ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

( 7 ނޮވެމްބަރ 2019 އާ ގުޅޭ)

އިސްކުރުން އޮހެމުންދިޔަ ފެންތަކަށް ދެއަތް ދިއްކޮށްލާ ފެންގޮށްޓެއް މޫނަށް ޖެހިއެވެ. އެތައްފަހަރަކު މޫނު ދޮވުނެވެ. ހޭޒަލްގެ މި ހަރަކާތްތަކަށް ރިޒްވާން ދުރުގައި ބަލަން ހުރީ ބަހެއް ވެސް ނުބުނެއެވެ.

* * * * *

ދެއަތް ދޮވެލައިގެން "ޕޭޕަރ ޓަވަލް"އިން އަތްފުހެލައި ކައިރީގަ ހުރި ކުނިވަށިގަނޑަށް އެ ވައްޓާލުމަށްފަހު ލިއަމް އައިސް މޭޒު ދޮށުގައި އިށީނެވެ. އޭނާއާއެކު އެ މޭޒު ދޮށުގައި ދެން ތިބީ އޮފީހުގެ ރައްޓެހިންނެވެ. ޢާންމުކޮށް ހެނދުނުގެ ސައިގަ ބައިވެރިވާ ގުރޫޕެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ލިއަމް ފެންނަނީ ބަސްމަދުވެފައި އިންތަނެވެ. އެކަން އެތަނުގައި ތިބި ރައްޓެހިންނަށް ވެސް ފާހަގަވެ ސުވާލުކޮށް ހެދިއެވެ. ނަމަވެސް ލިއަމްގެ ހަޤީޤީ ދިރިއުޅުން އެނގޭ މީހަކު އެތާކުނެތެވެ. އެންމެންގެ ނަޒަރުގައި ވެސް ލިއަމްގެ މުޅި ދިރިއުޅުމަކީ ހޭޒަލްއަށް އެވެ. އޭނާއާއި ހޭޒަލްއަކީ ލޯބީގައި މިސާލުޖަހާލެވޭ ފަދަ ޖޯޑެކެވެ. ގިނަބައެއްގެ ތާރީފު އެ ދެމީހުންގެ ގުޅުމަށް އޮހެއެވެ. ހަމައެއާއެކު ލިއަމްއާ ދިމާކޮށް ވެސް ހަދައެވެ. ހޭޒަލްއާ ހެދި އޭނާ ހުންނަނީ ދުނިޔޭން މޮޔަވާވަރުވެފައި ކަމުގައި އެމީހުން ބުނެއެވެ. ހޭޒަލްއަށް ޓަކައި ވިއްޔާ ލިއަމް ކޮންމެފަދަ ކަމެއްކޮށްފާނޭ ކަމުގައި އެމީހުން ޤަބޫލުކުރެއެވެ. އެފަދަ ތާރީފުތައް ލިއަމްއަށް ނުހަނު ކަމުދެއެވެ.

ވައަތްތިލައިގެ ތެރޭގައި އޮތް ލިއަމްގެ ފޯނަށް ބަލަން އޭނާ އިނެވެ. ހޭޒަލް ފޮނުވާފައި އޮތް މެސެޖަށް ބަލަން އިންއިރު އޭނާ އެ އިނީ ހޭޒަލްގެ ޚިޔާލަކަށް ގެއްލިފައެވެ. މިފަހަކަށް އައިސް ހޭޒަލް މާ ބޮޑަށް ޝައްކު ކުރަން ފަށައިގެން އެ އުޅެނީ ކީއްވެބާއޭ ލިއަމްގެ ހިތަށް އަރަމުންދިޔައެވެ. އަތޮޅުތެރެއިން ލިއަމް އައިފަހުން ހޭޒަލް ވަރަށް ހަމަޖެހުނުކަން އެނގެއެވެ. އެ ހަމަޖެހުން ދިގުލައިގެން ނުދިޔައެވެ. ލިއަމްގެ ބޮލުގައި ރައްސަންފެށީ އެހެންވެއެވެ. މިނޫނީ ލިއަމް ބުނާ އެއްޗަކާ މެދު ހޭޒަލް ސުވާލެއް ނުކުރާނެއެވެ. އޮފީހާއި ކޮފީތަކުގައި ކިތަންމެ އިރަކު އިނަސް ތަފްސީލުތަކެއް ނާހާނެއެވެ. އެއްވެސް އިރަކު ލިއަމްއަކީ އޮފީހުގެ ވާހަކަތައް ގެއާ ހަމައަށް ގެންނަ ޒުވާނެއްނޫނެވެ. އޭނާގެ އެ ފަސޭހަ ދިރިއުޅުން ދަތިވާން ފެށުމުން ލިއަމްއަށް ރުޅި އާދެވެނީ ގަސްދަކާނުލައެވެ. އޭނާއާ މާގިނަ ސުވާލު ކުރިމަތިވުމަކީ އެއްގޮތަށް ވެސް ލިއަމް އެދޭ ގޮތެއްނޫނެވެ. އެހެންވިޔަސް ހޭޒަލް މިފަހަރު ނުހުއްޓާނެއޭ ލިއަމްގެ ޟަމީރު ބުނެއެވެ. ޚާއްޞަކޮށް މިއަދު ހެނދުނު އޭނާއާ ހޭޒަލް ކުރިމަތިލީ ގޮތް އަދިވެސް ލޯ ކުރިމަތިން ފެންނަ ކަހަލައެވެ. ހޭޒަލްއަށް ކަމެއް އެނގިއްޖެހެން ލިއަމްއަށް ހީވަނީއެވެ. ކުއްލިއަކަށް ހޭޒަލްގެ ވާހަކަތަކަށް އެއްޗެއް ނުބުނީ ލިއަމްއަށް ގޯސް އެއްޗެއް ބުނެވިދާނެތީއެވެ. އެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރާފާނޭ ލިއަމްއަށް ހީވެގެންނެވެ. އޭނާ ހޭޒަލްއާ ކުރިމަތިލާން ބޭނުންވަނީ ވަރަށް ވިސްނާ ބުނާނޭ އެއްޗެއް ރާވައިގެންނެވެ. ހޭޒަލްގެ ކުރިމަތީ އޭނާގެ އިތުބާރު ގެއްލޭކަށް ލިއަމް ނޭދެއެވެ. އެހެންވެ ކޮންމެ ގޮތަކުން ވެސް ހޭޒަލް ރުއްސަން އޭނާ އެދޭ ގޮތަށް ވާހަކަދައްކަން ލިއަމް އިސްކަން ދެއެވެ. އަދި ލިއަމްގެ އަނދިރިފަރާތް ނިއުޅަން ނޫޅެ އެކަމުގެ މަތިން ހޭޒަލް ހަނދާންނެތޭނޭ ފަދަ ކަންކަން ކުރަން ލިއަމް އިސްކަމެއް ދެއެވެ. އެންމެ ފަސޭހަ ގޮތަކީ ހޭޒަލް ގާތުން މަޢާފަށް އެދުމެވެ. ލިއަމް ދެރަވެއްޖެނަމަ ނޫނީ ރުޅި އަތުވެއްޖެނަމަ ހޭޒަލް ވަރަށް ކަންބޮޑުވާނެއެވެ. މިހާތަނަށް ލިއަމް ބޭނުންކުރަމުން އައި އުކުޅަކީ ވެސް އެއީއެވެ. އެކަންކަމުން އަސަރެއް ނުކޮށްފިއްޔާ އިތުރު ގޮތަކާ މެދު ވިސްނުން ގެންދަން ލިއަމް ނިންމިއެވެ.

* * * * *

ޒުކަންގެ ނިންމުމާ ދެކޮޅު ހަދަން ދާރިއަން އުޅޭހެން ހީވުމުން ގޮނޑިން އޭނާ ތެދުވިއެވެ. އަދި މޭޒުގެ އެއްފަރާތުން ނުކުމެގެން އައިސް ދާރިއަން އިން ގޮނޑި ކައިރީ މޭޒުގައި ފޫޖައްސާލައި ޒުކަން ދެއަތްއުރާލިއެވެ.

"އައިކު ގާތު ބައްޕަ ބުނަންވީނު" ގަޔާނުވެފައި އިނދެ ދާރިއަން ބުންޏެވެ.

"އެކަމަކު ބައްޕަ މިބުނީ ދާރިއަން ގާތުއެއްނު" ޒުކަން ބުންޏެވެ.

"ސާރާ ބުނެގެން ދޯ ބައްޕަ ތިގޮތަށް ތި ނިންމީ" ދާރިއަން ނުކުރަން އިން ސުވާލު ކުރިއެވެ.

"ބައްޕައަށް ރަނގަޅުކަމެއް ކަމަށް ފެންނާތީ އެހެން ނިންމީ... ސާރާގެ އެއްވެސް އުނިކަމެއްނެތް، އެންމެ ދެ ދުވަހެންނު އެކޮޅުގަ ވާނީ، ޔޫ ގާއިޒް އާ ދި ފިއުޗަރ އޮފް ދިޒް ކޮމްޕެނީ، އަނެއްކާ ތި ދެކުދީންނަކީ ނުލާހިކު ގުޅޭ ޖޯޑެއް... އައިކުއަކަށް ނޭނގޭނެ މި ކޮމްޕެނީ ރީޕްރެޒެންޓް ކުރާކަށް، މިތަނަށް އައި ވަދެނުލާ މީހަކަށް ކިހިނެއް އެނގޭނީ" ޒުކަންގެ ނިންމުން ތަފްސީލުކޮށްލިއެވެ.

"ސާރާއަށް އެނގޭނެ، އެކަހަލަ މާޙައުލެއްގައި އިންޖޯއި ކޮށްލުމަކީ ދޮންބެ އުފަލުން އެއްބަސްވާނެކަމެއް، އައި ތިންކް ދޭ ބޯތް އާ ގުޑް ފޯ އީޗް އަދާރ" ދާރިއަން ބުނެލި ގޮތުން ޒުކަން ގާތަށް ހިނިއައެވެ. އޭނާގެ ވައަތުން ގޮނޑީގައި އިން ދާރިއަންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

"އެއްވެސް ގޮތަކަށް ޕްރެޝާކުރާކަށް ބޭނުމެއްނޫން، އެހެންވިޔަސް ވައި ޑޯންޓް ޔޫ ގިވް ހާ އަ ޗާންސް، ބައްޕައަށް އެނގޭ ސާރާއަށް ދާރިއަން ވަރަށް ކަމުދާކަން، ބައްޕައަށް ސާރާ ވަރަށް ކަމުދޭ... އިތުބާރު ހިފޭ ގާތް ރަޙުމަތްތެރިއެއްގެ ދަރިއެއްވީމަ ކަންނޭނގެ، ސާރާ ބޮޑުވީ އަހަރެމެންގެ ކުރިމަތީގަ، އެކަނި ހުރުމަށްވުރެ ދަރިފުޅު ވެސް މިހާރު ބައިވެރިއަކު ޚިޔާރުކުރަންވެއްޖެ... މަންމަ އެހީމަ ވެސް ދާރިއަން ބުނީމެންނު ރިލޭޝަންޝިޕެއްގައެއްނޫނޭ ހުރީ، ދަރިފުޅަށް ކަމުދާ ކުއްޖަކު ވެސް ނެތޭ، އައިކުއަށްވުރެ ބޮޑަށް މިކަހަލަ ކަންކަމުގައި ދަރިފުޅާމެދު ބައްޕަ ކަންބޮޑުވޭ، މަސައްކަތުގެ ބޭރުން ވެސް ދިރިއުޅުމެއް ހޯދަންވާނެ، ހޯދާ ބައިވެރިޔާއަކީ އިތުބާރު ހިފޭ ރަނގަޅު ކުއްޖަކަށްވާންޖެހޭ" ޒުކަން ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އޯކޭ... އައި ވިލް ގޯ" ދާރިއަން ބުނެލިއެވެ. ހީވީ ޒުކަންގެ ވާހަކަތައް ހުއްޓުވާލަން ބޭނުންވީ ހެންނެވެ. ސާރާގެ ކިބައިގަ ފޫހިވާގޮތެއް ނެތަސް ދާރިއަންއަށް އޭނާ ދެކެވެނީ ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. ހިތުގައި ސާރާއާ މެދު ޚާއްޞަކަމެއް ނެތީއެވެ. ނަމަވެސް މިހެން ވެދާނޭ ދާރިއަންއަށް އޮތީ ކުރީން ހީވެފައެވެ. އޭނާގެ މައިންބަފައިންގެ ރުހުން ސާރާ ވަނީ ހޯދާފައެވެ. ދާރިއަން ވެސް ފާޅުގައި ސާރާއަށް ނޫނެކޭ ބުނެފައެއް ނުވެއެވެ.

އިންވެސްޓަރުންތަކެއް އައިސްގެން ބާއްވާ ދެ ދުވަހެއްގެ ވޯކްޝޮޕަކަށް ރިސޯޓަކަށް ދާން ޖެހުމުން އެކަމުގައި ބައިވެރިވާނީ ސާރާއާއި ދާރިއަންކަން ނިންމީ ޒުކަން އެވެ. އޭނާ ގަސްދުގައި ދާރިއަންއަށް މަޖުބޫރުކުރީއެވެ. ސާރާއާއެކު އޮންނަ ގުޅުން ބަދަހިވާން ދާރިއަންއަށް ފުރުޞަތު ދޭން ވެގެންނެވެ. ޅީދަރިއަކަށް ހަދަން ސާރާއަކީ ޒުކަން ނުހަނު ގަޔާވާ ކުއްޖެކެވެ. އޭނާ ބާރު އަޅާލައިފިއްޔާ ދާރިއަންއަށް ނޫނެކޭ ބުނަން ނުކެރޭނެކަން ޒުކަން ދެނެހުއްޓެވެ. މިކަމުގައި އެންމެބޮޑު ރޯލެއް އަދާކުރަނީ އިބާއެވެ. ދާރިންގެ ކަންތައްތަކުގައި ޒުކަންއަށްވުރެ އިބާ ނުފޫޒު ބޮޑެވެ.

"ދެ ކުދީން ތައްޔާރުވެލަން ދާންވީނު، ސާރާ އެބައިން އޭނާގެ ކެބިންގަ... އެންޑް ބީ ނައިސް ޓު ހާ... ޕްލީޒް" ޒުކަން ލުއި ހިނިތުންވުމެއް ދިނެވެ. ދާރިއަން މަޑުމަޑުން ބޯޖަހާލީއެވެ.

ދެ ދުވަހަށް ދާރިއަންއާއެކު އެކަހެރިވެލާނޭ ފުރުޞަތެއް ފަހިވުމުން ސާރާއަށް އުފަލުން ނަށައިގަނެވުނެވެ. އޭރު އެ ޚަބަރު ހިފައިގެން އައިސް އިން ދާރިއަންގެ މޫނުން އުފާވެރިކަމަށްވުރެ ސީރިއަސްކަން ފާޅުވޭވޭ ހުއްޓެވެ. އޭނާ ސާރާއާ ވާހަކަދެއްކީ ވެސް އެ ސީރިއަސް ރާގުގައެވެ. ޗުއްޓީ ހޭދަކުރަން ދަނީ ނޫންކަން ދާރިއަން ހަނދާންކޮށްލަ ދިނެވެ. އަދި އޭނާއަށް އުނދަގޫވާނޭހެން ސާރާގެ ޢަމަލުތައް ބަހައްޓައިގެން ނުވާނޭކަމަށް ބުނެލިއެވެ. ސާރާ ޖަހާލީ ހިނިގަނޑެކެވެ. އޭނާ އެއްވެސް އިރަކު ދާރިއަންއަށް އުނދަގޫވާ ކަހަލަ ކަމެއް ނުކުރަމޭ ބުނެލީ ދާރިއަން ބުނި އެއްޗެއްގެ މުރާދު ރަނގަޅަށް ދެނެހުރެއެވެ.

* * * * *

ހަވީރުގެ ވަގުތެވެ. ހޭޒަލް ގެއަށްދާން ހުރީ ބޭނުންވެފައެވެ. ލިއަމްއާ ކުރިމަތިލައި އޭނާ ބުނާ އެއްޗެއް ވެސް އަޑުއަހަން ހޭޒަލް ބޭނުމެވެ. ތަފާތު ޚިޔާލުތަކުން ހޭޒަލްގެ ހިތްވަނީ ބިރުގެންފައެވެ. ދުނިޔެއާ ކުރިމަތިލާނޭ ގޮތަކާމެދު އޭނާއަށް މާބޮޑަށް ވިސްނެނީއެވެ. މިނޫނީ ލިއަމްއާ ނުލައި ދިރިއުޅުމުގެ އެއްވެސް މަރުހަލާއެއް ކަޑަތުކުރުމުގެ ޚިޔާލެއް ހޭޒަލްކޮށްފައެއް ނުވެއެވެ. ލިއަމް އޮފީސް ނިންމާފައި ޢާންމުކޮށް އަންނަ ގަޑިއާ ދިމާކޮށް ހޭޒަލް ފޯނު ނެގީ ލިއަމްއަށް މެސެޖެއް ލިއުމަށެވެ. އެހާއިރު ވީއިރު ވެސް ލިއަމްގެ ޚަބަރެއް ނުވުމުން އެކަމާ ވެސް ހޭޒަލް ހުރީ ދެރަވެފައެވެ. ލިއަމްއަށް އޭނާ މުހިންމުނުވީބާއޭ ހިތަށް އަރާފައެވެ.

"ވީ ހޭވް ޓު ޓޯކް... ޔޫ ކާންޓް ކީޕް އިގްނޯރިންގް މީ... ވާހަކަދައްކަން ލިއަމް ބޭނުންނުވާނަމަ އަހަރެން ޤަބޫލުކުރާނީ ލިއަމްއަށް އަހަރެންގެ ބޭނުމެއް އިތުރަށް ނެތްކަމަށް، އަހަރެން ބަލާ އައުމުގެ ބޭނުމެއްނެތް" ހޭޒަލް މެސެޖު ފޮނުވާލިއެވެ.

"މިދަނީ ބަލާ... ތިރިއަށް ފައިބާ" ލިއަމްގެ ޖަވާބު އައެވެ. އެކަމަކު އޭގައި ހޭޒަލްދެއްކި ވާހަކައާ ގުޅުމެއްނެތެވެ.

ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައި ސާއިރާގެ ނަޒަރު ސޯފާގައި އިން ހޭޒަލްއަށް ހުއްޓުނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހޭޒަލް އިންއިރު އެ މޫނުގައިވާ އަސަރެއް ސާއިރާއަކަށް ނުފެނެއެވެ. އޭނާއަށް ވިސްނާލެވުނީ ރިޒްވާން ދެއްކި ވާހަކަތަކެވެ. ހޭޒަލްއާ ގާތްކޮށް ވާހަކަދައްކާލަން ރިޒްވާން ޚިޔާލުދިނެވެ. ދިރިއުޅުމުގެ ހުރިހާކަމެއް ވެސް ރަނގަޅުތޯ އަހާ އޮޅުންފިލުމަށް ރިޒްވާން ބުނީ ކަމަކާ ކަންބޮޑުވެގެންނެވެ. ލިއަމްއާއި ހޭޒަލްއާ ދެމެދު ކަމެއް ހިނގައިފިކަމުގައި ރިޒްވާނަށް ހީވިޔަސް ސާއިރާއަށް އެހެންވެދާނޭ ޤަބޫލުނުކުރެވެނީއެވެ.

"މަންމާ..." ސާއިރާ ކަމަކަށް ގެއްލިފައި ހުރި ތަން އިސްއުފުލާލި ހިނދު ހޭޒަލްއަށް ފެނުނެވެ. ދަރިފުޅުގެ އަޑުއިވި ސާއިރާ ހިނިތުންވުމެއް ދިނެވެ. އަދި އައިސް ހޭޒަލްގެ ގާތުގައި އިށީނެވެ.

"ޒެއްލު... ހުރިހާކަމެއް ރަނގަޅުތަ؟ ލިއަމް ރަނގަޅުތަ؟" ސާއިރާ އަހާލިއެވެ.

"ޔާ!... ރަނގަޅު ހުރިހާކަމެއް، ކީއްވެ މަންމަ ތިހެން ތި އެހީ" ހޭޒަލް ހަމަޖެހޭ ގޮތް ފާޅުކުރިއެވެ. އެއްވެސް ކަމެއް ހިނގައިގެން އުޅޭކަން އިތުރު މީހަކަށް އެނގޭކަށް ހޭޒަލް ބޭނުމެއްނޫނެވެ. އެ މީހުންގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ހޭޒަލްގެ އަތަކު ނެތެވެ.
ސާއިރާއާ މާގިނަ ވާހަކައެއް ނުދެއްކީން ލިއަމްގެ ފޯނުކޯލެއް ހޭޒަލްއަށް އައެވެ. އޭނާ ހިނިތުންވެލަމުން ލިއަމް އެއައީ އޭނާ ބަލާކަމުގައި ސާއިރާ ގާތު ބުނެލިއެވެ. އަދި ފޯނުކޯލު ނަގައި އޭނާ އެބަ ފައިބަންކަމުގައި ބުނެލިއެވެ. ހޭޒަލް ފޯނުކޯލު ކަނޑާލުމާއެކު ސާއިރާ އެހީ ލިއަމް ގެއަށް ނުވަދެ ދަނީހެއްޔެވެ. އެއާއެކު ހޭޒަލް ބަހަނާއެއް ހަދާލިއެވެ. ސާއިރާއަށް ހޭޒަލްގެ ފުށުން އެއްވެސް ތަފާތެއް ފާހަގައެއްނުވިއެވެ. ރިޒްވާނު ދެއްކި ވާހަކައާ މެދު އޭނާ މާބޮޑު ފިކުރެއް ނުކުރީ އެހެންވެއެވެ. ހޭޒަލްއަށް ކަމެއްވެއްޖެނަމަ އޭނާ ސިއްރެއް ނުކުރާނޭ ސާއިރާގެ ހިތް ބުނެއެވެ. ހޭޒަލްއަކީ ކަންކަމާ ކުރިމަތިލާން ކެރޭ ޒުވާނެކެވެ. އޭނާގެ ދަރިފުޅުގެ އެ ސިފައާ މެދު ސާއިރާ ފަޚުރުވެރިވެއެވެ. އެ ދަރިފުޅަށް ކުރިމަތިނުލޭވޭނެކަމެއް އިރާދަކުރެއްވިއްޔާ ދިމައެއްނުވާނޭ ސާއިރާ ހިތާހިތުން ބުނެލިއެވެ.

ދޮރޯށްޓާ ހަމައަށް ހޭޒަލްއާއެކު ސާއިރާ ނުކުތެވެ. ދޮރުމަތީ ސައިކަލުގައި ލިއަމް އިނެވެ. ސާއިރާ ފެނުމުން ހިސާބެއްގެ ހައިރާންކަމެއް ލިބުނަސް ނިކަން އަވަހަށް ލިއަމް ހިނިތުންވެލިއެވެ. ގޭތެރެއަށް ނުވަދެ ލިއަމް ދާތީ ސާއިރާ އެކަމާ ޝަކުވާ ކޮށްލިއެވެ. ސާއިރާގެ ހަރަކާތްތަކާއި ވާހަކަ ހުރި ގޮތުން ލިއަމްއަށް ކަމެއް އެނގިއްޖެއެވެ. ހޭޒަލް މީހެއްކައިރީ އެދެމެދުގައި ހިނގާ ކަންތައްތައް ޚިއްޞާނުކުރާކަމެވެ. އެއީ ވެސް ލިއަމްއަށް ހޭޒަލްގެ ފުށުން ކަމުދާ ސިފައެކެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ހޭޒަލް އައިސް ސޯފާގައި އިށީދެއްޖެއެވެ. ލިއަމް ގޮސް ވަނީ ކޮޓަރިއަށެވެ. ގެއަށް އައި މަގުމަތީ ދެ މީހުންކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ހޭޒަލް ސޯފާގައި އިންނަތާ ބައިގަޑިއިރު ފަހުން ލިއަމް ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ. ހޭޒަލްއަށް އޭނާ ބަލާލުމާއެކު އެކަކުއަނެކަކާ ނަޒަރު ސީދާ ވިއެވެ.

"ކޮޓަރިއަށް ނާންނާނަންތަ؟" ލިއަމް އަހާލިއެވެ.

"ވާހަކަދައްކަން މިތަން ވެސް އޯކޭ" ހޭޒަލް ބުނެލިއެވެ. ލިއަމް ތުންބައްދާލިތަން ހޭޒަލް ދުށްޓެވެ.

"ކޮންވާހަކައެއްތަ ދައްކަން އޮތީ؟ އަހަރެން ނޫޅެން އެހެން މީހަކާ ނީނދެވިގެންނެއް، ޒެއްލުއަށް ތިވެގެން އުޅޭގޮތެއް އަހަންނަކަށް ނޭނގޭ... ސީރިއަސްކޮށް މިބުނީ، އަހަރެންގެ ބޯ ފަޅައިގެން ހިނގައިދާނެހެން ހީވަނީ" ލިއަމް ބުނެލިއެވެ. އޭނާ އެއްގޮތަކަށް ވެސް ވާހަކަދައްކަން ގަޔާނުވާކަން ވާހަކަދެއްކި ރާގުން ވެސް ހޭޒަލްއަށް އެނގުނެވެ.

"މިތާ އިށީނދެބަލަ، އެއްޗެއް ބުނާއިރަށް ލިއަމް ރުޅިއަންނާކަށް ނުވެއެއްނު، އަހަރެންގެ ބޮލުގަ ވެސް ހާދަ ރިއްސައޭ، ލިއަމް ހީކުރަނީ އަހަރެން ކުރާހިތުން ކުރާކަމެއްކަމައްތަ މިހެން ދެބަސްވުމަކީ، ލިއަމްއަށް ކަންކަމުގައި ޝައްކުކުރުމަކީ... އަހަރެންގެ ހިތަށް ވެސް ހާދަ އުނދަގޫވެޔޭ، އެންމެ މަހެއް ދެމަހެއް ނޫން މިވީ އަހަރެމެން އިނދެގެން އުޅޭތާ، ހަތްއަހަރުވެގެން ދިޔައީ... އަންނަ އަހަރަށް އަށް އަހަރުވާނެ... އެކުގައި މިހާ ދުވަހު އުޅުނު އިރު މިހާރު ނޫނީ އަހަރެން ކަންކަމާ ސުވާލުކޮށް ނުހަދަމެންނު، އަހަންނަށް އެއްޗެއް އަހާލެވެންވާއިރަށް ލިއަމް ތިހުންނަނީ ރުޅި އައިސް ރަތްވެފަ، ލިއަމް ހީކުރަނީ ރުޅިއައުމަކީ ހައްލެއްކަމައްތަ؟ ކޮންމެ ފަހަރަކު އަހަރެން ގޮތްދޫކުރަނީ... ލިއަމްއަށް ޓަކައި... އަހަރެމެން ދެމެދުގައި އޮތް ގުޅުމަށް ޓަކައި... ލިއަމްއަކީ ކުރީން އަހަރެން އެއްޗެއް ބުނާއިރަށް ތިހާ އަވަހަށް ރުޅި އަންނަ މީހެއްނޫން، ލިއަމްއަށް ބަދަލުތަކެއް އަތުވެއްޖެކަން އަހަންނަށް އެނގުނެއްކަމަކު ހުރީ އެއީ އެވަރުކަމެއްނޫނޭ އަމިއްލަ ނަފްސަށް ވިސްނާދީގެން... އޮފީހަކީ ލިއަމްއަށް ކިހާ މުހިންމުތަނެއްކަން ދަނެގެން، މަޤާމާއެކު މަސްއޫލިއްޔަތު އިތުރުވާނޭކަން ޤަބޫލުކޮށްލައިގެން... ބަޓް ނައު އައި ކާންޓް... ހުރިހާކަމެއް ތެދަށް ކިޔައިދީބަލަ، ލިއަމް ތިހެން ތިއުޅެނީ ކީއްވެތަ؟" ހޭޒަލް ވާހަކަދެއްކިއެވެ. ލިއަމް އައިސް ހޭޒަލް އިން ދިގު ސޯފާގެ ކަނާއަތް ފަރާތުގައި ހުރި ސޯފާގައި އިށީނެވެ.

"އަހަރެން ކިހިނެއް އުޅެނީތަ؟" ލިއަމް ވެސް ކުރީ ސުވާލެވެ.

"ލިއަމް އަހަންނަށް ދޮގު ހަދާނޭ ކަމަށް ހިޔެއްނުކުރަން ދުވަހަކުވެސް، ލަދުން ވެސް މަރުވާވަރުވޭ... ވިޔާނުދާ ހުތުރުކަން ބޮޑުވެގެންވާ ފާފަކުރާ މީހަކަށް ލިއަމް ވެދާނޭ ހީކުރާނީ ކާކު؟... ހެޔޮނުވާނެ ލިއަމް... އަހަންނަށް ސިއްރުން އެއްވެސް ކަމެއް ލިއަމް ހަމަ ނުކުރަންތަ؟" ހޭޒަލްގެ އަޑުގައި ވެސް ހަރުކަށިކަން ވިއެވެ.

"އާން! ނުކުރަން..." ލިއަމް ނިކަން އަވަހަށް ބުނެލި ނަމަވެސް އެ މޫނުން ޖެހިލުންވުން ފާޅުވިތަން ހޭޒަލް ދުށްޓެވެ.

"ސުބްހާނައްﷲ!... ލިއަމް ބިރެއް ވެސް ނުގަނޭތަ؟ ﷲ ކޮންމެ ފަދަ ކޯފާއެއް ވެސް ފޮނުވައްފާނޭ ހިތަކަށް ނާރާތަ؟ އަހަންނަށް ކަންކަން އެނގިގެންނޭ ލިއަމްއާ ސުވާލު މިކުރަނީ؟" ހޭޒަލްއަށް އިށީނދެ އިނުން ފަސޭހައެއްނުވިއެވެ. އޭނާ ކޮޅަށް ތެދުވެ ލިއަމްއާ ކުރިމަތިލިއެވެ.

"އަހަރެން ކޮންކަމެއްކޮށްގެންތަ ތިއުޅެނީ" ލިއަމް ބުންޏެވެ.

"އެއްބަހެއްނުވާނަންތަ؟... ފައިސާ ޚަރަދުކޮށްގެން ހިލޭ އަންހެނުން ގާތަށް އެދުންތައް ފުއްދަން ދިއުމާ، މަސާޖުތައް ކުރަން އެފަދަ ތަންތަނަށް ދިއުމާ... މީ ލިއަމް ދެނަހުރިކަމެއް ވެސް ނޫން ދޯ" ހޭޒަލްއަށް ރުޅިއައިސްގެން ބުނެވުނީ ނިކަން ބާރަށެވެ.

"އަހަރެން ނޯންނާނެ ގޮސްފައެއް" ލިއަމްގެ ނިތަށް ރޫގިނަވެލިއެވެ.

"ފަރާއަށް ދަންވަރު ގުޅައިގެން އިންދައޭ އެރޭ އަހަންނަށް ނުކުމެވުނީ، އަނބިމީހާ ގާތުގައި އޮންނައިރު ވެސް ނިދާފަ އޮވެގެން ގޮވަނީ ހިލޭ އަންހެނުންނަށް.... އަހަރެންގެ ހިތަށް ވާނޭ ގޮތަކާއި އަރާނޭ އެއްޗެއްސާ މެދު ލިއަމް ވިސްނާލިންތަ؟ އަހަރެން ބޭނުންވާނެތަ އަހަރެންގެ ފިރިމީހާ ނިދީގައި ވިޔަސް ހިލޭ އަންހެނުންނަށް ބޭނުންވެގެން އުޅޭން" ހޭޒަލްގެ އަޑު ކުރެހުނެވެ. ލިއަމް އެއްބަސްނުވާތީ އެކަމާ އޭނާގެ ރުޅި ގަދަވެފައި ވިއެވެ.

"ނިދީގައި ކުރާކަންތައްތަކަކީ އަހަރެން ގަސްދުގައި ކުރާ ކަންތައްތައް؟ ޒެއްލުއަކަށް ކޯއްޗެއްތަ އެނގިގެން ތިއުޅެނީ" ލިއަމް ނުރުހުމާއެކު ބުންޏެވެ.

"ނިދީގައި ވެސް ކިޔޭނީ ތިމާ ޚިޔާލުކުރާ ކަންތައްތައް، ތިމާ އުޅޭ ގޮތުން ނުކުންނަ ނަތީޖާ އެއީ... ދަންވަރު ހޭލާ ތިއިންނަނީ ނުނިދިގެންނެއްނޫން... ލިއަމް ކުރަން ބޭނުންވާ އެހެންކަމެއް އޮވެގެން، ހެނދުނު ހޭލަން ޖެހޭކަން އެނގޭއިރު ވެސް އެންމެ ރެއަކު އަހަންނާއެކު އަވަހަށް ނިދަން އޮށޯތީންތަ؟ ސައުވިސް ގަޑިއިރު ތި ފޯނުން އަތް ދޫނުވޭ، ހެނދުނު ނުކުމެގެން ތި އޮފީހަކަށް ދާ މީހާ އަންނަނީ އިރުއޮއްސެން އުޅޭއިރު، އަންނައިރު ވަރުބަލިވެފަ ހުންނަނީ... ދެން ބޭނުންވަނީ ޖައްސާލަން... އަނެއްކޮޅުން ރޭގަނޑު ދިހައެއްގެ ފަސްވީމަ އެވީ އަނެއްކާ ވެސް އޮފީހަށް ދާން، ދެން އަންނަ މީހާ އެކެއްގެ ކުރިއަކުން ގެއާ ހަމައަކަށް ނުފޯރާނެ، އެއީ އެންމެ އަވަސްވެގެން... ގަޑިންގަޑިއަށް ކުރަން މަޖުބޫރުވެފައި އޮންނަ ކަމެއްހެން އަހަރެމެން ދެ މީހުންގެ ދިރިއުޅުންވަނީ ތާވަލުކުރެވިފަ، ދެ މީހުން ބޭރަށްދާން ވަކިރެޔެއް، އޮފީހުގައި އުޅޭއިރު ލިއަމްއާ ވާހަކަދައްކަން ވަކި ވަގުތެއް އޮންނަނީ ކަނޑައެޅިފަ، ހެނދުނު އޮފީހަށް ދާގޮތަށް އެހާ ބިޒީ، އެކަމަކު ދިހައެއް ޖަހާއިރު ހުޅޫވާ އިސްޕާތަކަށް މަސާޖުކުރަންދާން ވަގުތުވޭ... އެވަގުތު ތަކުގައި އޮފީސް ބިޒީއެއް ވެސް ނުވޭ ދޯ... ފަސް ސަތޭކަ، ހަތް ސަތޭކައިން ފެށިގެން އެއްހާހުން ފަސް ހާހުން ޚަރަދުކޮށްގެން އަންހެނުން ގާތަށް ދިއުމަކީ ވެސް ބިޒީ ޝެޑިއުލްގެ ތެރެއިން ކުރަން ޖެހޭ ކަމެއް... ވަގަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަހޭ ބުނެއެއްނު... ކިތަންމެ ސިއްރުން އުޅުނަސް އެނގެން ހުރިކަމެއް އެނގޭނެ، އަހަރެން ބޭރަށް ނުކުމެ ނުހަދާތީ އެއްވެސް ކަމެއް ނޭނގޭނެޔޭ ލިއަމް ހީކުރިޔަސް އަހަރެން ގާތު ވެސް ބުނާނޭ މީހުން ތިބެދާނޭކަން ލިއަމް ވިސްނާލިނަމަ، ޔޫ ލެޓް މީ ޑައުން... އަހަރެން ކިހިނެއް ލިއަމްއަށް އިތުބާރުކުރާނީ... އަހަރެން ފަކުރުގަނޭ ލިއަމްއާ ގާތްވާން ވެސް... އަހަންނަށް މިހެން ހެދީ ލިއަމް، އަހަރެން ކިހާ އިތުބާރެއް ކުރީން، ހާދަ ލޯތްބެއްވެޔޭ، ދުވަހަކުވެސް ލިއަމްއާ ނުލާ އުޅޭނަމޭ ހިތުގައި ނެތް، ބަޓް އައި ކާންޓް ޓޭކް ދިސް އެނީމޯ... ލިއަމް އަހަރެންގެ ކުރިމަތީގަ ތި ދޮގު ހަދަނީ، އަހަންނަށް އެނގުނީމަ އެޓްލީސްޓް އެއްބަސްވެބަލަ... ކީއްވެތަ އެހެން އުޅޭން ޖެހުނީ... އެކަންކަމުގެ އަޖުމަ ބަލަން ލިއަމް ބޭނުންވަނީތަ؟ ފުރަގަސްފަރާތް ބޭނުންކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ލިއަމްއަށް އެނގޭތަ؟... ޑިސްގަސްޓިންގް... މި ހުރިހާކަމެއް ކޮށްފައި ވެސް ތި އަހަނީ ކޮންކަމެއްހޭ ތިމަންނަ ކުރީ؟... ލިއަމްގެ ތި ޢަމަލުތަކުން އަހަރެންގެ ހިތް ހަލާކުކޮށްލައިފި، މިހާރު އަހަންނަށް ވަރަށް ބޮޑަށް ޔަގީން ކުޅުދުށްފުށީގައި އެ އަންހެން މީހާއާއެކު ވެސް ލިއަމްގެ ގުޅުމެއް އޮތްކަން، މީ ކިހާ ހުތުރުކަމެއް... އަހަރެން ލިއަމްއަށް މިނިވަންކަން ދިނީ ފާފަ ކުރަންތަ؟" ހޭޒަލްއަށް ރޮވި އަޑު ބެދޭ ގޮތްވިއެވެ.

"ކާކު ދެއްކި ވާހަކައެއްތީ؟" ލިއަމް އެއްސެވެ. އޭނާގެ މޫނުން މިހާރު ފާޅުވަނީ ހައިރާންކަމެވެ. ހޭޒަލް އެ ދެއްކި ވާހަކަތައް އޭނާއަށް އެނގެން ޖެހުނު ގޮތަކާމެދު ލިއަމް ސުވާލު އުފެދިފައި އިން ކަހަލައެވެ. އިހު ހުރި ރުންކުރުކަން ލިއަމްގެ ފުށުން ފިލައިފިއެވެ. އެއަށްވުރެ އޭނާ އިނީ ފިކުރު ބޮޑުވެފައި އިންހެނެވެ. ކަންބޮޑުވެފައި ހޭޒަލްއާ ދިމާއަށް ލިއަމް ބަލާލިއެވެ. މޫނުގައި ދެއަތް އަޅައިގެން ލިއަމްއަށް ފުރަގަސް ދީގެން ހުރެ ހޭޒަލް ރޮނީއެވެ. އޭނާއަށް ގިސްލެވެނީއެވެ. ކުށްވެރިކަމުގެ އިޙްސާސް ލިއަމްގެ ނަފްސު ވަށާލިއެވެ.

(ނުނިމޭ)