މަރުތައް ތަހުގީގު ކުރާ ކޮމިޝަން

އަފްރަޝީމްގެ މަރުގެ ރިޕޯޓް ހާމަކުރަނީ

ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓުގެ މައުލޫމާތު މި ހަފްތާގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 51 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ވެފައިވާ އެންމެ މުހިންމު ވައުދަކީ މަރާލާފައިވާ މީހުންނާ ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ދެ ކޮމިޝަންގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ އެ ދެ ކޮމިޝަނުން ގިނަ ހޯދުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މަރުތައް ބަލާ ރިޔާސީ ކޮމިޝަން ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް އެމަނިކުފާނަށް ފޮނުއްވާފައިވާ ކަމަށެވެ.

"މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ރިޕޯޓް މައުލޫމާތުވެސް ހާމަ ކުރާނަން." ރައީސް ވިދާޅުވި އެވެ.

ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އޮކްޓޫބަރު 1، 2012 ގައެވެ. ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފަ އެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ރިޕޯޓް މައުލޫމާތުވެސް ހާމަ ކުރާނަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ މައްސަލަ ވެސް ތަހުގީގުކޮށް ނިންމައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވާއިރު، ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ އާތިފު ދިރިއުޅުނު ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ 2017 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން ބަންގްލަދޭޝް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން ކަނޑައަޅާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް އެއިން އެއްވެސް ރިޕޯޓެއް ގަބޫލެއް ނުކުރެ އެވެ.