސަރަހައްދަކީ ސައިންސްވެރިންނަށް ހޯދުނު ސަރަހައްދު ނަމަވެސް ރަސްކަމުގެ ކޮއިލުގެ ތެރޭގައި ބޭނުންކުރާ އެއްވެސް ކަހަލަ އެއްޗެއް އަދި އާލާތެއް ވެސް ފެނިފައެއް ނުވެ އެވެ.
ނަމަވެސް އެ ސަރަހައްދު ކޮނުމުގެ ތެރޭގައި މީގެ ކުރިން ވަނީ ރަސްކަމާ ގުޅުން ހުރި ތަކެތި ފެނުނެވެ. އެގޮތުން ޝާހީ ކަނޑިއަކާއި ގަނޑުވަރު ރޭނުމުގެ ގޮތުން ބޭނުންކޮށްފައިވާ ބައެއް ގާތަށް ހޯދިފައި ވެއެވެ. މި ގާތައް ބިމުގެ އަޑީގައި ހުރި ކަމަށް އޭރިއަލް ލޭޒާ ސްކޭނުން ވެސް ދައްކަ އެވެ. ގާތަކުގެ އިތުރުން ސިންގާއެއްގެ ސިފައަށް ހަނދާފައިވާ ބުދެއް ވެސް ފެނިފައި ވެއެވެ.
މީގެ ކުރިން ވެސް މި ސަރަހައްދުން އިންސާނުން ދިރިއުޅުނު ކަމުގެ ހެކިތަކެއް ފެނެވެ. ނަމަވެސް އޭރު އެއީ އިހުގެ ރަސްކަމެއް އޮތް ސަރަހައްދެއްކަން އެނގިފައެއް ނުވެ އެވެ.
އާކިއޮޖިސްޓުން މިސަރަހައްދު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު ވެސް އިންސާނެއްގެ ދެ ކަށިގަނޑެއް ފެނުނެވެ. އެ ކަށިތައް ތަހުލީލު ކުރުމުން އެއީ 10 ގަރުނު ވެފައިވާ ކަށިތަކެއްކަން ވެސް އެގުނެވެ. މީގެ އިތުރުން ވަޅެއް ވެސް ފެނިފައި ވެއެވެ. ވަޅަށް ފަސް އެޅި ފުރިފައިވާތީ އެއީ ކިހާ ފުން މިނެއްގެ ވަޅެއްކަން އަދިއެއް ނޭނގެ އެވެ. އާކިއޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުން ފެން ނެގޭނީ 7 ފުޓާއި 15 ފޫޓާއި ދެމެދަށް ކޮނެގެންނެވެ. އެހެންކަމުން ވަޅުގެ ފުންމިނަކީ އެ ދެމުދުގެ ފުން މިނަކަށް ވާނެ އެވެ.