މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްގެ މައްޗަށް ރާއްޖެއިން ކާމިޔާބު ހޯދައިފި އެވެ.
ރާއްޖެއިން މެޗު ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓް ރާއްޖެއިން ހޯދީ ބޮޑު ތަފާތަކުންނެވެ. އެ ސެޓް ކާމިޔާބު ކުރީ 25-16 އިންނެވެ. ކުޅުންތެރިންގެ އިސްކޮޅަށް ބަލާއިރު ބަންގުލަދޭޝްގެ ޓީމަށް އެޑްވާންޓޭޖު އޮތެވެ. އަދި އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމަކީވެސް ބަންގުލަދޭޝްއަށް އޮތް އިތުރު އެޑްވާންޓޭޖަކަށް ވި އެވެ.
އެހެންނަމަވެސް، ދިވެހި ކުޅުންތެރިން ކުޅެމުން ދިޔައީ މެޗަށް ފޯކަސް ބަހައްޓައިގެންނެވެ. ސެޓްގެ ފަހު ކޮޅުގައި ވަރަށް ވާދަވެރިކޮށް ދިޔަ ދެ ވަނަ ސެޓް ރާއްޖެއަށް ލިބުނީ ބަންގުލަދޭޝް ކުޅުންތެރިންނަށް ހެދުނު މިސްޓޭކަކުންނެވެ. މެޗުގެ ގޭމްބޯލް ޕޮއިންޓް ބަންގުލަދޭޝްގެ ކުޅުންތެރިން ހޯދި ފަހުން ރާއްޖެއިން 24-24 ސެޓްގެ ޕޮއިންޓް ހަމަހަމަ ކުރި އެވެ. އޭގެ ފަހުން ބަންގުލަދޭޝްގެ ޓީމު 25 ޕޮއިންޓް ހޯދައި ސެޓް ކާމިޔާބު ކުރަން ބާކީ އެންމެ ޕޮއިންޓަކާ ގާތް ކުރި އެވެ. ބަންގުލަދޭޝް ކުޅުންތެރިން އިތުބާރާއެކު އިތުރު ޕޮއިންޓެއް ހޯދައި ސެޓް ނިމުނީ ކަމަށް ބަލައި އުފާފާޅުވެސް ކުރި އެވެ. އެހެންނަމަވެސް މެޗުގެ ރެފްރީ ނިންމީ ބްނގުލަދޭޝްގެ ކުޅުންތެރިންނަށް ގޯހެއް ހެދުނު ކަމަށެެވެ. އަދި ރާއްޖެއަށް ޕޮއިންޓް ލިބުނެވެ. އޭގެ ފަހުން ރާއްޖެއިން ހޯދި ދެ ޕޮއިންޓަކީވެސް ބަންގުލަދޭޝްގެ ކޯޓްގެ މެދުތެރެއަށް ވައްޓާލި ދެ ބޯޅައިން ސްކޯ ކުރި ދެ ޕޮއިންޓެވެ. އެ ސެޓް ރާއްޖެއިން ގެންދިޔައީ 27-25 ންނެވެ.
ފުރަތަމަ ދެ ސެޓް ކާމިޔާބު ކޮށް ރާއްޖެއިން ތިން ވަނަ ސެޓާ ކުރިމަތި ލީ އިތުބާރާއެކު އެވެ. ބަންގުލަދޭޝްއިން ތިން ޕޮއިންޓް ލީޑެއް ނަގާފައި ވަނިކޮށް ރާއްޖެއިން ފަހަތުން އަރައި ޕޮއިންޓްތައް ހޯދައި އަލުން ބުނަގުލަދޭޝްގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. އެ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-22 ންނެވެ.
މުބާރާތުގައި މާދަމާ ރާއްޖެއިން ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އިއްޔަ ކިރިގިސްތާންގެ މައްޗަށްވެސް ކާމިޔާބު ހޯދި އެވެ.