އައިޖީއެމްއެޗް

އަންހެން ކުއްޖެއްގެ ފުއްޕާމޭން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި

އުމުރުން 17 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި އެވެ.

ކުއްޖާގެ ފުއްޕާމެއަށް ޕިން ގޮސްފައިވަނީ އަނގަޔަށް ޕިން ލައިގެން އުޅެނިކޮށް ދިރިގެންކަމަށްވެ އެވެ. އައިޖީއެމްއެޗުން ބުނީ މި ކުއްޖާގެ ފުއްޕާމެއިން ޕިން ނެގުމަށް ތިން ގަޑި އިރުގެ އޮޕްރޭޝަނެއް ކުރަންޖެހުނު ކަމަށެވެ.

މި ކާމިޔާބު އޮޕަރޭޝަން ކުރުމުގައި އިސްކޮށް އުޅުއްވި ޑޮކްޓަރުންނަކީ ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް ގެ އިތުރުން ހޭނައްތާ ޑރ. ބަރަކާތް ކަމަށްވެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

ބުރުގާގައި ޖަހާ ޕިން ފަދަ ތަކެތި އަނގަޔަށް ލައިގެން އުޅުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ޕިން އަނގަޔަށް ލައިގެން ހުރެ ވާހަކަ ދެއްކުމުން ނުވަތަ އެހެނިހެން ކަމެއް ދިމާވެގެންވެސް ޕިން ކަރުގެ ތެރެއަށް ގޮސް ފުއްޕާމެޔަށް ގޮސްފައިވާ މި ނޫންވެސް އެހެނިހެން ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިންގާފަ އެވެ. އަދި މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ބުރުގާގައި ޖަހާ ދަތިފަދަ ތޫނު އެއްޗިހި އަނގަޔަށް ނުލުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.