ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް ރާވަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ބިޑިންއަކަށް މަޝްރޫއުތައްލުމުން ބޭރުގެ ކުންފުނިތަކުން ވާދަވެރި އަގުތަކެއް ހުށަހަޅާ ކަމަށެވެ.
އެކަމަކު ސަރުކާރުގެ ވިސްނުމަކީ ޑޮމެސްޓިކް ބަޖެޓުން ހޭދަކޮށްގެން ހިންގާ ބައެއް މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް ޓެންޑަ އުސޫލަށް ބަދަލުތަކެއް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ތެރޭގައި އެ މަސައްކަތް ނިންމައި ގެޒެޓް ކުރެވޭނެ އެވެ.
"މިހާރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ރާއްޖޭގެ ޑޮމެސްޓިކް ބަޖެޓްގެ ތެރެއިން ރާއްޖޭގައި މި ކުރާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ރާއްޖޭގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ޓެންޑަރިން އުސޫލުތައް ބަދަލު ކުރަން. އެ އެސޫލު ކުރިއަށް އޮތް މަސް ތެރޭގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައި ގެޒެޓް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 10.1 ބިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން ވަކި އަގުތަކެއްގައި ހުންނަ މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްރޫއުތަކުގެ ކުޑަ ބޮޑު މިނަށް ބަލާފައި ބޭންޑްތަކެއް ވެސް ކަނޑައަޅުއްވާނެ ކަމަށެވެ.
"މިސާލަކަށް 75 މިލިއަން ރުފިޔާއަށް ވުރެ ދަށް ޕްރޮޖެކްޓެއް ނަމަ އަޅުގަނޑުމެންނަށް ބުނެވިދާނެ ހަމައެކަނި ރާއްޖޭގެ މީހުނަށޭ ކުރިމަތި ލެވޭނީ. 75 މިލިއަނާއި ވަކި ވަރަކައި ދޭތެރޭން އަޅުގަނޑުމެންނަށް ބުނެވިދާނެ މި ވެނި ޕްރޮޖެކްޓްސް ތަކަށް ލެވިދާނެ ރާއްޖޭގެ ފަރާތްތަކާއި ބޭރުގެ ފަރާތްތަކާއި ޖޮއިންޓް ވެންޗާ ހެދިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ވަކި އަގުތަކެއްގައި ހުންނަ މަޝްރޫއުތައް ހަމައެކަނި ދިވެހި ކުުންފުނިތަކަށް ކުރިމަތިލެވޭ ގޮތް ހަދާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް އަގުގެ މަޝްރޫއުތައް އެ މަޝްރޫއެއް ހިންގާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ އެ އަގު 10 މިލިއަން ރުފިޔާއަށް އިތުރު ކުރުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި ބައެއް މެންބަރުން ވަނީ ސިޓީ ކައުންސިލްތަކަށް އެއަށްވުރެ މަތީ އަގުތަކުގެ މަޝްރޫއުތައް ކަނޑައެޅުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.